ދަރުމަވަންތަ ސްކޫލުގެ ގްރޭޑް 8 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގައި ބޭއްވުނު މި ސެޝަނަކީ އޯ-ލެވެލްގައި ކިޔަވާނެ ސްޓްރީމްތައް އިޚްތިޔާރުކުރުމުގައި ދަރިވަރުންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ދިނުމަށް ހިންގުނު ހަރަކާތެކެވެ.
މި ސެޝަނުގައި، ސްޓްރީމް އިޚްތިޔާރުކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ދަރިވަރުންނަށް އިރުޝާދު ދީފައުވެއެވެ. އަދި ތަފާތު ސްޓްރީމްތަކާއި، އެ ދާއިރާތަކުން ކުރިއަށް ދެވެން ހުރި ތައުލީމީ އަދި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރެވުނެވެ. މީގެ އިތުރުން، ދަރިވަރުންގެ ޝައުގުވެރިކަމާއި، ހުނަރާއި، މުސްތަގުބަލުގެ އުންމީދުތަކަށް ރިއާޔަތްކޮށް ގޮތް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް މި ސެޝަނުގައި އަލިއަޅުވާލާފައިވެއެވެ.

ދަރުމަވަންތަ ސްކޫލުގެ 56 ދަރިވަރުން ބައިވެރިވި މި ސެޝަން ކުރިއަށް ގެންދިޔައީ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް (ސީ.އެފް.އޯ.އެސް)، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ލެކްޗަރާއިންނެވެ. މި ސެޝަންގެ ސަބަބުން ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ވަޒީފާގެ މައިދާނާ ގުޅޭ ފުޅާ މައުލޫމާތުތަކެއް ދަރިވަރުންނަށް ފޯރުކޮށްދިނެވެ.
މިއީ ސްކޫލްތަކާ ގުޅިގެން، ދަރިވަރުންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަށް އެމް.އެން.ޔޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
އެމް.އެން.ޔޫ އިން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް ސްކޫލްތަކާ ގުޅިގެން މިފަދަ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް، ދަރިވަރުންނަށް މަތީ ތައުލީމާއި ވަޒީފާގެ މައިދާނާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށެވެ.
advertisment
ހިޔާލު