ދިރާސީ އަހަރު ޖެނުވަރީގައި ފަށަން ތައުލީމުގެ ޤާނޫނަށް އިސްލާހެއް

ދިރާސީ އަހަރު ފަށަންވާނީ ޖެނުއަރީ މަހުން ފެށިގެން ކަމަށް ތައުލީމުގެ ޤާނޫނަށް ގެންނަ އިސްލާހުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ބިލުގައި، ތައުލީމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއްވަނީ އިތުރުކުރަން ހުށައަޅާފައެވެ.

23.1 ގެ ގޮތުގައި ހުށައަޅާފައިވަނީ ދިވެހިރާއްޖޭގެ ދިރާސީ އަހަރު އަދި ދިރާސީ ކަލަންޑަރު ކަނޑައަޅާނެ އުޞޫލުތަކެވެ. އެގޮތުން:

ކޮންމެ އަހަރެއްގެ ދިރާސީ ކަލަންޑަރު ފަށަންވާނީ އެ އަހަރެއްގެ ޖެނުވަރީ މަހުން ފެށިގެން ކަމަށް ބުނެފައިވެއެވެ. އެއްވެސް ސަބަބަކާ ހުރެ ދިރާސީ އަހަރު ޖަނަވަރީގައި ނުފެށޭ ޙާލަތެއް ދިމާވި ނަމަވެސް އެ އަހަރުގެ ފެބުރުވަރީ މަސް ނިމުމުގެ ކުރިން ދިރާސީ އަހަރު ފަށަންވާނެ ކަމަށް ބުނެފައިވެއެވެ.

މި މައްދާގައި އިތުރަށް ބުނެފައިވަނީ ދިރާސީ ކަލަންޑަރު އެކުލަވާލުމާއި އެ ކަލަންޑަރުގައި މަދުވެހެން ކަނޑައަޅަފައި އޮންނަންވާނެ ކަންކަމެވެ. އެގޮތުން ދިރާސީ އަހަރު ފެށޭނެ ދުވަހާއިނިމޭނެ ދުވަހާއި ކިޔަވައިދޭނެ ދުވަސްތަކާއި ކިޔަވައި ނުދޭނެ ދުވަސްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްތަކާއި އިމްތިޙާނުތައް ބާއްވާނެ ދުވައްތަކާއި ދިރާސީ އަހަރަށް އަލަށް ކުދިން ސްކޫލަށް ވައްދާ މުއްދަތާއި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރަން ކަނޑައަޅާފައިވާ ދުވަސްވަރާއި ސްކޫލް ޗުއްޓީ ދުވަސްތަކެވެ. ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލް ޗުއްޓީ ދުވަސްތައް ނުހިމެނޭގޮތުން، މަދުވެގެން 195 ދުވަސް ކިޔަވައިދޭ ދުވަސް ދިރާސީ އަހަރުގެ ގޮތުގައި ކަނޑައަޅަން ޖެހޭނެއެވެ. ކޮންމެ އަހަރެއް ނިމުގެ ކުރިން ކުރިއަށް އޮންނަ ދިރާސީ އަހަރުގެ ކަލަންޑަރު ކަނޑައަޅައި އިއުލާން ކުރަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *