މި ހުށައެޅުމުގައިވާ ގޮތުން، ހަތަރު ދުވަހު މުދައްރިސުންނަށް ޗުއްޓީ ދިނަސް ދަރިވަރުން ކިޔަވަން ސްކޫލަށް ދާންޖެހޭ ފަސް ދުވަހަށް ބަދަލެއް ނާންނާނެ
ސަރުކާރުގެ އައު ރޭވުންތަކުގެ ދަށުން، މުދައްރިސުންނަށް ހަފުތާއަކު ހަތަރު ދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމާއި، މުސާރަ ބޮޑުކުރުމަށް އިނގިރޭސި ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ މަގުސަދަކީ ސްކޫލްތަކުގައި މަސައްކަތްކުރާ ގަޑިތަކަށް ލުއިފަސޭހަ ބަދަލުތަކެއް ގެނައުމެވެ.
ޓެއިލީ ޓެލެގުރާފުގައި ބުނެފައިވާ ގޮތުން، އެޑިއުކޭޝަން ސެކްރެޓަރީ ލޫސީ ޕަވަލްއަށް، މިނިސްޓަރުންނަށް ލަފާދޭ މިނިވަން އިދާރާއަކުން ރިޕޯޓެއް ހުށަހަޅާފައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އަހަރަކު 195 ދުވަހު މަސައްކަތް ކުރަންޖެހޭ އުސޫލަށް ލުއިތަކެއް ދޭންޖެހޭ ކަމަށެވެ.
މި އައު ރޭވުމުގެ ދަށުން، ކައުންސިލްތަކުން ހިންގާ ސްކޫލްތަކުގެ މުދައްރިސުންނަށް އެ މީހުންގެ ކޮންޓްރެކްޓްގައިވާ ގަޑިތައް ހަތަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް، މުޅި ހަފުތާގައި ސްކޫލްތައް ހުޅުވިފައި ހުންނަންވާނެއެވެ. އެކަޑަމީތަކުގައި މިހާރުވެސް ފްލެކްސިބަލް ގަޑިތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ތަންތަނުންވެސް އަހަރަކު 195 ދުވަހުގެ އުސޫލަށް އަމަލުކުރަންޖެހެއެވެ. މީގެ ތެރޭގައި މުވައްޒަފުން ތަމްރީނުކުރުމުގެ ފަސް ދުވަސްވެސް ހިމެނެއެވެ.
ތަޖުރިބާކާރު މުދައްރިސުން ދާއިރާގައި ދެމެހެއްޓުމަށާއި އައު މުދައްރިސުން ޝައުގުވެރިކުރުވުމަށްޓަކައި، މުދައްރިސުންގެ މުސާރައިގެ އެންމެ މަތީ މިންގަނޑަށް ގެނައުމުގެ ވިސްނުން އޭނާ ގެންގުޅުއްވައެވެ.
ހަފުތާއަކު ފަސް ދުވަހު މަސައްކަތް ކުރުމުގެ ބަދަލުގައި، ފުލްޓައިމް މުދައްރިސުން އަހަރަކު މަސައްކަތް ކުރަންޖެހޭ 1,265 ގަޑިއިރު، މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވޭ ގޮތަށް ހަމަޖެއްސުމުގެ އިޚުތިޔާރު ޕްރިންސިޕަލުންނަށް ލިބިގެންދާނެއެވެ.
މުދައްރިސުންނަށް ހަތަރު ދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ދިން ނަމަވެސް، ދަރިވަރުންނަށް ފުރިހަމަ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި، ކޮންމެ ދުވަހަކުވެސް މުދައްރިސުން ތިބޭނެހެން ތާވަލުތައް އެކުލަވައިލެވޭނެއެވެ.
ސްކޫލް ޓީޗާސް ރިވިއު ބޮޑީގެ ޗެއާމަން މައިކް އެލްޑްރެޑަށް ފޮނުއްވި ސިޓީއެއްގައި ޕަވަލް ވިދާޅުވެފައިވާ ކަމަށް ޑެއިލީ ޓެލެގްރާފުގައި ބުނެފައިވަނީ، ހުރިހާ ސްކޫލަކަށް މިފަދަ ލުއި ގޮތްތަކެއް ހަމަޖައްސައިދެވިދާނެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި، މިހާރު އަމަލުކުރަމުންދާ 195 ދުވަހުގެ އުސޫލުގެ ތެރެއިން މުދައްރިސުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގައި އޮޅުންބޮޅުންތަކެއް އެބަހުއްޓެވެ. އެހެންކަމުން، މުދައްރިސުން މަސައްކަތް ކުރަންޖެހޭ ގަޑިތައް 195 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދެވޭނެކަން ސާފުކޮށްދިނުމަށް ގަވާއިދަށް އިސްލާހެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. މީގެ ބޭނުމަކީ ސްކޫލްތަކުގެ އިސްވެރިންނަށް މުވައްޒަފުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، މަސައްކަތުގެ ތާވަލަށް ބަދަލު ގެނައުމުގެ ބާރުވެރިކަން ދިނުމެވެ.
މި ރޭވުމުގެ ސަބަބުން މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތް ނިންމާލުމުގެ ފުރުސަތު ލިބުނު ނަމަވެސް، މިއީ ހުރިހާ މުދައްރިސުންނަށް މަޖުބޫރު ކަމެއް ނޫނެވެ. އަދި ސްކޫލްތައް ހުޅުވިފައި ހުންނަންޖެހޭ ދުވަސްތަކުގެ އަދަދަކަށް ބަދަލެއް ނާންނާނެއެވެ.
ޕަވަލް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، އެއްވެސް މުދައްރިސަކު އަހަރަކު 195 ދުވަހަށްވުރެ އިތުރަށް މަސައްކަތް ކުރަން ނުޖެހޭނެ ކަމަށާއި، ކަނޑައެޅިފައިވާ 1,265 ގަޑިއިރު އިތުރު ނުވާނެ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ކިޔަވައިދޭ ގަޑިތަކާއި، ބައްދަލުވުންތަކާއި އެހެނިހެން ރަސްމީ މަސައްކަތްތަކެވެ. ފިލާވަޅު ތައްޔާރުކުރުމާއި ކުދިންގެ ފޮތްތައް މާކުކުރުން ފަދަ މުދައްރިސުން އަމިއްލަ ވަގުތުގައި ކުރާ މަސައްކަތްތައް މީގެ ތެރޭގައި ނުހިމެނެއެވެ.
މަސައްކަތުގެ ގަޑިތަކާ ގުޅޭ ބޮޑެތި އިސްލާހުތައް ގެނައުމަށް އެޑިއުކޭޝަން ސެކްރެޓަރީ ވަނީ ދެކޮޅު ހައްދަވާފައެވެ.
މި ބަދަލުތައް ގެންނަން ނިންމާފައިވަނީ، މަސައްކަތުގެ ތާވަލު ހަރުކަށިވުމުގެ ސަބަބުން ތަޖުރިބާކާރު މުދައްރިސުން ދާއިރާ ދޫކޮށްދާކަމުގެ އިންޒާރުތަކެއް ލިބުމާ ގުޅިގެންނެވެ.
މިދިޔަ އަހަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހަފުތާއަކު ހަތަރު ދުވަހު މަސައްކަތް ކުރުމާއި، ދެ ހަފުތާއިން ނުވަ ދުވަހު މަސައްކަތް ކުރުން އަދި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ މުދައްރިސުން ދާއިރާގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެހެނިހެން ދާއިރާތަކުގައި މިފަދަ ލުއި ގޮތްތަކަށް މަސައްކަތް ކުރުން އާންމުވަމުންދާއިރު، ސްކޫލްތަކުން އެކަން ބަލައިގަތުމަށް އަދިވެސް ވަނީ ފަސްޖެހެއެވެ.
advertisment
ހިޔާލު