ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ކުއްޖާ ދިރިއުޅޭ ގޭގައި މަދަރުސީ ތައުލީމީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ހޯމް ސްކޫލިންގ" ޕްރޮގްރާމް ތައާރަފްކުރަން ތައުލީމުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބަދަލު ގެނައުމަށް ތައުލީމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ.އަނާރާ ނައީމެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.
ބިލުގައި ބުނެފައިވާ ގޮތުން "ހޯމް ސްކޫލް"އަށް ޝަރުތު ހަމަވާނީ މައިގަނޑު ތިން ސަބަބެއް މެދުވެރިވުމުންނެވެ.
މި ބިލުގައި ފާހަގަކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ސްކޫލަށް ހާޒިރުވެގެން ކިޔަވަން ނުކުޅެދޭ ވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމާއި ހަމައެފަދަ ނަފްސާނީ މައްސަލައެއް ހުރުމާއި އެ ނޫން ހާއްސަ ހާލަތެއް، (ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ނަފުސާނީ މައްސަލައެއް ހުރުން ނޫން އެހެން ސަބަބެއް) މެދުވެރިވުމެވެ.
ހޯމް ސްކޫލިންގ ތައާރަފު ކުރާއިރު އެކަމަށް ހުއްދަ ދޭނީ ތައުލީމުގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެއްގެ ދަށުންނެވެ.
އެ ގަވާއިދުގައި، ހޯމް ސްކޫލިން އަށް ޝަރުތުހަމަވާ ކުދިން ކަނޑައަޅަން އެސެސްމެންޓް ހަދާނެ ގޮތުގެ ގަވައިދާއި އެކަމަށް ކުދިން ރަޖިސްޓްރީކުރުމާއި ޕްލޭން އެކުލަވައިލުމާއި އެ ގޮތަށް ކިޔަވައިދޭނެ ޓީޗަރުންގެ ޝަރުތުތަކާއި މޮނީޓަރ ކުރެވޭނެ ނިޒާމެއް ވެސް ކަނޑައަޅައި ބަޔާންކުރަން ޖެހެއެވެ.
ހޯމް ސްކޫލިން އަށް އެދެވޭނީ ރަސްމީ ތައުލީމުގެ ނިޒާމުގައި ރަޖިސްޓްރީކޮށްފައިވާ ކުދިންނަށެވެ. އަދި ސްކޫލަށް ހާޒިރުނުވެވޭ ކުއްޖަކަށް ހޯމް ސްކޫލިންގެ ހިދުމަތް ލިބޭނީ އެ ކުއްޖާގެ ބެލެނިވެރިންނަކީ ހޯމްސްކޫލިންގެ ހިދުމަތް ދިނުމުގެ މާލީ ގާބިލުކަން ހުރި ނަމައެވެ.
advertisment
ހިޔާލު