މެލްބަން ޔުނިވަރސިޓީއާއެކު އެމްއެންޔޫއިން ކުރިއަށް ގެންދިޔަ "ވިލް" ޕްރޮގްރާމް ނިންމާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޔުނިވަރސިޓީ އޮފް މެލްބަންގެ "ގްލޯބަލް މޮބިލިޓީ އެންޑް ވޯކް އިންޓަގްރޭޓަޑް ލާރނިންގ (ވިލް) ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުން ފާހަގަކޮށްފިއެވެ. މިއީ މުދައްރިސުން ތަމްރީނުކުރުމުގެ ދާއިރާއިން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށާއި، ފަންނީ ކުރިއެރުމާއި، ސަގާފީ ބަދަލުތަކަށް މަގުފަހިކުރުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންނަށް ރާއްޖޭގެ ތަޢުލީމީ ނިޒާމު ތަޖުރިބާކުރުމުގެ ފުރުސަތު ދީފައިވެއެވެ. މިގޮތުން ކްލާސްރޫމްތަކުގައި ކިޔަވައިދޭ ގޮތް ބެލުމާއި، ސްކޫލްތަކަށް ޒިޔާރަތްކުރުމުގެ އިތުރުން، ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނާއެކު ތަޢުލީމީ އަދި ސަގާފީ ހަރަކާތްތަކެއްގައި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ބައިވެރިވެފައިވެއެވެ. މި ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ މާޙައުލު ދެނެގަތުމަށާއި، ދެ ޤައުމުގެ ދަރިވަރުންގެ މެދުގައި އޮންނަ ސަގާފީ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕެއެވެ. މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް" މި މައުޟޫޢަށް މުހިންމު ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ. މި ޕްރެޒެންޓޭޝަނުގައި ރާއްޖޭގެ މާޙައުލުގައި ހިސާބު ޢިލްމު އުނގަންނައިދިނުމާއި، ވިސްނުން ތަރައްޤީކުރުމާ ގުޅޭގޮތުން އަލިއަޅުއްވާލެއްވިއެވެ.

ޕްރޮގްރާމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ދަރިވަރުންގެ ކެޕްސްޓޯން ޕްރެޒެންޓޭޝަންތަކެވެ. މި ޕްރެޒެންޓޭޝަންތަކުގައި ދަރިވަރުން ވަނީ އެކުދިންނަށް ލިބުނު ތަޖުރިބާތަކާއި، އުނގެނުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޚިޔާލު ބަދަލުކޮށްފައެވެ. މީގެއިން ހާމަވެގެންދިޔައީ އަމަލީ ތަޖުރިބާގެ މުހިންމުކަމާއި، ފަންނީ ގުޅުންތަކާއި، ސަގާފީ ބަދަލުތަކުގެ ސަބަބުން ދަރިވަރުންގެ ލީޑަރޝިޕް ހުނަރުތަކަށް އައި ކުރިއެރުންކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *