ޤުރްއާން ހިތުދަސްކުރަމުންދާ ދަރިވަރުންގެ އަދަދު 2000ން މައްޗަށް

މިވަގުތާ ހަމައަށް ރާއްޖޭގެ ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތު ދަސްކުރަމުން އެބަގެންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހާފިޒުން އިތުރުވަމުން ދާ ކަމީ އުފާވެރި ކަމެއް. ވަކިން ޚާއްސަކޮށް ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށާއި، އެންމެ ގިނަ ދަރިވަރުން ޤުރްއާން ހިތު ދަސްކުރަމުންދަނީ ޤުރުއާނާ ބެހޭ މަރުކަޒުގައާއި އިލްމު އިންސްޓިޓިއުޓްގައި ކަމަށެވެ.

"މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފިޒުންގެ އަދަދު 322 އަށް އަރާފައިވާ ކަމަށާއި އަންނަ ރޯދަ މަހު، މާތް ﷲ އިރާދަކުރެއްވިއްޔާ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ" މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިހާރުވާނީ 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޢަމަލީ ގޮތުން ހިންގަން ފަށާފައެވެ. އަދި އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ތެރޭ ހުރިހާ ރަށަކަށް މި މަޝްރޫޢު ގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަށް ރަށުގައި ހިންގާ ޤުރްއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށް ވެސް ޤުރްއާން ކިޔަވައި ދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް އިތުރުކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *