ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ދަރިވަރުން އިލްމީ އަދި ސަގާފީ ގޮތުން މަޢުލޫމާތާއި ތަޖުރިބާ ހޯދަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް ޒިޔާރަތްކޮށްފިއެވެ.
ޖަޕާނުގެ ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ދަރިވަރުން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކުރި ޒިޔާރަތަކީ ދެ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އެކަކު އަނެކެއްގެ ކިބައިން އައު ކަންތައްތަކެއް އުނގެނުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ޕްރޮގްރާމުގެ ދަށުން، ޒިޔާރަތްކުރި ކޮންމެ ދަރިވަރަކަށް ގައުމީ ޔުނިވަރސިޓީގެ ދަރިވަރަކު އެހީތެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވެއެވެ. މީގެ ސަބަބުން ދަރިވަރުންގެ މެދުގައި ސީދާ މުއާމަލާތްތައް އިތުރުވެ، އެކި ދާއިރާތަކުން ޚިޔާލާއި މަޢުލޫމާތު ބަދަލުކުރުމަށް ފުރުސަތު ލިބިގެންދިޔައެވެ. މި ޕްރޮގްރާމުގައި ހިމެނުނު ތަފާތު ލެކްޗަރުތަކާއި މަޝްވަރާ ބައްދަލުވުންތަކުގެ އެހީގައި، ދިވެހިރާއްޖޭގެ ތާރީޚާއި، ސަގާފަތާއި، އިޖުތިމާއީ އޮނިގަނޑުގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ މަޢުލޫމާތު ޖަޕާނުގެ ދަރިވަރުންނަށް ފޯރުކޮށްދީފައިވެއެވެ.

އިލްމީ މި ބައްދަލުވުންތަކުގެ ތެރެއިން، ރާއްޖެއަށް ކުރިމަތިވެފައިވާ ފުރުސަތުތަކާއި ހުރަސްތަކާ ބެހޭގޮތުން ދަރިވަރުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ރާއްޖޭގެ އިޖުތިމާއީ، ތިމާވެށީގެ އަދި ތަރައްގީގެ ހާލަތު ވަރަށް ގާތުން ދެނެގަނެފައިވެއެވެ. މީގެ އިތުރުން، ޒިޔާރަތްކުރި ދަރިވަރުން ގައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކަށް ޒިޔާރަތްކޮށް، ކިޔަވައިދޭ މާހައުލާއި ތަފާތު ދާއިރާތަކުން ކުރިއަށްގެންދާ ދިރާސާތަކާ ބެހޭ މަޢުލޫމާތު ހޯދާފައިވެއެވެ. މި ޕްރޮގްރާމުގެ ބައެއްގެ ގޮތުން ވިލިނގިލީގައި ހުންނަ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީޒްއަށް ފެރީގައި ކުރި ދަތުރަކީ، ދަރިވަރުންނަށް ރާއްޖޭގެ ރަށްފުށުގެ މާހައުލު ތަޖުރިބާކޮށްލުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

މިފަދަ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށާއި، އަމަލީ ތަޖުރިބާގެ އަލީގައި އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެކެވެ. މި ޕްރޮގްރާމުގެ ސަބަބުން އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު ތައުލީމު (ލަނޑުދަނޑި 4)، ދެމެހެއްޓެނިވި ރަށްތަކާއި މުޖުތަމައުތައް (ލަނޑުދަނޑި 11)، ސުލްހަ އާއި އިންސާފު (ލަނޑުދަނޑި 16) އަދި ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކުރުން (ލަނޑުދަނޑި 17) ފަދަ ކަންކަމަށް ބާރު ލިބިގެންދެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން މިފަދަ އިސްނެގުންތަކުގެ ޒަރީއާއިން އަންނަނީ ބައިނަލްއަގުވާމީ ފެންވަރުގައި އިލްމީ އަދި ސަގާފީ ގުޅުންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.
advertisment
ހިޔާލު