"ސްމާޓް ގްލާސް" ބޭނުންކޮށްގެން އިމްތިހާނުތަކުގައި މަކަރުހެދުން އާންމު ވެދާނެ ކަމުގެ ކަންބޮޑުވުން

އޯކްލޭންޑް ޔުނިވަރސިޓީގެ ދަރިވަރަކު އިމްތިހާނެއްގެ ތެރޭގައި "ސްމާޓް ގްލާސް" ބޭނުންކުރަނިކޮށް އަތުލައިގަތުމާ ގުޅިގެން، އައު ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުން އިމްތިހާނުތަކުގައި މަކަރު ހަދާފާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މެޓާ ފަދަ ކުންފުނިތަކުން އުފައްދާފައިވާ ސްމާޓް އައިނުތަކުގައި ކުދި ކެމެރާ ހަރުކޮށްފައި ހުރެއެވެ. މީގެ އެހީގައި ކުރިމަތީގައި ހުންނަ މަންޒަރުތައް ރެކޯޑްކޮށް، ބޭރުގައި ހުންނަ މީހެއްގެ އެހީގައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ސުވާލުތަކުގެ ޖަވާބު ހޯދިދާނެއެވެ.

މީގެ ކުރިން އިމްތިހާނު ހޯލަށް ސިއްރުން ކުދި ކަރުދާސްކޮޅު ވެއްދުމާއި، އަތުގައި ނުވަތަ ފެންފުޅީގެ ލޭބަލްގައި ޖަވާބު ލިޔެގެން މަކަރު ހަދަމުން އައި ދުވަސްތައް މިހާރު މިވަނީ މާޒީވެފައެވެ.

އޯކްލޭންޑް ޔުނިވަރސިޓީގެ ކޮމްޕިއުޓަރ ސައިންސްގެ ސީނިއަރ ލެކްޗަރަރ އުލްރިކް ސްޕައިޑަލްއާ ހަވާލާދީ އާރުއެންޒެޑްގައި ބުނެފައިވާ ގޮތުގައި، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އިމްތިހާނުތަކުގައި މަކަރު ހެދުމުގެ އައު މަގުތައް މިވަނީ ފަހިވެފައެވެ. އޭނާ ފާހަގަކުރައްވާފައިވާ ގޮތުގައި، މިފަދަ އައިނު ބޭނުންކޮށްގެން ސުވާލުތައް ރެކޯޑްކޮށް ބޭރަށް ފޮނުވުމުގެ އިތުރުން، އައިނު އަޅައިގެން ހުންނަ މީހާއަށް އެކަނި ފެންނާނޭހެން އައިނުގެ ބިއްލޫރިގަނޑަށް މައުލޫމާތު ފޮނުވުމުގެ ގާބިލުކަން ވެސް ބައެއް އައިނުތަކުގައި ހުރެއެވެ.

އޯކްލޭންޑް  ޔުނިވަރސިޓީގެ ތަރުޖަމާނަކު ވިދާޅުވެފައިވާ ގޮތުގައި، އިމްތިހާނު ފެށުމުގެ ކުރިން ސްމާޓް އައިނާއި ސްމާޓް ގަޑި ބޭނުންކުރުމަކީ މަނާކަމެއްކަން ސަރީހަބަހުން އަންގާފައި ވަނިކޮށް، ދަރިވަރަކު މިފަދަ އައިނެއް އަޅައިގެން ހުރިކަން އިންވިޖިލޭޓަރަށް ވަނީ ފާހަގަކުރެވިފައެވެ. އެވަގުތު އެ ދަރިވަރުގެ އަތުން އައިނު އަތުލުމަށްފަހު އިމްތިހާނު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިން ނަމަވެސް، އެ މައްސަލައިގައި ދަރިވަރަށް ވަނީ ފިޔަވަޅު އަޅާފައެވެ. ނަމަވެސް އެޅީ ކޮން ފިޔަވަޅެއްކަމެއް ޔުނިވަރސިޓީން ހާމަކޮށްފައެއް ނުކުރެއެވެ.

ސްޕައިޑަލް ވިދާޅުވި ގޮތުގައި، މީގެ ފަހުން އިންވިޖިލޭޓަރުން ސްމާޓް އައިނުތަކަށް ވަރަށް ބޮޑަށް ސަމާލުވާނެއެވެ. އާންމުކޮށް މިފަދަ އައިނުތަކުގެ އޮނިގަނޑު ފަލަކޮށް ހުންނާތީ، އެއީ ސްމާޓް އައިނެއްކަން ދެނެގަނެވޭނެއެވެ. އަދި ދަރިވަރަކީ ނަންބަރު އައިނު އަޅަންޖެހޭ ކުއްޖެއްނަމަ، އައިނު އަތުލުމުގެ ބަދަލުގައި އޭގައި ހުންނަ ކެމެރާގެ މަތީގައި ޓޭޕް އެޅުން ފަދަ ފިޔަވަޅުތައް އެޅިދާނެއެވެ.

އިންސްޓަގްރާމް އަދި ފޭސްބުކްގެ މައި ކުންފުނި މެޓާއިން ރޭބޭން އަދި އޯކްލީ ބްރޭންޑާ ގުޅިގެން ދެ މޮޑެލްއެއްގެ ސްމާޓް އައިނު އުފައްދާފައިވެއެވެ. މީގެ އަގު އުޅެނީ 350 އާއި 750 ޑޮލަރާ ދެމެދުގައެވެ. އަދި ކޭ-މާޓުން އެންމެ 99 ޑޮލަރަށް ވިއްކާ ސްމާޓް އައިނުގައި އޭއައި ފީޗާސް ނެތް ނަމަވެސް ވީޑިއޯއާއި ފޮޓޯ ނެގުމުގެ ހިދުމަތް ލިބެއެވެ.

އޭޔޫޓީގެ އިންޖިނިއަރިންގ ދަރިވަރެއް ކަމަށްވާ ޕްރެސްޓަން ވިލިއަމްސް ބުނި ގޮތުގައި، އޭނާގެ ވިޔަފާރީގެ ބޭނުމަށް މެޓާ އައިނު ބޭނުންކުރި ނަމަވެސް، އިމްތިހާނުތަކުގައި އެ ބޭނުންކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ އޭގެން ރެކޯޑްކުރާއިރު ފާހަގަވާވަރުގެ ހުދު ކުލައިގެ އަލިގަނޑެއް ފްލޭޝްވާތީއެވެ. ނަމަވެސް، ބައެއް ރިޕޯޓްތައް ބުނާގޮތުގައި ކުޑަ މަރާމާތަކުން އެ އަލިގަނޑު ނިއްވާލެވިދާނެއެވެ. އެމެރިކާގެ ޓެކްނޮލޮޖީ ނޫސްވެރިޔާ ޖޮއޭނާ ސްޓާންގެ ތަހުގީގަކުން އެނގުނު ގޮތުގައި، ގާތްގަނޑަކަށް 100 ޑޮލަރަށް ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މިފަދަ މަރާމާތުތައް ކޮށްދޭ ފަރާތްތައް އެމެރިކާގައި އެބަހުއްޓެވެ.

ސްޕައިޑަލް އިތުރަށް ވިދާޅުވީ، ޔުނިވަރސިޓީން މިހާރު މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ފާރަވެރިވާ ކަމަށެވެ. ނަމަވެސް، ކުރިމަގުގައި "ކޮންޓެކްޓް ލެންސް" އެއްގެ ގޮތުގައި ސްމާޓް ޓެކްނޮލޮޖީ ތައާރަފުވެއްޖެނަމަ، އެކަން ހުއްޓުވުމަކީ ނުހަނު އުނދަގޫ ކަމަކަށް ވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. މިހާރު އޭނާގެ ޑިޕާޓްމަންޓުން އިމްތިހާނުތައް ކުރިއަށް ގެންދަނީ ގަލަމާއި ކަރުދާސް ބޭނުންކޮށްގެން، ކޮންމެ ދަރިވަރަކަށް ވެސް ތަފާތު ސުވާލުތައް ލިބޭނެހެން "ރެންޑަމައިޒްޑް މަލްޓި-ޗޮއިސް" އުސޫލުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *