ލަންކާގެ ސައިނެކް ކެންޕަސްއާއި އެމްއެންޔޫ ގުޅިގެން މެރިޓައިމް ދާއިރާއިން މަސައްކަތް ކުރަނީ

ލަންކާގެ ސައިނެކް ކެންޕަސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން މެރިޓައިމް ދާއިރާއިން މަސައްކަތް ކުރަން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސް ވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ސްރީލަންކާ ސައިނެކް ކެންޕަސްގެ ފަރާތުން ސޮއިކުރެއްވީ، ޑރ. ސުޖީވާ ޕޮލްކަމްޕެލާއެވެ.

އެމްއެންޔޫގެ މެރިޓައިމް ސްޓަޑީޒްގެ ހެޑް ކެޕްޓަން މުޙައްމަދު ޒައިދު ވިދާޅުވީ، ރާއްޖެއާ އެންމެ ކައިރީގައި އޮތް ސްރީލަންކާއާއެކު މީގެ ކުރިން މެރިޓައިމް ދާއިރާއިން މަސައްކަތް ކުރުމަށް އެއްބަސްވުމެއް ހެދިފައި ނެތް ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން މެރިޓައިމް ކިޔަވައިދޭ ދެ މުއައްސަސާއަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ޢިލްމީ މައުލޫމާތު ބަދަލުކުރުމާއި، ރިސާޗުގެ މަސައްކަތްތައް ފުޅާކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

1990ވަނަ އަހަރު ގާއިމުކުރެވުނު ސައިނެކް ކެމްޕަހަކީ ސްރީލަންކާގެ ކޮލަމްބޯގެ ހިތްގައިމު ސަރަހައްދެއް ކަމަށްވާ މާލަބޭގައި ހުންނަ، އެ ގައުމުގެ އެންމެ ބޮޑު އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަމިއްލަ މަތީ ތައުލީމުދޭ އެއް މުއައްސަސާއެވެ.

މެރިޓައިމް، އިންޖިނިއަރިން، ޓެކްނޮލޮޖީ، ހެލްތު ސައިންސް، އެއަރކްރާފްޓް މެއިންޓެނަންސް، އައި.ޓީ، ލޮޖިސްޓިކްސް، މެނޭޖްމަންޓް، މާކެޓިން، ލޯ، އަދި ބޭންކިން ފަދަ ތަފާތު ދާއިރާތަކުން ބައިނަލްއަގުވާމީ ފެންވަރުގެ ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު ސައިނެކްއިން ފަހިކޮށްދެއެވެ.

އަހަރަކު 21,000 އަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީވާ މި މުއައްސަސާގައި ސެޓްފިކެޓް ފެންވަރުން ފެށިގެން ޕީ.އެޗް.ޑީ އާ ހަމައަށް 210 އަށްވުރެ ގިނަ ކޯސްތައް ހިންގައެވެ. މީގެ ތެރޭގައި ސްރީލަންކާ ސަރުކާރުގެ އިތުރުން އޮސްޓްރޭލިއާ، ޗައިނާ، ޖަރުމަނު، އިނގިރޭސިވިލާތް އަދި އެމެރިކާގެ ޔުނިވަރސިޓީތަކުން ގަބޫލުކުރާ ޕްރޮގްރާމްތައް ހިމެނެއެވެ. ސައިނެކްގެ ގޮފިތައް ލަންކާގެ އެކި ސަރަހައްދުތަކުގައި ހުރިއިރު، ސޭޝެލްސް އަދި ފީޖީގެ ގައުމީ މެރިޓައިމް އިންސްޓިޓިއުޓްތައް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް ހިންގުމުގެ ޒިންމާވެސް އުފުލަނީ މި ކެމްޕަހުންނެވެ.

އައި.އެސް.އޯ ސެޓްފިކެޓް ހާސިލުކޮށްފައިވާ ސައިނެކް ކެމްޕަހަކީ ތައުލީމީ ދާއިރާގެ ފެންވަރު ހިފެހެއްޓުމުގެ ސަބަބުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައިވާ ތަނެކެވެ. މީގެ ތެރޭގައި ލަންކާގެ ނޭޝަނަލް ކޮލިޓީ އެވޯޑާއި، އޭޝިއާ ޕެސިފިކް ކޮލިޓީ އެވޯޑް އަދި 2019 ވަނަ އަހަރުގެ ރިޔާސީ ހާއްސަ އެވޯޑް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *