ފާއިތުވި ދެ އަހަރު، ތ. މަޑިފުށީ ސްކޫލުގެ އެންމެ މޮޅުދަރިވަރުންނަކީ ތުޤާ ބިންތު ޢަލީރަޝީދާއި ޢާއިޝަތު ޒީކް ފާއިޒްއެވެ.
2024 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ތުޤާއެވެ. 2025 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޒީކްއެވެ.
މަޑިފުށީ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެވެލޮޕމެނޓްގެ ޕޮލިސީ ޕްލޭނިން އެންޑް ރިސާޗް ދިވިޝަންގެ އެޑިޔުކޭޝަނަލް ދިވޮލޮޕްމެންޓް ޕްރޮފެޝަނަލް ޢާއިޝަތު ޙަސަނެވެ.

ތުޤާގެ ތަޢުލީމީ ޙަޔާތް ރަސްމީކޮށް ފެށިގެން ދިޔައީ މަޑިފުށީ ސްކޫލުގެ ގްރޭޑް 1 އިންނެވެ. މެދުކެނޑުމެއްނެތި، ނުހަނު ޢަޒުމާއި ސާބިތުކަމާއެކު ހޭދަކުރި 10 އަހަރުގެ ދިގު ދަތުރަށްފަހު، އޭނާ ގްރޭޑް 10 ނިންމާލީވެސް ހަމަ މި ސްކޫލުން، އެތައް ރީތި ކާމިޔާބީތަކެއް ޙާޞިލުކުރަމުން މަޑިފުށީ ސްކޫލުގެ އެންމެ ޝަރަފުވެރި މަޤާމު ކަމުގައިވާ ސްކޫލް ކެޕްޓަންގެ ޒިންމާދާރު މަޤާމުގައި ހުރެގެންނެވެ.
ތުޤާ އަކީ ދިރިއުޅުމުގައި މަޑުމައިތިރި ގޮތްތަކެއް ގެންގުޅޭ ކްލާހުގެ އެހެންކުދިންނާ ރަޙުމަތްތެރިކަމާއި އެކުވެރިކަމާއެކު އުޅޭ، އަދަބުވެރި ދަރިވަރެކެވެ. ސްކޫލުގައި މުދައްރިސުންނާއެކު ހޭދަކުރާ ވަގުތުތަކުގައި ލިބޭ ފިލާވަޅުތަކުން ނޭގޭ ކަންކަން ހޯދާ ބަލާ އަމިއްލައަށް ކިޔެވުމުގައި ގިނަވަގުތު ހޭދަކުރުންވީ މިއަދު ތުޤާއަށް މި ނަތީޖާ ހޯދުމުގެ އަސްލުކަމުގައެވެ.

2025 ވަނަ އަހަރު މަޑިފުށީ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅުދަރިވަރަކަށް ހޮވި ޒީކްގެ ތަޢުލީމީ ޙަޔާތް ރަސްމީކޮށް ފެށިގެން ދިޔައީ މަޑިފުށީ ސްކޫލުގެ ގްރޭޑް 1 އިންނެވެ. މެދުކެނޑުމެއްނެތި، ނުހަނު ޢަޒުމާއި ސާބިތުކަމާއެކު ހޭދަކުރި 10 އަހަރުގެ ދިގު ދަތުރަށްފަހު، އޭނާ ގްރޭޑް 10 ނިންމާލީވެސް ހަމަ މި ސްކޫލުން، އެތައް ރީތި ކާމިޔާބީތަކެއް ޙާޞިލުކުރަމުންނެވެ.
ޒީކްގެ ސްކޫލް ދައުރުގައި ލީޑަރޝިޕް ހުނަރުތައް ފާހަގަކުރެވެން ފެށީ ސްކޫލުގެ ޕްރިފެކްޓް ބޯޑާ ގުޅުނު ހިސާބުންނެވެ. އެ ދުވަހުން ފެށިގެން ޒީކް ވަނީ ސްކޫލުގެ އެކި މަރުޙަލާތަކުގައި ތަފާތު އިސް މަޤާމުތައް ފުރިހަމަކަމާއެކު އަދާކޮށްފައެވެ. ޒީކްގެ މި ބުރަ މަސައްކަތާއި ހިންގުންތެރިކަމުގެ ނަތީޖާއެއްގެ ގޮތުން، ސްކޫލް ދައުރު ނިންމާލީ މަޑިފުށީ ސްކޫލުގެ އެންމެ ޝަރަފުވެރި މަޤާމު ކަމުގައިވާ ސްކޫލް ކެޕްޓަންގެ ޒިންމާދާރު މަޤާމުގައި ހުރެގެންނެވެ. މިއީ ޒީކްގެ އިސްނެގުމާއި ޤާބިލުކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
ޒީކަކީ އަބަދުވެސް އެހެން ކުދިންނާ ގުޅިގެން، ރަޙުމަތްތެރިކަމާއި އެކުވެރިކަމާއެކު އުޅޭ، އަދަބުވެރި ދަރިވަރެކެވެ. ޒީކް އެންމެ ބޮޑު އިސްކަމެއް ދިނީ ކިޔެވުމަށެވެ. ކަނޑައެޅިފައިވާ ވަކި ޓާގެޓަކަށް ވާޞިލުވުމަށްޓަކައި ޕްލޭންކޮށްގެން، ކެނޑިނޭޅި މަސައްކަތްކުރި ޒީކަކީ ކިޔެވުމުގެ މައިދާނުގައި ނަމޫނާ ދަރިވަރެކެވެ.
advertisment
ހިޔާލު