ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ބޭނުންވަނީ ވަރުގަދަ އަޚުލާޤީ މިންގަނޑެއް ކަމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާގެ ރައީސް ޕްރޮފެސަރ ޑރ. ޞާލިޙް އަލްޢަޤުލާ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިމްތިޒާމް ކޮށްގެން ކުރިއަށް ގެންދާ ބައިނަލް އަޤްވާމީ މަހާސިންތާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގައި ކުރެއްވި ތަޤްރީރު ފައްޓަވަމުން ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި އުނގެނޭ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމު މައުޟޫޢަށް، މިފަދަ ތާރީޚީ ބައްދަލުވުމެއް އިންތިޒާމުކުރެއްވިކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ބިނާކުރެއްވީ މުހިންމު ދެ ސުވާލެއްގެ މައްޗަށެވެ. އެއީ މުސްތަޤުބަލަށްޓަކައި އަޅުގަނޑުމެން ބިނާކުރަން ބޭނުންވަނީ ކޮންކަހަލަ އިންސާނެއްތޯ އާއި، އިންސާނުންނަށްޓަކައި އަޅުގަނޑުމެން ބިނާކުރަން ބޭނުންވަނީ ކޮންކަހަލަ މުސްތަޤުބަލެއްތޯއެވެ.
ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން، ދިވެހިންގެ ކިބައިގައި ހުރި މާތް އަޚުލާޤާއި އޯގާތެރިކަމަށް ތަޢުރީފު ކުރައްވަމުން، މަދީނާގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ އަޚުލާޤާއި، ހިތްވަރާއި، ނަޒާހަތްތެރިކަން ޑރ. އަލްޢަޤުލާ ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެ ދަރިވަރުންނަކީ ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އަޚުވަންތަކަމުގެ ދިރިހުރި މިސާލެއް ކަމަށެވެ. ރާއްޖޭގެ ރަށްތައް ކަނޑުގެ ލޮނުގަނޑުން ގުޅުވާލަދީ އެއް ޤައުމަކަށް ހަދައިދޭ ފަދައިން، އިލްމަކީ މުޖުތަމަޢުތައް ގުޅުވައިދޭ ވަސީލަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. އަލްޢަޤުލާ ތަފްސީލުކޮށްދެއްވި ގޮތުގައި، ހަޤީޤީ އުނގެނުމަކީ މައުލޫމާތުތަކެއް ލިބުމެއް ނޫނެވެ. އެއީ ކާމިޔާބީއާއި ނާކާމިޔާބީގައި ވެސް މެދުކެނޑުމެއްނެތި އުނގެނުމުގެ ގާބިލުކަން ހުރުމެވެ. އަދި ނިންމުންތަކާއި އަމަލީ ސޫރައާއި މާނަހުރި ބަދަލުތަކަށް އެ އުނގެނުންތަކުން ހެޔޮ ބަދަލެއް ގެނައުމެވެ.
އިސްލާމީ ތަޞައްވުރުގައިވާ "ޚިލާފަތު" ނުވަތަ އިންސާނާ ދުނިޔެ ބެލެހެއްޓުމުގެ މަސްއޫލިއްޔަތުގެ މައްޗަށް ބިނާކޮށް އެމަނިކުފާނު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ވަރުގަދަ އަޚުލާޤީ މިންގަނޑެއް ބޭނުންވާ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ދާންޖެހޭނީ ހިކުމަތްތެރިކަމާއެކު، އިންސާނިއްޔަތަށް އިސްކަންދީގެންކަން ބަޔާންކުރެއްވިއެވެ.
މިޒަމާނުގެ އާޓިފިޝަލް އިންޓެލިޖެންސާއި ޑިޖިޓަލް ބާޒާރުތަކަށް އަންނަ ހަލުވި ބަދަލުތަކާއެކު ކުރިއަށް ދިއުމަށްޓަކައި، މުހިންމު ތިން ބަދަލެއް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ، ތަޢުލީމަކީ ހަމައެކަނި ޒުވާން ދުވަސްވަރުގެ މަރުހަލާއެއްގެ ބަދަލުގައި މުޅި އުމުރަށް ދެމިގެންދާ އުނގެނުމަކަށް ހެދުމާއި، ހަމައެކަނި މައުލޫމާތު ނަކަލުކުރުމުގެ ބަދަލުގައި އަމަލީ ގޮތުން މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އުފެއްދުމާއި، އަދި ވަކިވަކި މުއައްސަސާތަކެއްގެ ބަދަލުގައި ޔުނިވަރސިޓީތަކާއި، ސަރުކާރާއި، އަމިއްލަ ސެކްޓަރާއި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރާ ނިޒާމަކަށް ބަދަލުވުމެވެ.
ސައުދީ އަރަބިއްޔާގެ 'ވިޝަން 2030′ އަށް އަލިއަޅުއްވާލައްވަމުން، ޤައުމެއްގެ އެންމެ އަގުބޮޑު ރައުސްމާލަކީ އިންސާނީ ފިކުރު ތަރައްޤީކުރުން ކަމުގައި ޑރ. އަލްޢަޤުލާ ވިދާޅުވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން ޑރ. އަލްޢަޤުލާ ތިން މުހިންމު ނުކުތާއެއް ފާހަގަކުރެއްވިއެވެ. އެއީ، ހަގީގީ ދެމެހެއްޓެނިވިކަން ލިބެނީ އަންނަން އޮތް ޖީލުތަކުގެ ކިބައިގައި ހަމަތަކާއި އިލްމު އަށަގަންނުވައިގެން ކަމާއި، އުނގެނޭ މުޖުތަމަޢެއްގެ ކާމިޔާބީ ބިނާވެފައިވަނީ މައުލޫމާތުތައް ހިކުމަތްތެރި އަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމުގެ މައްޗަށް ކަމާއި، އަދި އިންސާނުން ބިނާކުރުމަކީ އަޅުގަނޑުމެންގެ އެންމެންގެ މުސްތަޤުބަލަށްޓަކައި ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމެވެ. ކީރިތި ޤުރުއާނުގައިވާ އެކަކު އަނެކަކު ދެނެގަތުމުގެ އަމުރުފުޅަށް އިޝާރާތްކުރައްވައި، ސައުދީ އަރަބިއްޔާއިން ދުނިޔެއަށް ދޭ ސުލްހައާއި، މެދުމިނުގެ އުސޫލުތަކާއި، އިންސާނީ ކަރާމާތުގެ މެސެޖު އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
advertisment
ހިޔާލު