އަނަސް: ދ. އޭއީސީގައި ކިޔަވަމުން ހާފިޒަކަށްވި ފުރަތަމަ ދަރިވަރު

ދ. އޭއީސީގައި ކިޔަވަމުން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ޤިބްލަ ހައްޖު އެންޑް ޢުމުރާގެ ފަރާތުން ދޭ އުމުރާ ދަތުރު އަނަސްއާ ހަވާލުކުރީ މިއަދު އެ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި

ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ޤުރުއާން ހިތުދަސްކޮށް ހާފިޒަކަށްވި ފުރަތަމަ ދަރިވަރަކީ އަނަސް ބިން މުޢާޒެވެ.

އަނަސްގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެ ސްކޫލުގައި ޚާއްޞަ އެސެމްބްލީއެއް ބޭއްވިއެވެ. މި އެސެމްބްލީގައި ޤިބްލަ ޢުމްރާ އެންޑް ހައްޖުގެ ފަރާތުން، އެ ސްކޫލުގައި ކިޔަވަމުން ޤުރްއާން ހިތުދަސްކުރާ ދަރިވަރުންނަށް ދޭ  އުމްރާގެ ފުރަތަމަ ދަތުރު ލިބުނު ކަމުގެ ލިޔުން އަނަސްއާ ހަވާލުކުރިއެވެ.

އަނަސްއަށް މަރުހަބާ ކިޔުވުމުގެ ގޮތުން ދ. އޭއީސީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެކެވެ. ހަތްކޮޅުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ސްކޫލުގެ ހެނދުނު ދަންފަޅީގެ ދަރިވަރުން ބައިވެރިވިއެވެ.

ދ. އޭއީސީން ބުނީ، އެ ސްކޫލުން ކިޔަވަމުންދާ ދަރިވަރުންތަކެއް މިހާރުވެސް ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި ޤުރްއާން ހިތުދަސްކުރާ ކޮންމެ ދަރިވަރަކަށް ޢުމުރާ ދަތުރެއް ޤިބްލަ ޙައްޖު އެންޑް ޢުމުރާއިން ދޭން ނިންމުމަކީ ދަރިވަރުންނަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ. އެކަމަށްޓަކައި އެ ކުންފުންޏަށް އެ ސްކޫލުން ޚާއްޞަ ޝުކުރެއް އަދާކުރެއެވެ.

ދ. އޭއީސީގެ ގުރޭޑް 8ގައި ކިޔަވަމުން އަންނަ އަނަސް، ޤުރްއާން ހިތުދަސްކުރަން ފެށީ 2019 ވަނަ އަހަރުއެވެ. ޤުރްއާނާ ބެހޭ މަރުކަޒުގެ ހިފްޒް ކޮމެޓީއަށް ކިޔައިދިނީ ހުސްވި ޖޫން މަހުގެ ތެރޭގައެވެ.

އަނަސްގެ މަންމަ ބުނީ، ޤުރްއާން ހިތުދަސްކުރަން އަނަސް ވަރަށް ބޮޑު ޤުރުބާނީއެއްވި ކަމަށާއި ހާފިޒަކަށްވި ދުވަހަކީ އޭނާއަށް އެންމެ ބޮޑު އުފަލެއް ލިބުނު ދުވަސް ކަމަށެވެ.

"ވަރަށް ގިނަ ވަގުތާއި ޤުރުބާނީތަކެއް ވެގެން ދަރިފުޅަށް އެ ހިސާބަށް ދެވުނީ. ޚާއްޞަކޮށް ދަރިފުޅު އެކަމަށް ކުރި މަސައްކަތް އުފަލާއެކު ފާހަގަކުރަން" އަނަސްގެ މަންމަ ބުންޏެވެ.

ކުޑަހުވަދޫގައި ތިބެގެން ޙިފްޡުކުރާ ކޮންމެ ކުއްޖަކަށް 10000 ރުފިޔާގެ އެހީއެއް ދޭން ކުޑަހުވަދޫގެ ޖަމިއްޔާއެއްކަމުގައިވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް) ގެ ފަރާތުން ވެސް ވަނީ ނިންމާފައެވެ. އެ ޖަމިއްޔާއިން މިކަން އިއުލާން ކުރީ، އަނަސް އަށް މަރުހަބާ ކިޔުމަށް އިއްޔެ ހެނދުނު އެ ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *