ވީއައިއެޗްއެސްއިން އެންމެ މޮޅު ދަރިވަރަކީ ހުސައިން، ދެވަނަ އައްމާރަށް ތިންވަނަ ބާސިލްއަށް

2025 ވަނަ އަހަރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހުސައިން ޔާމީން ހޯދައިފިއެވެ.

ދެވަނަ ދަރިވަރަކަށް ހޮވުނީ މުޙައްމަދު އައްމާރު ފައިޞަލެވެ. ތިންވަނަ ހޯދީ އިބްރާހީމް ބާސިލް މުޙައްމަދެވެ.

ވީއައިއެޗްއެސްގެ އިނާމު ދިނުމުގެ ޖަލްސާ މި އަހަރު ކުރިއަށް ގެންދިޔައީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ރޭ ބޭއްވި ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ދަރިވަރުންނަށް އިނާމު ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮ ފަޔަރ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމަންޓް ޑރ. އަޙްމަދު މުޙައްމަދެވެ. މީގެ އިތުރުން ވިލާ ފައުންޑޭޝަންގެ ފައުންޑަރ މެންބަރު ފާޠިމަތު ތަސްލީމާ އާއި، ވިލާ ފައުންޑޭޝަންގެ ޑިރެކްޓަރާއި، ވިލާ ކޮލެޖުގެ ފެކަލްޓީތަކުގެ އިސްވެރިންގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފުލާގައި ދަރިވަރުން ހޯދި އާންމު ތައުލީމީ ކާމިޔާބީތަކާއި އޭ-ލެވެލް އިމްތިހާނުން ހޯދި މަތީ ނަތީޖާތަކުގެ އަގުވަޒަންކޮށްފައިވެއެވެ. އެގޮތުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު 105 ދަރިވަރުންނާއި، ހައި އެޗީވަރުންގެ ގޮތުގައި ހޮވުނު 32 ދަރިވަރުންނާއި، އޭ-ލެވެލް އިމްތިހާނުން ބްރިލިއަންސް އެވޯޑް ހާސިލުކުރި 15 ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އިނާމު ދީފައިވެއެވެ.

ހައި އެޗީވާސް ސްކޮލަރޝިޕް އަދި ބްރިލިއަންސް އެވޯޑް ހާސިލުކުރި ދަރިވަރުންނަށް، އެކުދިންގެ ފާހަގަކޮށްލެވޭ ތައުލީމީ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ސްކޫލުގެ ފައުންޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ދެއްވާ ފައިސާގެ އިނާމު ހަވާލުކޮށްފައިވެއެވެ.

އެއްވަނައަށް ދިޔަ ހުސައިން، ބައޮލޮޖީން ދުނިޔެއިން އަށްވަނަ، މެތްމެޓިކްސްއިން ދުނިޔެއިން ހަތަރުވަނަ އަދި ފިޒިކްސްއިން ދުނިޔެއިން ތިންވަނަ ހޯދާފައިވެއެވެ. އަދި އޭނާ އަކީ 2025 ވަނަ އަހަރު، ފަސް މާއްދާއިން އޭ ސްޓަރ ހޯދައިގެން މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި ވީއައިއެޗްއެސްގެ ހަމައަކަނި ދަރިވަރެކެވެ. އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ވެސް ވަނީ ލިބިފައެވެ.

2ވަނަ އަށް ދިޔަ އައްމާރަށް މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ 2ވަނަ ލިބުނެވެ. އަދި އޭލެވެލްގެ މެތެމެޓިކްސްއިން މުޅި ދުނިޔެއިން 7ވަނަ، ފިޒިކްސްއިން ދުނިޔެއިން 10ވަނަ ލިބިފައިވެއެވެ.

ތިންވަނައަށް ދިޔަ ބާސިލްއަށް މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ލިބުނެވެ. އަދި އޭލެވެލްގެ އިކޮނޮމިކްސްއިން މުޅި ދުނިޔެއިން 4ވަނަ، މެތެމެޓިކްސް ދުނިޔެއިން 8ވަނަ ލިބިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *