އިސްނަގައި، ތަރާދު ކުލަބުން ރެހެންދި ސްކޫލުގެ ކައުންސެލިން ރޫމަށް ބޮޑު ބަދަލެއް ގެނެސްދީފި

ކައުންސެލިން ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރެހެންދި ސްކޫލުގެ ހިއުމަންރައިޓްސް ކުލަބު "ތަރާދު"ން އިސްނަގައިގެން އެ ސްކޫލުގެ ކައުންސެލިން ރޫމަށް ބޮޑު ބަދަލެއް ގެނެސްދީފިއެވެ.

ތަރާދުގެ ދަރިވަރުން، ހިންގި ފަންޑްރައިޒިންގ ހަރަކާތުން ލިބުނު ފައިސާއިން ރެހެންދި ސްކޫލުގެ ކައުންސިލް ސެކްޝަނަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެތަނުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ފުރުޞަތު ހުޅުވިގެން ދިއުމަކީ އެއީ އެ ސްކޫލުން ކިޔަވާ ހުރިހާ ކުދިންގެ ކުރިއެރުމަށް ހުޅުވިގެންދިޔަ ދޮރެކެވެ.

ކޮންމެ ދަރިވަރަކީވެސް އެ ދަރިވަރެއްގެ ވާހަކަތައް އަޑުއަހާނެ ފަރާތެއް ހުރި، އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭނެ ކުއްޖެއްކަމަށް ފުރިހަމައަށް ޤަބޫލުކޮށް، އެ ސްކޫލުގެ "ހިއުމަން ރައިޓްސް ކްލަބުން އިސްނަގައިގެން، ސްކޫލުގެ ކައުންސެލިންގް ސެކްޝަނަށް އެހީވުމަށްޓަކައި އެ ދަރިވަރުން ފުރަތަމަ ފެށީ އެކަމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ހޯދާށެވެ. ބެލެނިވެރިންނާއި ދަރިވަރުންނާއި އަދި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ތަރާދު ކުލަބުގެ މެމްބަރުން 17900 ރުފިޔާ ހޯދިއެވެ.

ތަރާދު ކުލަބުގެ އެހީގެ ސަބަބުން، ކައުންސެލިންގް ދޭ މާހައުލަކީ ދަރިވަރުންނަށް އިތުރަށް ހިތްފަސޭހަ، ރައްކާތެރި، އަދި ބަލައިގަންނަ މާހައުލަކަށް މިއަދު ބަދަލުވެފައިވާ ކަމަށް އެ ކުލަބުގެ އިންޗާޖް ފާތިމަތު ނާޝިދާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ކައުންސެލިންގ ރޫމަށް ތަރާދުގެ ދަރިވަރުން ގެނައި ބަދަލުތަކުގެ ތެރޭގައި ބެލެނިވެރިންނާއެކު ދަރިވަރުންނަށް ބައްދަލުވުންތައް ބާއްވާނެ ތަނަކާއި ދަރިވަރުންނަށް ފަސޭހައިން ކިޔެވޭނެ "ސްޓަޑީ އޭރިއާ"އަކާއި ސްޓްރެސް ފިލުވުމަށްޓަކައި "ޕްލެއިން ކޯނާއެއް" ވަނީ ހަދާފައެވެ. ފައިލްތައް ރައްކާތެރު ކަމާއެކު ބަހައްޓަން ކަބަޑެއް ވެސް ބަހައްޓާދީފައިވެއެވެ.

"ކޮންމެ ދަރިވަރަކަށް ވެސް ހިތްހަމަޖެހުމާއި، މީހުންގެ އަޅާލުމާއި، އުންމީދު ލިބިގެންދާނެ ތަނަކަށް ކައުންސެލިންގ ރޫމު މިހާރުވަނި ވެފައި" ނާޝިދާ ވިދާޅުވިއެވެ.

2500 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ރެހެންދި ސްކޫލުގެ ހިއުމަން ރައިޓްސް ކުލަބަކީ ހަރަކާތްތެރި ކުލަބެކެވެ. އެ ކުލަމުން އަމިއްލަ އިސްނެގުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނައިރު، އެ އެކުލަބަށް އެންމެ ހަރަކާތްތެރި ހިއުމަންރައިޓްސް ކުލަބުގެ އެވޯޑް، ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސްއިން ވަނީ ޖެހިޖެހިގެން ދެ އަހަރުވެސް ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *