އިތުރު 90 ޒުވާން ޚަޠީބުން ދަސްވެނިވެއްޖެ، ޒުވާން ޚަޠީބުންގެ އަދަދު 700 އަށް

ޒުވާން ޚަޠީބުން ތަމްރީނުގެ ކުރުމުގެ ފަސްވަނަ ބުރުގައި ބައިވެރިވި 91 ޒުވާން ޚަޠީބުން މިއަދު ދަސްވެނިވެއްޖެއެވެ.

މި ޒުވާން ޚަޠީބުން ދަސްވެނިވުމުގެ ހަފްލާ ބޭއްވީ މިއަދު ގެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މިއަދު ދަސްވެނިވި 90 ޒުވާން ޚަޠީބުންނާއެކު ޒުވާން ޚަޠީބުންގެ އަދަދު 700 އަށް އަރާނެއެވެ.

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޚުޠުބާ ކިޔުމުގެ ޤާބިލިއްޔަތުކަމާއި، އެ ހުނަރު އެއްވެސް ކުއްޖެއްގެ ކިބައިގައި ހުރެއްޖެނަމަ އެއީ، އެ ކުއްޖެއްގެ ޝަޚުސިއްޔަތަށް އިތުރުވެގެންދާނެ ވަރަށް ރަނގަޅު ސިފައެއް ކަމަށާއި ޒުވާން ޚަޠީބުންނަކީ ޖަމާޢަތުގައި ބަރާބަރަށް ނަމާދުކުރާ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

ތިމާއަށް ލިބޭ ނިޢުމަތާއި، އުފަލާއި ހިތްހަމަޖެހުމުގައި އަބަދުވެސް މައިންބަފައިން ޝާމިލްކުރަން ޖެހޭނެ ކަމަށާއި އަޅުގަނޑުމެންނަށް މި ހިސާބަށް އާދެވިފައި މިވަނީ މައިންބަފައިންގެ ބުރަ މަސައްކަތާއި މައިންބަފައިންގެ ހެޔޮ ނަސޭޙަތާއި، ހެޔޮ ދުޢާގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި އިމާމުކަމުގެ ސެޓްފިކެޓް ލެވެލް 1،2،3 ނިންމާ އިމާމުކަމަށް ނިކުންނަ ފަރާތްތަކާއި، ނިޒާމީ ތަޢުލީމުގެ ތެރެއިން އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ޢިލްމު އުނގެނިގެން އިސްލާމް މާއްދާއިން މަތީ ދަރަޖަ ހޯދާ ފާސްވެގެން، އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ފުރިހަމަ ޤާބިލިއްޔަތުކަން ހުންނާނެ. ދިވެހިރާއްޖޭގެ އިސްލާމް މުޤައްރަރަކީ ވަރަށް ގިނަ މަޢުލޫމާތު އޭގައި ހިމެނޭ ވަރަށް ފުޅާ މުޤައްރަރެއް" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ 1 ހާސް ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ހާފިޒުން އުފެއްދުމެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޒުވާން ޚަޠީބުންނާއި އިމާމުންނާއި ޙާފިޒުންނަށް ޚާއްޞަ މަހާސިންތާ އެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި މަހާސިންތާ ބޭއްވުމަށް ރޭވެމުންދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެންނެވެ. މި މަހާސިންތާގެ ޝަރަފްވެރި މެހްމާނަކަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ ޔާސިރް އައްދައުސަރީ އަށް ވަނީ ދައުވަތު ދެއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *