މެލްބަން ޔުނިވަރސިޓީގެ ދަރިވަރުން ފަންނީ ތަޖުރިބާ ހޯދަން އެމްއެންޔޫއަށް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޔުނިވަރސިޓީ އޮފް މެލްބަންއާ ދެމެދު ގާއިމުކޮށްފައިވާ އެކަޑަމިކް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށްގެންދާ ފަންނީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް، މެލްބަން ޔުނިވަރސިޓީގެ 13 ދަރިވަރުން ރާއްޖެ އަތުވެއްޖެއެވެ. އެ ދަރިވަރުންނަށް އެމްއެންޔޫ އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު 11އަށް ރާއްޖޭގައި އެ ދަރިވަރުން ތަޖުރިބާ ހޯދާނެއެވެ.

މި ޕްރޮގްރާމަކީ މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންނަށް ރާއްޖޭގެ ތަޢުލީމީ މާޙައަލުގެ ތެރެއިން އަމަލީ ތަޖުރިބާ ހޯދައި، އެ ދަރިވަރުން އުނގެނިފައިވާ ނަޒަރީ މައުލޫމާތުތައް އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، އެމްއެންޔޫގެ ދަރިވަރުންނާއި، މުދައްރިސުން އަދި އާންމު މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން އެ ދަރިވަރުންގެ ފަންނީ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން، ދަރިވަރުން ރާއްޖޭގެ ތަޢުލީމީ ނިޒާމާއި މުޖުތަމައުގެ ހާލަތު ދެނެގަނެ، ޖަޒީރާ ގައުމެއްގައި ތަޢުލީމު ފޯރުކޮށްދިނުމުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ދިރާސާކުރާނެއެވެ. އަދި މިކަމުގެ ސަބަބުން އެކަކު އަނެކެއްގެ ކިބައިން އުނގެނުމާއި، ސަގާފީ ބަދަލުތަކާއި، މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، ފަންނީ ގުޅުންތައް ގާއިމުކޮށް ތަޢުލީމީ ދާއިރާއާ މެދު ބައިނަލްއަގުވާމީ ނަޒަރިއްޔާތަކުން ވިސްނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެމްއެންޔޫއިން ބުނިގޮތުގައި، މި އިސްނެގުމަކީ ބައިނަލްއަގުވާމީ އެކަޑަމިކް ގުޅުންތަކާއި ތަޖުރިބާގެ އަލީގައި އުނގެނުމުގެ ތެރެއިން އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ބާރުދޭ މަސައްކަތެކެވެ. އެގޮތުން، އަމަލީ ތަޖުރިބާއާއި މައުލޫމާތު ބަދަލުކުރުމުގެ ތެރެއިން "އިތުބާރު ހުރި ތައުލީމު" (ލަނޑުދަނޑި 4) ކަށަވަރުކުރުމަށާއި، ތަފާތު ސަގާފަތްތައް ދެނެގަނެ ބައިވެރިވުން އިތުރުކުރުމުގެ ތެރެއިން "ފަރަގުތައް ކުޑަކުރުމަށް" (ލަނޑުދަނޑި 10) ބާރުއަޅައެވެ. އަދި ރާއްޖޭގެ ޖަޒީރާވަންތަ މާޙައަލުގައި ތަޢުލީމާއި މުޖުތަމައުގެ ގުޅުން ދެނެގަތުމުން "ދެމެހެއްޓެނިވި ސިޓީތަކާއި މުޖުތަމައުތައް" (ލަނޑުދަނޑި 11) ބިނާކުރުމަށް އެހީތެރިވެދޭއިރު، ބައިނަލްއަގުވާމީ ޔުނިވަރސިޓީތަކުގެ ގުޅުން ވަރުގަދަވުމަކީ "ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގުޅުން ގާއިމުކުރުން" (ލަނޑުދަނޑި 17) އަށް ލިބޭ ބޮޑު ބާރެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *