2025 ވަނަ އަހަރު، ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން ހުޅުމާލެއިން އެއްވަނަ ދަރިވަރުގެ މަޤާމު ލީން ތޯރިގު ހޯދައިފިއެވެ. 2022-2023 ވަނަ އަހަރު ތާޖުއްދީން ސްކޫލުގެ ވެސް އެންމެ މޮޅު ދަރިވަރަކީ އޭނާއެވެ.
ސީއެޗްއެސްއީ ހުޅުމާލެއިން 2025 ވަނަ އަހަރު ހުރިހާގޮތަކުން 2ވަނަ ދަރިވަރަކަށް ހޮވުނީ ޔަޝާ ޝާފީ ޝަފީޤެވެ. 3ވަނަ ހޯދީ އާފް އަލީ އަޙްމަދެވެ.

ސީއެޗްއެސްއީ ހުޅުމާލެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އޮތީ މިދިޔަ ހަފުތާގެ ބުދަދުވަހު އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
އެއްވަނަ ހޯދި ލީންއަކީ މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ފާސް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި ސީއެޗްއެސްއީ ހުޅުމާލެ ހަތަރު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރެވެ. ލީން ވަނީ، އެޑެކްސް އޭލެވެލްގައި ބިޒްނަސްއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ ހޯދާފައެވެ. އަދި އިކޮނޮމިކްސްއިން ދުނިޔެއިން ހަތްވަނަ އެކައުންޓުން ދުނިޔެއިން 10 ވަނަ ހޯދާފައެވެ. މަތީ ސާނަވީން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ވެސް ލީންއަށް ލިބިފައިވެއެވެ.
ސީއެޗްއެސްއީން ދެވަނަ ހޯދި ޔަޝާ އަކީ ވެސް ފަސް މާއްދާއިން އޭ ސްޓަރ ހޯދައިގެން މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި ދަރިވަރެކެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހޯދި ސީއެޗްއެސްއީގެ ހަތަރު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ ޔަޝާއެވެ. ޔަޝާއަކީ 2025 ވަނަ އަހަރު ސީއެޗްއެސްއީ ހުޅުމާލެގެ ޑެޕިއުޓީ ކެޕްޓަނެވެ.
ތިންވަނަ ހޯދި އާފްއަށް މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ލިބުނެވެ. އަދި އޭނާއަކީ 2025 ވަނަ އަހަރު ސީއެޗްއެސްއީ ހުޅުމާލެގެ ޑެޕިއުޓީ ކެޕްޓަނެވެ.

ސީއެޗްއެސްއީ ހުޅުމާލެއިން ބުނީ، 2025 ވަނަ އަހަރު އެ ސްކޫލުން މަތީ ސާނަވީ ނިންމި ދަރިވަރުންގެ 90 އިންސައްތަ ދަރިވަރުން ޔުނިވަރސިޓީއަށް ވަދެވޭ މިންވަރަށް ފާސްވެފައިވާ ކަމަށެވެ.
advertisment
ހިޔާލު