އަޒުހަރުގެ އިމާމުގެ އެޑްވައިޒަރ ޑރ. ނަހްލާ އައްޞަޢީދީގެ ޚާއްޞަ ސެޝަންތަކެއް އައިޔޫއެމްއިން ބާއްވަން ތާވާލުކޮށްފިއެވެ.
އަޒްހަރުގެ އިމާމް ޝައިޚުލް އަޒްހަރު އަލްއުސްތާޛު ޑރ. އަޙްމަދު ޠައްޔިބުގެ އެޑްވައިޒަރ ޑރ. ނަހްލާ އައްޞަޢީދީ ރާއްޖެ ވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ދަޢުވަތަކަށެވެ.
ޑރ. ނަހްލާއަކީ އަޒްހަރުގެ ތާރީޚުގައި ޝައިޚުލް އަޒްހަރުގެ އެޑްވައިޒަރެއްގެ ގޮތުގައި އައްޔަނު ކުރުވުނު އެންމެ ފުރަތަމަ އަންހެން ބޭކަނބަލެވެ. ޑރ. ނަހްލާ ރާއްޖެއަށް މި ކުރައްވާ ޒިޔާރަތުގައި ތަފާތު ދާއިރާތަކަށް އަމާޒުކޮށްގެންދާ ސެޝަންތައް
އިންތިޒާމުކުރަނީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް އިންނެވެ. އައިޔޫއެމްއިން ބާއްވާ އަހަރީ ކޮންފަރެންސް (އައިސިއައިއޭ)ގައި ޑރ. ނަހްލާ ޚާއްޞަ ކީނޯޓް ސްޕީޗެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޑރ. ނަހްލާ ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންތައް:
- ޒުވާނުންނާއި ދަރިވަރުންނަށް އަމާޒުކުރެވޭ ސެޝަން:
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 26 އޮގަސްޓްގެ ހަވީރު 16:00 އިން 18:00 އަށެވެ. "ޝަޚްޞިއްޔަތާއި އިޖްތިމާޢީ މަޤާމް ޙާޞިލްކުރުމުގައި އިސްލާމް ދީން ޒުވާނުން ބާރުވެރިކުރާ ގޮތް" މި މައުޟޫޢަށް ބާއްވާ މި ސެޝަން އަމާޒުކުރެވިފައިވަނީ ސެކަންޑަރީ ސުކޫލްތަކުގެ އަންހެން އަދި ފިރިހެން ދަރިވަރުންނަށެވެ.
- ދީނީ ޢިލްމުވެރިންނާއި ވާޢިޡުންނަށް އަމާޒުކުރެވޭ ސެޝަން:
26 އޮގަސްޓްގެ ރޭގަނޑު 20:00 އިން 22:00 އަށް ކުރިއަށްދާނީ "އިސްލާމީ ދަޢުވަތުގެ މައިދާނުގައި އަންހެނުން: ނުފޫޒުވެރިކަމާއި އަދާކުރާ މުހިންމު ދައުރު" މި މައުޟޫޢުގެ ސެޝަނެވެ. މި ސެޝަން ޚާއްޞަކުރެވިފައިވަނީ ދީނީ ދަޢުވަތު ފެތުރުއްވުމުގައި ހަރަކާތްތެރިވާ މުޞްލިޙުންނާއި، ޢިލްމުވެރިން އަދި ވާޢިޡުންނަށެވެ.
- މުދައްރިސުންނަށް އަމާޒުކުރެވޭ ސެޝަން:
27 އޮގަސްޓްގެ ހެނދުނު 10:00 އިން 12:00 އަށް ބާއްވާ ސެޝަން އަމާޒުކޮށްފައިވަނީ ސުކޫލްތަކުގެ މުދައްރިސުންނަށެވެ. މި ސެޝަންގެ މައުޟޫޢަކީ "ދަރިވަރުންގެ ވަންތުކަން ބައްޓަންކުރުމާއި، އިސްލާމީ ރަނގަޅު އުސޫލުތަކަށް ލޯބިކުރާ ހޭލުންތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު" އެވެ.
- ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ދަރިވަރުންގެ ލީޑަރުންނަށް އަމާޒުކުރެވޭ ސެޝަން:
27 އޮގަސްޓްގެ މެންދުރުފަސް 13:00 އިން 15:00 އަށް ކުރިއަށްދާނީ "އިސްލާމީ ވަންތަކަމުގެ މައްޗަށް ބިނާވެފައިވާ، ނަތީޖާނެރެވޭފަދަ އިސްނެގުމުގެ ދައުރުތަކެއް އަދާކުރުމުގައި ދަރިވަރުން ބާރުވެރިކުރުވުން" މި މައުޟޫޢުގެ ސެޝަނެވެ. މި ސެޝަން އަމާޒުކުރެވިފައިވަނީ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ސްޓޫޑެންޓް ޔޫނިއަންތަކުގެ އިސް ދަރިވަރުންނަށެވެ.
- ތަޢުލީމީ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކުރެވޭ ސެޝަން:
27 އޮގަސްޓްގެ ރޭގަނޑު 20:00 އިން 22:00 އަށް ބާއްވާ ސެޝަން ޚާއްޞަކުރެވިފައިވަނީ ޔުނިވަރސިޓީތަކާއި ތަޢުލީމީ މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ. މި ސެޝަންގެ މައުޟޫޢަކީ "ތަޢުލީމީ މުއައްސަސާތަކުގައި މަސައްކަތުގެ އުފެއްދުންތެރިކަމާއި، އިސްލާމީ އަގުތަކާ ދެމެދު ވަޒަން ހަމަކުރުން" އެވެ.
advertisment
ހިޔާލު