ހިތަދޫ ސްކޫލުގެ 2026 ވަނަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ ކުލަގަދަކޮށް ބާއްވައިފި އެވެ. ހިތަދޫ ސްކޫލުގައި ބޭއްވި މި ޚާއްޞަ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް ޝިފާޒް މުޙައްމަދެވެ.
2024 ވަނަ އަހަރު ހިތަދޫ ސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދީ އަމަލް އަޙްމަދު ޝިފާއުއެވެ. ދެވަަނަ ހޯދީ އާމިނަތު މަނާލް ސަފްވާނެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފާޠިމަތު އައިކާ ޝަފާޒެވެ.

2024 ވަނަ އަހަރު ހިތަދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަމަލް އަޙްމަދު ޝިފާއު އަކީ އަޚްލާޤު ރަނގަޅު، ނަމޫނާ ދަރިވަރެކެވެ. އޯލެވެލް އިމްތިޙާނުގެ ޤައުމީ ގަދަ 10 ގެ ދެވަނަ ހޯދުމުގެ އިތުރުން، އޭނާ ވަނީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމާއި ހައުސްގެ އިސް މަޤާމުތައް ފުރައި، ލީޑަރޝިޕްގެ ދައުރު ފުރިހަމައަށް އަދާކޮށްފައެވެ. އަދި ކިޔެވުމުގެ އިތުރުން ފެތުމާއި ނެޓްބޯޅަ ފަދަ ކުޅިވަރު މުބާރާތްތަކުން ވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އަމަލަކީ، ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފައި އަމިއްލަ ކުރިއެރުމަށް އަބަދުވެސް މަސައްކަތްކުރާ ހީވާގި ދަރިވަރެކެވެ.

2024 ވަނަ އަހަރު ގްރޭޑް 10 ނިންމި، އަޚްލާޤު ރަނގަޅު ހީވާގި ދަރިވަރު ކަމަށްވާ އާމިނަތު މަނާލް ސަފްވާނަކީ ޤައުމީ ގަދަ 10 ގެ 4 ވަނަ ހޯދައިގެން ސްކޫލުގެ ދެވަނަ ދަރިވަރުގެ މަޤާމު ޙާޞިލުކުރި ކާމިޔާބު ދަރިވަރެވެ. ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ މަނާލް ވަނީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމާއި ދިވެހި ކްލަބުގެ ރައީސްކަން ކުރުމުގެ އިތުރުން، ވާހަކަދެއްކުމުގެ މުބާރާތްތަކުންނާއި، ބެޑްމިންޓަން އަދި ނެޓްބޯޅަ ފަދަ ކުޅިވަރުތަކުން ވެސް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ.

2024ވަނަ އަހަރު ހިތަދޫ ސްކޫލުގެ ތިންވަނަ ދަރިވަރު އަދި އޯލެވެލް ޤައުމީ ގަދަ 10 ގެ 4 ވަނަ ހޯދި ފާޠިމަތު އައިކާ ޝަފާޒަކީ ތަޢުލީމީ ގޮތުންނާއި އިތުރު ޙަރަކާތްތަކުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ދަރިވަރެކެވެ. ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން ފަދަ އިސް މަޤާމުތައް ފުރާފައިވާ އައިކާއަކީ ވާހަކަދެއްކުމުގެ ޤައުމީ އަދި ސިޓީ ފެންވަރުގެ މުބާރާތްތަކުން ވަނަތައް ހޯދައި، ސްކޫލަށް ރީތި ނަން ހޯދައިދީފައިވާ ކުޅަދާނަ ދަރިވަރެކެވެ.

މި ޖަލްސާގައި ކޭމްބްރިޖް ލަރނަރސް އެވޯޑް 2024 ގެ ދަށުން، "އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް" މި މާއްދާއިން މުޅި ރާއްޖެއިންނާއި ދުނިޔެއިން 1 ވަނަ (ޓޮޕް އިން މޯލްޑިވްސް އެންޑް ޓޮޕް އިން ދަ ވޯލްޑް) ހޯދި މުޙައްމަދު އަކްޔަސް ބިން އަޙްމަދު ނާޞިޙްގެ ކާމިޔާބީ ފާހަގަކޮށް އޭނާއަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.
މި ޖަލްސާގައި ސްކޫލުގެ އެކި ވަނަތައް ހޯދި ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކުރެވުނު އިރު، ޖަލްސާގެ ޝަރަފުވެރި މެހެމާނު ވަނީ ހުރިހާ ދަރިވަރުންނަށް މަރުޙަބާ ދަންނަވައި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީއަށް އެދިވަޑައިގެންފައެވެ..
advertisment
ހިޔާލު