ޕެރަމެޑިކް ސައިންސަސް: ރާއްޖޭގެ އިމަޖެންސީ މެޑިކަލް ދާއިރާއަށް ބޭނުންވާ ޤާބިލު، އާ ޖީލެއް ބިނާކުރުމުގެ ފެށުން

ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ބަލިމީހުންނަށް ދެވޭ އަވަސް ފަރުވާ ނުވަތަ "ޕްރީ- ހޮސްޕިޓަލް އިމަޖެންސީ މެޑިކަލް ސަރވިސް" އަށް އޮތް ބޭނުންތެރިކަމަށް ރިޢާޔަތްކޮށް، އެ ދާއިރާއިން ފަންނީ އަދި ޢިލްމީ ބޭފުޅުން އުފެއްދުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތިން އަހަރު ދުވަހުގެ ޑިގްރީ ޕްރޮގްރާމެއް ކަމަށްވާ "ބެޗްލަރ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް" ވަނީ ތަޢާރަފުކޮށްފައެވެ.

މިއީ، އިމަޖެންސީ މެޑިކަލް ޚިދުމަތްތައް ހަރުދަނާކޮށް، މުޅި ރާއްޖެއަށް "ނޭޝަނަލް އެމްބިއުލާންސް ސަރވިސް" ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ފަރުމާކުރެވިފައިވާ ކޯހެކެވެ. މި ކޯހުގެ ބޭނުމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީވަމުން އަންނަ ވަރަކަށް، ތަމްރީނު ލިބިފައިވާ ދިވެހި ޕެރާމެޑިކުންގެ ބޭނުންތެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެމް.އެން.ޔޫގެ އަމާޒަކީ މި ޕްރޮގްރާމްގެ ތެރެއިން ފުރާނަ ސަލާމަތްކުރުމުގެ މުހިންމު ފަރުވާތައް ދޭނެ ހުނަރުވެރި ދިވެހި މަސައްކަތްތެރިން ބިނާކޮށް، ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އާއި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން އެކްރެޑިޓްކޮށްފައިވާ މި ކޯހަކީ، ޢިލްމީ ދިރާސާތަކާއި، ސިމިއުލޭޝަން ތަމްރީނުތަކުގެ އިތުރުން، އަމަލީ ތަޖުރިބާ ނުވަތަ ކްލިނިކަލް ޕްލޭސްމަންޓްތައް ހިމެނޭހެން ފަރުމާކުރެވިފައިވާ ފުރިހަމަ ޕްރޮގްރާމެކެވެ. މި ކޯސް ނިންމާ ދަރިވަރުންނަކީ ކުއްލި ނުރައްކަލުގެ އެކި ހާލަތްތަކުގައި ބަލިމީހުންގެ ހާލަތު ދެނެގަނެ، ފަރުވާ ދީ، ރައްކާތެރިކަމާއެކު ބަލިމީހުން އުފުލުމުގެ ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ވާނެއެވެ.

މި ކޯހުގެ މަންހަޖު (ކަރިކިއުލަމް) ތައްޔާރުކޮށް، މުރާޖަޢާކޮށްފައިވަނީ އިމަޖެންސީ މެޑިސިންގެ ތަޖުރިބާކާރު ކޮންސަލްޓަންޓް ޑރ. އާމިނަތު ޒޭބާ އަޙްމަދުގެ އިރުޝާދުގެ ދަށުން، މި ދާއިރާގެ ފުންނާބުއުސް ޑޮކްޓަރުންނާއި ޕެރާމެޑިކުން ހިމެނޭ ޕެނަލަކުންނެވެ. މި މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިސްކަންދޭ ކަންކަމަށް ރިޢާޔަތްކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް މި ޕްރޮގްރާމް ފެތޭކަން ވަނީ ކަށަވަރުކުރެވިފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ބަލިމީހުންގެ ހާލަތު ބަލައި ވަޒަންކުރުމާއި، ބޮޑެތި އަނިޔާތަކަށް (ޓްރޯމާ) ފަރުވާ ދިނުމާއި، ސީ.ޕީ.އާރް ދިނުމާއި، އެޑްވާންސް ލައިފް ސަޕޯޓް، ކާރިސާތަކުގައި އިޖާބަދިނުން އަދި ރައްކާތެރިކަމާއެކު ބަލިމީހުން އުފުލުމުގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދެވޭ ފަރުވާތައް (ޕްރީ-ހޮސްޕިޓަލް ކެއަރ) އެންމެ ޒަމާނީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް ދިނުމަށް މި ކޯހުގައި ޚާއްޞަ ސަމާލުކަމެއް ދެވިފައިވެއެވެ.

ކޯސް ނިންމާ ދަރިވަރުންނަށް ނޭޝަނަލް އެމްބިއުލާންސް ސަރވިސް، ހޮސްޕިޓަލްތަކުގެ އިމަޖެންސީ ޑިޕާޓްމަންޓްތައް، އެއާޕޯޓް އަދި އޭވިއޭޝަން މެޑިކަލް ސަރވިސް، ރިސޯޓްތަކާއި ސިނާޢީ މަސައްކަތްކުރާ ތަންތަނުގެ އިމަޖެންސީ ޓީމުތައް، ކާރިސާތަކާ ބެހޭ އިދާރާތައް އަދި ކަނޑުމަތީގެ ސަލާމަތީ ޚިދުމަތްތައް ފަދަ ދާއިރާތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. އަދި ކޯސް ފުރިހަމަކުރުމަށްފަހު، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ.

"ބެޗްލަރ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް" ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ސުންގަޑި: 30 ޖުލައި 2026، މެންދުރުފަހު 14:00 އަށް
ފޯމު ހުށަހަޅާނީ: އެމް.އެން.ޔޫ ސްޓޫޑަންޓް ޕޯޓަލް މެދުވެރިކޮށް –
އިތުރު މަޢުލޫމާތަށް: އެމް.އެން.ޔޫ ހޮޓްލައިން 1445 އަށް ގުޅުއްވުން އެދެމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *