ގެއްލެމުންދާ ޖީލުތަކުގެ އިހުސާސް: ކަރުދާހުން ނުފެންނަ ގާބިލުކަން ވަޒަންކުރާނީ ކޮން އިރަކު؟

ޑރ. އާސިޔަތު މުޙައްމަދު ދީދީ

ކްލާސްރޫމްތަކުގެ ތެރެއިން ފެންނަނީ ތަފާތު މިޒާޖުތަކުގެ ދަރިވަރުންނެވެ. ބައެއް ކުދިން ބަހެއް ނުބުނެ މަޑުމައިތިރިކަމާއެކު ތިބޭއިރު، އަނެއްބައި ކުދިން ފެންނަނީ އެއްތަނެއްގައި މަޑުނުވެ ހަރަކާތްތެރިކޮށް އުޅޭ މަންޒަރެވެ. ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ފާހަގަނުކުރެވޭ ހަގީގަތަކީ، އެ ކުދިންގެ ހިތްތަކުގައި ނުފެންނަ ވަރުގަދަ ހަނގުރާމަތަކެއް ހިނގަމުންދާ ކަމެވެ. އެމާހައުލުގައި އެކުދިން ކުރިމަތިލަމުންދާ ގޮންޖެހުންތަކަކީ އެކުދިންނަށް އާދައިގެ ކަންތައްތަކެއް ނޫނެވެ

ކޮންމެ އިމްތިހާނަކަށް ފަހު އިމްތިހާނު ކަރުދާސް މޭޒުމަތީ ބާއްވާ ލަމުން ޓީޗަރއަށް ހިތްވަރު ދިނުމުގެ ނިޔަތުގައި ބުނެލެވެނީ "ކިޔެވި ނަމަ ތިހެންނެއް ނުވީސް،" ފަދަ އިބާރާތެކެވެ. މުދައްރިސުގެ މި އަޑާއެކު އެންމެންގެ ނަޒަރު އެ ކުއްޖަކަށް ހުއްޓެއެވެ. އެ ކުއްޖާ ބިމަށް ނަޒަރު ހުއްޓާލައިގެން އިނީ އެންމެންގެ ލޯމަތިން ގެއްލޭނެ ނަމައޭ ހިތަށް އަރުވަމުންނެވެ. އަޅުގަނޑުމެން ބޮޑެތި މީހުންނަށް ގަބޫލުކުރަން ދަތިވެފައިވާ ހަގީގަތަކީ، ތިމާއަށް ނާކާމިޔާބުވެއްޖެކަން އެ ކުއްޖާއަށް އަމިއްލައަށް މާ ކުރިންވެސް އެނގޭ ކަމެވެ. އެ ހިތާމަ އެތައް ސަތޭކަ ފަހަރަކު އެކުއްޖާގެ ހިތުގައި ވަނީ ތަކުރާރުވެފައެވެ. އެވާހަކަ އެހެންމީހަކު ހަރު އަޑުން ބުނެލާ ކޮންމެފަހަރަކު އެތައް އިހުސާސެއް އެކުދިންނަށް އެއްފަހަރާ ކުރެވެއެވެ. ނާކާމިޔާބީއެވެ. ލަދުވެތި ކަމެވެ. އަހަންނަކީ އެއްވެސް ކަމަކަށް ގާބިލު މީހެއް ނޫން" ކަމަށް އަމިއްލަ ހިތުތެރޭގައި ގުގުމަމުންދާ އަޑެވެ. އެތައް ގުރުބާނީއެއްވާ މައިންބަފައިންނަށް ފަހުރުވެރިކަން ހޯދައިދެވޭނެ ވަރުގެ ގާބިލުކަމެއް ނެތް ކަމުގެ އިހުސާސާއި، މުދައްރިސުން ފަހުރުވެރިވާ ފަދަ ކުއްޖަކަށް ނުވެވުނު ކަމުގެ މާޔޫސީ އެކުދިން ވަށާލައެވެ.

ސްކޫލްގައި ބޭއްވޭ ކޮންމެ އެސެމްބުލީއެއްގައި އަދި ކޮންމެ ފަންކުޝަނެއްގައި މިކުދިންވެސް ތިބެއެވެ. ބައެއްފަހަރު ތިމަންނަމެން ނަޔަސް އެއްވެސް މީހަކަށް ނުވެސް އިނގޭނޭ ނުވަތަ ނައިސްސިއްޔާ މުދައްރިސުން މާއުފާވާނޭ ކަމުގެ އިހުސާކުރަމުންނެވެ. ދެން އެކުދިންނަށް ތަކުރާރުކޮށް ފެންނަނީ އަބަދުމެ ހަމަ އެއް ދަރިވަރުންތަކެއް ޝަރަފުވެރި ކަމުގެ ކޯޓުގައި ތިބެ ސްކޫލް ތަމްސީލުކުރާ މަންޒަރެވެ. ސްކޫލްގެ އެސެމްބުލީ އިން ފެށިގެން ސުކޫލް ތަމްސީލު ކުރުމަށް ސްކޫލުން ބޭރުން ލިބޭ ހުރިހާ ފުރުސަތެއްގައިވެސް ހަމަ އެމޫނު ތަކެވެ. މި މަންޒަރު ބަލަން ހުރެ، ސިއްރުސިއްރުން އެ ކުއްޖާ އަމިއްލަ ނަފްސާ ސުވާލުކުރެއެވެ: "މިއީ ހަމަ އަހަރެންގެ ވެސް ސުކޫލް ހެއްޔެވެ". "އަހަރެން މިތާ އުޅޭ ކަން ކިތައް މީހުނަށް އެނގޭ ބާވައެވެ." "އަހަރެންގެ ތަނެއްނަމަ އަހަރެން އަބަދު ދުރުގައި ހުންނަނީ ކީއްވެބާއެވެ."

ސްކޫލުގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަކީ އެ ކުއްޖާ ކަމުގައި ވެދާނެއެވެ. ނުވަތަ އެއީ ކުޅަދާނަ ކުރެހުންތެރިއަކަށް، މިއުޒިކް ކުޅުންތެރިއަކަށް، އިސްނަގާ ލީޑަރަކަށް، ނުވަތަ އެހެން މީހުންނަށް އަޅާލާ އޯގާތެރި އެކުވެރިއަކަށް ވެދާނެއެވެ. އެހެންނަމަވެސް، މިފަދަ އެތައް ކުދިންނަކީ މިއަދު ބާކީވެފައިވާ ކުދިންނެވެ. ސަބަބަކީ ދަރިވަރުންގެ އަގު ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ ކިޔެވުމުގެ ނަތީޖާ ކަމުގައި އަޅުގަނޑުމެން ހަދާފައިވާތީއެވެ. ބައެއް ކުދިންނަށް، އެކުދިން ސްކޫލުގައި ނެތަސް އެކަން ފާހަގަވާނެ މީހަކު ނޫޅޭނެ ކަމުގެ އިހުސާސް ކުރެވެން ފަށައެވެ. އަދި ނެތިއްޖެއްޔާ ޓިޗަރުންނަށް މާފަސޭހަވެ އެކަމާ އުފާ ކުރާނެ ކަމުގެ އިހުސާސްކުރެވެއެވެ. އަދި ހަމަ އެހެންމެ ނުސީދާކޮށް ނަމަވެސް އެފަދަ ބަސްތައް ބުނެވޭ އަޑު އެކުދިންނަށް އިވުމަކީވެސް މަދުން ނަމަވެސް ވަމުންދާ ކަމެއްކަން ޔަގީނެވެ.

އަޅުގަނޑުމެން އަދަބު އަޚްލާގުގެ ވާހަކަ ނިކަން ގިނައިން ދައްކަމެވެ. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ހަގީގީ އަދަބުވެރިކަމަކީ ބިރުވެރިކަމުގެ ތެރެއިން އުފަންވާ އެއްޗެއް ނޫން ކަމެވެ. ބިރުވެރިކަމުން އުފައްދަނީ ހިމޭންކަމެވެ. ނަމަވެސް، ގާތް ގުޅުންތަކުން އުފައްދަނީ ތިމާއަކީވެސް މުޖުތަމައުގެ ބައެއް ކަމުގެ އިހުސާސެވެ. ކުދިންނަށް ގަދަރާއި އިހުތިރާމް ލިބި، އެކުދިންނަކީ ބަލައިގަނެވޭ ބައެއް ކަމަށް އިހުސާސްވާނަމަ،  އެކުދިންގެ ފަރާތުން ފެންނަން އެދެވޭ ސިފަތައް މާފަސޭހަކަމާއެކު ފެނިގެންދާނެއެވެ.

ހަމައެކަނި ކާމިޔާބީ އަކީ ކަރުދާހުންފެންނަ އެއްޗެއްގެ ގޮތުގައި ބެލެވެސް ފެށި، ކުދިންގެ ކިބައިގައިވާ ގާބިލުކަން ތަރައްގީކޮށްދިނުމުގެ މަތިން މިވަނީ ހަނދާން ނެތިފައެވެ. އެތައް ކުދިންނެއް ބޮޑުވަމުން އެދަނީ އެކުދިންގެ އަގަކީ ހަމައެކަނި ރިޕޯޓް ފޮތުން ފެންނަން އޮތް މިންވަރު ކަމަށް ގަބޫލުކުރަމުންނެވެ. ނަމަވެސް، މުޅި ދިރިއުޅުމުގައި އެކުދިންނަށް ބޭނުންވާނެ އަސްލު ސިފަތައް ވަނީ މީހުންގެ ލޯތަކަށް ނުފެނި ފޮރުވިފައެވެ.

ތައުލީމުގެ އަސްލު މަގުސަދަކަށް ވާންޖެހެނީ އެކުދިންނަކީ ކޮންބައެއްކަން ދެނެގަތުމަށާއި، އެކުދިންގެ ކިބައިގައިވާ ހުނަރުތައް ތަރައްގީކުރުމެވެ. ގައުމެއް ބިނާވަނީ ހަމައެކަނި ވަކި ހުނަރެއްހުރި ދަރިވަރުންގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، ގައުމު ބިނާވަނީ ތިމާގެ އަގު ވަޒަންކުރެވޭ، މުޖުތަމައުގެ މުހިންމު ބައެއް ކަމަށް ގަބޫލުކުރާ، އަދި ގައުމަށް ފައިދާހުރި ކަމެއް ކޮށްދެވިދާނެ ކަމުގެ އިތުބާރު އޮވެ ބޮޑުވާ ކޮންމެ ކުއްޖެއްގެ ހިއްސާއާ އެކުގައެވެ.

މިއަދު އުފެދޭ ސުވާލަކީ މި ނިޒާމު ބަދަލުކުރެވޭނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އޭގެ ބަދަލުގައި އުފެދޭ ސުވާލަކީ، މި ބަދަލު ނުގެނެސް އަޅުގަނޑުމެންނަށް ކެތްކުރެވޭނެތޯއެވެ؟ މިއަދު އަޅުގަނޑުމެންގެ އަޅާލުން ނުލިބި ބާކީވާ ކޮންމެ ކުއްޖަކީ، މާދަމާގެ މުޖުތަމައުގައި އެކުއްޖާގެ ދައުރު ނެތުމުގެ ނުރައްކާ އޮތް ކުއްޖެކެވެ. އަދި މިއީ އެއްވެސް ބަޔަކަށް އޭގެ ބުރައުފުލޭ ވަރަށްވުރެ މާބޮޑުގެއްލުމެއް ކަން ކަށަވަރެވެ. އުމީދަކީވެސް އަދި ދުޢާއަކީ ވެސް މިވަގުތުގެ ހާލަތު ބަދަލުވެ ހުރިހާ ކުދިންނަށް އުފާވެރިކާއި ހިތްހަމަޖެހުމާ އެކު

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *