ދިވެހި ރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން ދުނިޔޭގެ ޢަރަބި ބަހުގެ ދުވަސް ފާހަގަކޮށްފިއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްއިން މިއަދު ބޭއްވި ޚާއްޞަ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ އަލް ގަހްތާނީއެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 18 ވަނަ ދުވަސް ފާހަގަކުރަނީ ޢަރަބި ބަހުގެ ދުވަހުގެ ގޮތުގައެވެ.

އަރަބި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު 3 މުބާރާތެއް ވަނީ ބާއްވާފައެވެ. ޢަރަބި ބަހުން ވާހަކަދެއްކުމާއި، ޅެން ހެދުމުގެ އިތުރުން ލިޔުމުގެ މުބާރާތެއް ބޭއްވިއިރު، ކޮންމެ މުބާރާތަކުން އެއްވަނައަށް އައި ފަރާތަށް އުމްރާ ދަތުރެއް ހުށައަޅާފައިވެއެވެ.

މި ހަފްލާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވި ގޮތުގައި، ދިވެހިން އިސްލާމްދީން ޤަބޫލުކުރަން ފެށި ހިސާބުން ދިވެހިންގެ ދީނީ ޙަޔާތާއި ޢިލްމީ ތަރިކަތަކާ ވަކިނުކުރެވޭ ގޮތަށް ޢަރަބި ބަސް ވަނީ ގުޅިލާމެވިފައި ކަމަށެވެ. ތިލާވަތުކުރުމުން ފެށިގެން ދުވަހު ނަމާދުތަކަށާއި، ދުޢާ ކުރުމާއި ސަލާމް ބުނުމާއި ޝުކުރުވެރިކަން ފާޅުކުރުމާ ހަމައަށް، ޢަރަބި ބަސް ވަނީ އަޅުގަނޑުމެންގެ ހިތްތަކާއި ގުޅިފައި" އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
advertisment
ހިޔާލު