ތަޢުލީމަކީ ހަމައެކަނި އަމިއްލަ މަންފާއަށް އޮތް އެއްޗެއް ނޫން، އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް

މަތީ ތަޢުލީމަކީ ހަމައެކަނި އަމިއްލަ ކުރިއެރުމަށް އޮތް ފުރުޞަތެއް ނޫންކަން ފާހަގަކުރައްވަމުން، ލިބިފައިވާ ޢިލްމާއި ހުނަރުގެ ބޭނުންކޮށްގެން މުޖުތަމަޢަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދީ، ޤައުމީ ތަރައްޤީގައި ބައިވެރިވުމަށް ދަސްވެނިންނަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝަހީނާޒް އާދަމް، އިލްތިމާސްކުރައްވައިފިއެވެ.

"ތިޔަ ދަރިވަރުން ހޯދި ތަޢުލީމަކީ ހަމައެކަނި އަމިއްލަ މަންފާއަށް އޮތް އެއްޗެއް ނޫން. އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް،" ކަމަށް ވައިސް ޗާންސެލަރ ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ވައިސް ޗާންސެލަރު ވަނީ ދަސްވެނިވި ހުރިހާ ދަރިވަރުން ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އަބްދުﷲ ރާފިއުއަށް މަރުޙަބާ ދެންނެވިއެވެ.

ކިޔަވައި ނިމި ދަސްވެނިވި ދަރިވަރުންނަކީ ޤައުމީ ތަރައްޤީގައި މާނަހުރި ދައުރެއް އަދާކުރެވޭނެ، ފެންވަރު ރަނގަޅު ތަޢުލީމާއި، އަޚުލާޤީ ސިފަތަކާއި، އިޖުތިމާޢީ ޒިންމާދާރުކަން އަށަގަނެފައިވާ ބަޔަކަށް ވުމުގެ މުހިންމުކަމުގެ މައްޗަށް ޑރ، ޝެހެނާޒު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ތަޢުލީމީ ފެންވަރު މަތިކުރުމަށާއި ދަރިވަރުންގެ ސުލޫކު ބިނާކުރުމަށް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން، ޑރ. ޝަހީނާޒް ވިދާޅުވީ، ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ހުރުމަކުން ނުފުދޭނެ ކަމަށާއި، ވަރުގަދަ އަޚުލާޤީ ސިފަތަކާއި މުޖުތަމަޢަށް އޮންނަ ޒިންމާދާރުކަން އިސްކުރަންޖެހޭނެ ކަމަށެވެ. "ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެންމެ މަތީ މަސްއޫލިއްޔަތަކީ އިސްލާމީ އަޚުލާޤާއި ރިވެތި ސުލޫކުން ޒީނަތްތެރިވެފައިވާ ހުނަރުވެރި ޖީލެއް ބިނާކުރުން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބަދަލުވަމުންދާ ދުނިޔެއެއްގައި ފާޑުކިޔުމުގެ ވިސްނުމާއި، ހުޅުވާލެވިފައިވާ ސިކުނޑިއަކާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އިތުރުން މުޅި އުމުރަށް އުނގެނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ތަފާތު ޚިޔާލުތަކަށް މަރުޙަބާ ކިޔުމަށާއި، ފަންނީ އަދި އަމިއްލަ ކުރިއެރުމަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ދަރިވަރުންނަށް ހިތްވަރު ދެއްވިއެވެ. "ޙަޤީޤީ ތަޢުލީމަކީ ހަމައެކަނި އަމިއްލަ ޚިޔާލު ފާޅުކުރުމެއް ނޫން. އެއީ އެހެން މީހުންގެ ވިސްނުމަށް ޖާގަދޭ ހުޅުވާލެވިފައިވާ ސިކުނޑިއެއް ބިނާކުރުމާއި، އަބަދުވެސް އާ ކަންތައްތަކެއް ދަސްކުރުމުގެ ޤާބިލުކަން ހުރުން،" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޔުނިވަރސިޓީގެ ކުރިއެރުމަށް ކައުންސިލާއި، އެކަޑެމިކް އަދި އިދާރީ މުވައްޒަފުންނާއި ދަރިވަރުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވަމުން، މި ރަސްމިއްޔާތުގެ އެލަމްނާއި މާޝަލްގެ ގޮތުގައި ބައިވެރިވި ވިލިނގިލީ ހޮސްޕިޓަލުގެ ނާސިންގް އިންޗާޖް ޔޫސުފް ރަޝީދާއި، ސްކޫލް އޮފް ނާސިންގްގެ ލެކްޗަރާ ޢާއިޝަތު އަޤްލީމާ ޞިއްޙީ ދާއިރާއަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ވަޒީފާގެ މައިދާނަށް ނުކުންނައިރު އަމާނާތްތެރިކަމާއި، އޯގާތެރިކަމާއި، ފަންނީ މިންގަނޑުތަކަށް ބޯލެނބުމާއެކު ޚިދުމަތް ކުރުމުގެ ޢަޒުމް ވަރުގަދަކުރުމަށް ދަރިވަރުންނަށް ނަޞޭޙަތްތެރިވިއެވެ. ދަރިވަރުން ހޯދި މި ކާމިޔާބީއަކީ މުޖުތަމަޢާއި ޤައުމަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދިނުމަށް ލިބުނު ރަން ފުރުޞަތެއްކަންވެސް ޑރ. ޝެހެނާޒު ހަނދާންކޮށްދެއްވިއެވެ.

ޑރ. ޝެހެނާޒު ދަސްވެނީނާ މުޙާޠަބުކޮށް ދެއްކެވި ވާހަކައިން ހާމަވެގެންދިޔައީ، ރާއްޖޭގެ ބަދަލުވަމުންދާ ބޭނުންތަކަށް އެކަށޭނަ، ޢިލްމީ އަދި އަޚުލާޤީ ގޮތުން ފުރިހަމަ ދަސްވެނިން ބިނާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދޭ އަހައްމިއްޔަތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *