ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާޞިލްކޮށް އެމްއެންޔޫގެ ލެކްޗަރާ ޑރ. އާމިނަތު ޒާހިރު ތާރީޚުގެ ތެރެއަށް

"މި ކާމިޔާބީއަކީ ހަމައެކަނި އެކަޑަމިކް ކާމިޔާބެއް ނޫން. މިއީ އަޅުގަނޑުމެންގެ ބަހަށް ސަޤާފަތަށް އަދި އާދަކާދައަށް ކުރެވޭ އިޙްތިރާމެއް. މިއި ދިވެހި ބަހަށް ޔުނިވަރސިޓީއަށް މުޅި ޤައުމަށް ފަޚުރުވެރި ދުވަހެއް. މިއީ ކުރިމަގުގެ އިލްމްވެރިންނަށް ފާހަގަކޮށްލެވޭ މިސާލެއް" ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާރޓްސްގެ ސީނިއަރ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑރ. އާމިނަތު ޒާހިރު ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ޙާޞިލްކުރެއްވުމުން ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވިއެވެ.

އަދި އޭނާގެ ޕީއެޗްޑީގެ ފިކުރާތަށް އިޝާރާތްކުރައްވައި ޑރ. ޝެހެނާޒު ވިދާޅުވީ، "މިއީ، ދިވެހި ބަހުގެ ހައިސިއްޔަތު މަތިކޮށް ދިވެހި ބަހުގެ ޤަދަރު އިތުރުކޮށް ކުރިމަގުގެ ޖީލަށް ދިވެހި ބަސް ހެޔޮގޮތުގައި ވާޞިލްކޮށްދިނުމަށް ބޭނުންވާ މުހިންމު ސިޔާސަތުތަކާއި ރޭވުންތައް އެކުލަވާލާ ތަންފީޒު ކުރާނެ ގޮތްތައް ދެނެގަނެވޭނެ އަދި ބަހުގެ ސިޔާސަތުގެ އިލްމީ ނަޒަރިއްޔާއަށް އައު ހޯދުން އިތުރުކޮށްދޭ މުހިންމު ދިރާސާއެއް ކަމަށެވެ.

ޑރ. އާމިނަތު ޒާހިރުގެ ފިކުރާތު ހިމެނޭ ދިރާސާއަކީ ބަހުގެ ސިޔާސަތު ބައްޓަންކުރާ ތާރީޚީ އިޖްތިމާއީ އަދި ސިޔާސީ ޚިޔާލުތައް ތަހުލީލުކޮށްގެން ދިވެހިބަހާމެދު ނިންމާފައިވާ ނިންމުންތަކަށް ދިވެހިރާއްޖޭގައި ތައުލީމަށް އަމިއްލަވަންތަކަމަށް ޤައުމިއްޔަތުގެ ވިސްނުންތަކަށް އަދި ޤައުމީ ރޫހަށް އަސަރުކުރާ ގޮތުގެ ފުން ވިސްނުމެއް ލިބިދޭ ދިރާސާއެއް ކަމަށް ވެސް ޑރ. ޝެހެނާޒު ފާހަގަކުރެއްވިއެވެ.

ޑރ. އާމިނަތުގެ ކާމިޔާބީއަކީ ކޮންމެ ދިވެހި ދަރިއަކު ފަޚުރުވެރިވާނެ ކާމިޔާބެކެވެ.

ގއ. ދާންދޫ ސީސަންގެއަށް އުފަން ޑރ. އާމިނަތު ޒާހިރު، 1997ވަނަ އަހަރުން ފެށިގެން އައިންތު މިސް އަންނަނީ އުނގަންނައިދެއްވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. އައިންތު މިސް އާންމުކޮށް ކިޔަވައިދެއްވަނީ ދިވެހިބަހާއި ސަޤާފަތާއި، ތާރީޚާއި ގުޅުންހުރި މާއްދާތަކެވެ.

އައިންތު މިސްގެ ތަޢުލީމީ ދަތުރު ފެށުނީ މުދައްރިސެއްގެ ގޮތުގައި ޤައުމަށް ޚިދުމަތް ކުރުމުގެ ޢަޒުމުގައެވެ. އެންމެ ފުރަތަމަ ހާސިލުކުރެއްވީ ފަށާ ތަޢުލީމުގެ މުދައްރިސްކަމުގެ ސެޓިފިކެޓެވެ. އެއަށްފަހު، ދިވެހި ބަހަށާއި ސަގާފަތަށް އޮތް ލޯބީގެ ސަބަބުން، 2007 ވަނަ އަހަރު ދިވެހި ޑިގްރީއަށް ކިޔަވަން ފެށިއެވެ. ބުރަ މަސައްކަތުން 2009 ވަނަ އަހަރު އައިންތު މިސް ވަނީ ދިވެހި ޑިގްރީ ކާމިޔާބުކަމާއެކު ހާސިލްކުރައްވާފައެވެ.

ތަޢުލީމަށް އޮތް ފޯރި އިތުރުވެ، ދިވެހި ބަހުގެ ރޮނގުން އިތުރަށް ޢިލްމު ހޯއްދެވުމަށްޓަކައި، އައިންތު މިސް ވަނީ މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. މާސްޓަރސް ފުރިހަމަކުރައްވާފައިވަނީ ދިވެހިބަހާއި ސަގާފަތުގެ ދާއިރާއިންނެވެ.

އައިންތު މިސް ޕީއެޗްޑީއަށް ކިޔަވަން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. ކިޔަވަން ފެށުމުގެ ކުރިން، އެކަމަށް ޚާއްސަ ފައުންޑޭޝަން ކޯހެއް ވަނީ ފުރިހަމަ ކުރައްވާފައެވެ.

ޕީއެޗްޑީއަށް ކިޔަވަން ފެށުމުގެ ކުރިންވެސް އައިންތު މިސްއަކީ ދިރާސާކޮށް ގިނަ ދިރާސީ ކަރުދާސްތައް ޝާއިޢުކުރައްވަމުން ގެންދެވި ފަރާތެކެވެ. އެގޮތުން ޕީއެޗްޑީގެ މުޅި ފިކުރާތު ލިޔުއްވާފައިވަނީ ދިވެހި ބަހުގެ ސިޔާސަތާއި ދިވެހިބަހުގެ ރޭވުންތެރިކަމުގެ މައްޗަށެވެ. ޕީއެޗްޑީ އައިންތު މިސް ފުރިހަމަކޮށް މި އަހަރު ވަނީ ދަސްވެނިފައެވެ.
ތައުލީމީ ހަޔާތުގައި އައިންތު މިސް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު އެމްއެންޔޫއިން ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ކޮންފަރަންސް ތެވެލި ކޮންފަރެންސްއަށް 2023 އަދި 2024 ވަނަ އަހަރު ހުށަހެޅި އެންމެ މޮޅު ދިރާސީ ކަރުދާހުގެ އެވޯރޑްވެސް ވަނީ ލިބިފައެވެ. އަދި 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސީޓީއިން ބޭއްވި "3 މިނެޓުން ތީސިސް" ނުވަތަ ފިކުރާތު ހުށައެޅުމުގެ މުބާރާތުންވެސް އައިންތު މިސް ވަނީ އެއްވަނަ ހޯދާފައެވެ.

އައިންތު މިސް ވިދާޅުވި ގޮތުގައި ޕީއެޗްޑީގެ ފިކުރާތު ލިޔުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެ ދާއިރާއިން ދިވެހިން ލިޔެވިފައިވާ ލިޔުންތައް ނެތުމެވެ. މީގެ އިތުރުން މުޖްތަމައުގައި ނެތްކަމެއް އުފައްދަން ޖެހުމުން އެކަން ވަރަށް އުނދަގޫވިކަމަށް އައިންތު މިސް ވިދާޅުވިއެވެ.

"ވަރަށް ބޮޑު ގޮންޖެހުމަކަށްވި ޔުނިވަރސިޓީގެ ވަރަށް ބޮޑު އަމާޒެއް ފެންވަރު ރަނގަޅު މުޖްތަމައު ބިނާކުރާ ތައުލީމެއް އުފެއްދުން. އެހެންކަމުން ދިވެހިބަހުން މިފަދަ ކޯހެއް މިފަދަ ކިޔެވުމެއް ބޭނުންވާކަމަށްވަންޏާ އެކަމަށް ބޭނުންވާނެ ވިސްނުންތަކާއި އެކަމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ފެންވަރަށް ގެންދިޔުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށްވި." ޕީއެސްއެމްއަށް ދެއްވި އިންޓަވައިއުގައި އައިންތު މިސް ވިދާޅުވިއެވެ.

އައިންތު މިސް ވިދާޅުވީ، އާއިލާގެ ކަންކަމާއި ވަޒީފާގެ އެންމެހާ ޒިންމާތައް އަދާކުރަމުން ކިޔެވުމަކީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ. ވަގުތު ބެހުމާއި، ކޮންމެ ކަމަކަށް ދޭންޖެހޭ ސަމާލުކަން ދިނުމުގައި ދަތިތަކެއް ހުރި ކަމަށް އައިންތުމިސް

ވިދާޅުވިއެވެ. އައިންތު މިސް ވިދާޅުވީ ދިރިއުޅުމުގެ މިހާ ހިސާބަށް އައީ އަޒުމެއް ކަނޑައަޅައި އެކަން ހާސިލްކުރުމަށްކަމަށެވެ.

"އަޅުގަނޑުގެ މައިގަނޑު ތިން ކަމަކަށް އަމާޒު ގެންދިޔައީ. އެއްކަމަކީ އަޅުގަނޑުގެ އާއިލާ. ވަޒީފާ ދެން ކިޔެވުން. 3 ކަމަށްވެސް ވަގުތުދިނީ އެ ތިންކަމަކީ އަޅުގަނޑުގެ ހަޔާތައް ވަރަށް މުހިންމު ތިންކަމަށް ދެކިގެން." އައިންތު މިސް ވިދާޅުވިއެވެ.

އައިންތު މިސްގެ މި ވާހަކައިން ދޭހަވަނީ، ބުރަތަކެއް ތަހައްމަލު ކުރަންޖެހުންކަމުގައިވިޔަސް، ޕްލޭންކުރުމާއި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ، ތައުލީމީ ގޮތުންނާއި ދިރިއުޅުމުގެ އެހެނިހެން ދާއިރާތަކުންވެސް ކާމިޔާބީ ހޯދިދާނެކަމެވެ.

ދިވެހިބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލުކުރުމުގެ ލަޤަބު ލިބުމަކީ ނުވަތަ މި ކާމިޔާބީއަކީ ލިބިގެންދިޔަ ވަރަށް އުފާވެރި އަދި ފަޚުރުވެރިކަމެއް ކަމަށް އައިންތު މިސް ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ނަފްސަށް ލިބުނު އުފަލަށްވުރެ ބޮޑަށް، މިކަމަކީ ދިވެހިބަހަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އައިންތު މިސް ސިފަކުރެއްވިއެވެ.

އައިންތު މިސްއަކީ އަބަދުވެސް ދިވެހިބަހަށް ލޯބިކުރާ މީހަކަށް ވުމާއެކު، ކުރިއަށްއޮތްތާނގައި ޤައުމު ބިނާކުރުމުގައި ދިވެހިބަހުން ޤައުމަށް ޚިދުމަތް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އައިންތު މިސް ގަބޫލުކުރައްވާ ގޮތުގައި މިހިސާބަށް އާދެވުނި ﷲގެ ރަހުމަތާއެކު ވަރަށް ގިނަ ބައެއް އެހިތެރިކަމާ އެކުގައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރައްވަނީ ޕީއެޗްޑީ ފިކުރާތު ހެއްދެވުމުގައި އިރުޝާދާއި މަގުދައްކަވައިދެއްވި ދެ ސުޕަވައިޒަރުން ކަމުގައިވާ ޑރ. އާމިނަތު ރިޔާޒާއާއި ޑރ. ދިބާގެ ނަމެވެ. ޚާއްސަކޮށްކޮށް ޑރ. އައިންތު ރިޔާޒުގެ ވަރަށް ގިނަ ވަގުތު އެބޭފުޅާއަށް ދެއްވަވައި، ދެއްވި އިރުޝާދުތައް ވަރަށް ބޮޑަށް ފާހަގަކުރައްވައެވެ. އައިންތު މިސް ކިޔަވާ ވިދާޅުވީ ވަޒީފާގައި ހުރެކަމަށް ވުމާއެކު، ފެކަލްޓީ އޮފް އަރޓްސްގެ ޑީން އަދި އޭނާގެ ޕީއެޗްޑީ ކޯހުގެ ވިލަރެސްވެރިޔާ އާސިމް އަބްދުއްސައްތާރާއި، ފެކަލްޓީގެ އެންމެހައި މުއައްޒަފުންނާއި ފެކަލްޓީއާއި ޔުނިވަރސިޓީގެ އެކުވެރި ދާރިސުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި، ފެކަލްޓީގެ ކުރީގެ ޑީން އަބްދުއްރަޝީދު އަލީ އައިންތު މިސްގެ ކުރިއެރުމަށް ދެއްވި އެއްބާރުލެއްވުން ވަރަށް ބޮޑަށް ފާހަގަކުރައްވައެވެ.

ހަމައެހެންމެ އައިންތު މިސްގެ ދިރާސީ މަސައްކަތަށް ބޭނުންވި ޑޭޓާ އެއްކުރުމުގައި ދީނީ، ޓެކްނޮލޮޖީ، ތަޢުލީމީ، ޞިއްޙީ، މީޑިއާ، ޤާނޫނީ، އަދި ސަލާމަތީ ބާރުތަކާއި ބަހާއި ބަހަވީ ދާއިރާތަކުގެ ދިވެހިބަހުގެ މަސްލަހަތުވެރިންނާއި ދިރާސާއަށް ފަންނީ މަޢުލޫމާތު ދެއްވި އެކި ބޭފުންނާއި ދިވެހިބަހުގެ އެކެޑަމީގެ އެހާރާއި މިހާރުގެ އިސްވެރިނާއި މެންބަރުންނާއި މުއައްޒަފުންގެ އެއްބާރުލެއްވުން ފާހަގަކުރައްވައި ޖުމުލަކޮށް މި ކާމިޔާބީގައި އެހީތެރިވެ ދެއްވި ހުރިހާ ފަރާތަކަށް އައިންތު މިސް ޝުކުރު އަދާކުރައްވައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *