ޙަދީޘް ހިތުދަސްކުރުމުގެ މުބާރާތުން 18 އަހަރުން ދަށުގެ ބައިން އެއްވަނަ 8 އަހަރުގެ ޢައްބާދަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ބޭއްވި ޙަދީޘް ހިތުދަސްކުރުމުގެ މުބާރާތުން 18 އަހަރުން ދަށުގެ ބައިން އެއްވަނަ އަށް އަހަރުގެ އަބްދުﷲ ޢައްބާދު ޢަރޫޝް ހޯދައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނަތްގައި އަލަށް އުފެއްދި ޙަދީޘް ފެކަލްޓީން ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ 18 އަހަރުން ދަށާއި އަހަރުން މައްޗެވެ. އަށާރަ އަހަރުން ދަށުގެ ބައިން ދެވަނަ ހޯދީ އާސިޔަތު އަބްދުއްސަލާމެވެ.

ތިންވަނައަށް ދިޔައީ ހަތް އަހަރުގެ ޛުލްކިފްލް ބިން އަލީފާއި ނޫޙް އަމީން ދީދީއެވެ.

18 އަހަރުން މަތީގެ ބައިން އެއްވަނަ ފަސް މީހަކު ހޯދާފައިވެއެވެ.  އަބްދުﷲ ޝާޒްލީން އާއި ޢާއިޝަތު ޒީކް ފަތުޙުއްﷲ އާއި އާމިނަތު ޙަސަން އާއި ފާޠިމަތު ޠުޤާގެ އިތުރުން އާމިނަތު ދިމްނާ ޢިމާދެވެ. ދެވަނަ ހޯދީ ޙުސައިން ޝަޔާޒެވެ. ތިންވަނަ ހޯދީ ޙަފްޞާ އިބްރާހިމް ދީދީއެވެ. އެއްވަނަ ހޯދި ޢަބްދުﷲއަށް މުބާރާތުން އެންމެ ފާހަގަކޮށްލެވޭ ދަރިވަރުގެ އިނާމު ލިބުނެވެ.

މި މުބާރާތަށް ހުޅުވާލުމުން 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އިމްތިޙާނުގައި ބައިވެރިވެވުނީ 25 ފަރާތަށެވެ.

މި  މުބާރާތުގައި ހިތުން ދަސްކުރަން ހަވާލުކުރީ ބުޚާރީ އާއި މުސްލިމުގައިވާ ކުރު 30 ޙަދީޘެވެ. ޙަދީޘް ދަސްކުރުމުގެ އިތުރުން އޭގެ ޝަރަޙައާއި އެ ޙަދީޘްތަކަށް އަމަލުކުރާނެ ގޮތް ވެސް ބައިވެރިން ދަސްކޮށްފައިވެއެވެ. އަދި މި މުބާރާތުގައި ބައިވެރިވި ބައެއް ދަރިވަރުން ޙަދީސް ހިތުން ދަސްކޮށްފައި ވަނީ އެ ޙަދީޘެއްގެ ނަމްބަރާ ވެސް އެކުގައެވެ.

އައިޔޫއެމް ބުނީ، މިއީ ޙަދީޘް ދަސްކުރުމުގެ ގޮތުން ބޭއްވި ފުރަތަމަ މުބާރާތް ކަމަށާއި އަންނަ އަހަރު ވެސް މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *