"އޭމްޕްލް" އިމްތިޙާނު ޕައިލެޓް ކުރުމުގެ ގޮތުން މި އަހަރު ކުރިއަށް ގެންދަނީ މާލޭގެ ސްކޫލްތަކާއި މާލެއަތޮޅުގެ ބައެއް ސްކޫލްތަކާއި ސިޓީތަކަށް ނިސްބަތްވާ ބައެއް ސްކޫލްތަކުގެ ގުރޭޑް 3އާއި 6ގެ ދަރިވަރުންނަށް
ޕްރައިމަރީގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުން މިނެކިރުމަށް އޭމްޕްލް ބައިނަލްއަޤްވާމީ އިމްތިހާނު ފުރަތަމަ ފަހަރަށް ރާއްޖޭގައި ޕައިލެޓްކޮށް، އެ އިމްތިޙާން ނަގަން ފަށައިފިއެވެ.
އެސެސްމަންޓް ފޮރ މިނިމަމް ޕްރޮފިޝެންސީ ލެވެލް (އޭމްޕްލް) އަކީ ޔުނެސްކޯ އިންސްޓިޓިއުޓް ފޮރ ސްޓެޓިސްޓިކްސް އަދި ދަ އޮސްޓްރޭލިއަން ކައުންސިލް ފޮރ އެޑިއުކޭޝަނަލް ރިސަރޗް (އޭސީއީއާރު) ގުޅިގެން ކުރިއަށް ގެންދާ އިމްތިޙާނެކެވެ. މި އިމްތިޙާނު ބައެއް ޤައުމުތަކުގައި މިހާރު ވެސް ކުރިއަށް ގެންދެއެވެ.
މި އިމްތިޙާނުގައި މި އަހަރު ބައިވެރިކުރަނީ މާލޭގެ ސްކޫލްތަކާއި މާލެ އަތޮޅުގެ ބައެއް ސްކޫލްތަކުގެ އިތުރުން ބައެއް ސިޓީތަކުގެ ސްކޫލްތަކެވެ. މި އިމްތިޙާނު ދެނީ ގުރޭޑް 3އާއި 6ގެ ދަރިވަރުންނަށް ރީޑިންގ އާއި ހިސާބުންނެވެ.
މިއީ ޕްރައިމަރީ ގުރޭޑް ތަކުގެ ދަރިވަރުންގެ ފެންވަރު ވަޒަން ކުރަން މިހާރު ނަގާ ނާލޯއާ އެއްގޮތަށް ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ އިމްތިޙާނެކެވެ.
މި އިމްތިޙާނުގެ ބޭނުމަކީ ޕްރައިމަރީ ނިމޭއިރު ދަރިވަރުންގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކުން މިނެކިރައި ބެންޗްމާކްކޮށް، ދަރިވަރުންގެ މެދުގައި ހުރި ފަރަގުތައް ދެނެގަތުމެވެ. އެއާއެކު އިންތިޙާނުގެ ނަތީޖާއަށް ބަލައި މުޤައްރަރު އިސްލާހު ކުރުމާއި ޓީޗަރުން ތަމްރީނު ކުރުމާއި ވަސީލަތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމެވެ.
މާލޭގެ ސްކޫލްތަކާއި މާލެ އަތޮޅުގެ ބައެއް ސްކޫލްތަކުގައި މި އިމްތިޙާން ކުރިއަށް ގެންދިޔައީ މި ހަފުތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހުއެވެ. ސިޓީތަކުގެ ސްކޫލްތަކުގައި މި އިމްތިޙާނު ކުރިއަށް ގެންދާނީ އަންނަ އަފުތާގެ ތެރޭގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަދީލް ނަޞީރު ދަރިވަރު ނޫހަށް ވިދާޅުވީ، އޭމްޕްލް އިމްތިޙާނު ރާއްޖޭގައި ޕައިލެޓް ކުރުމުގެ ގޮތުން މި އަހަރު ބައެއް ސްކޫލްތަކަށް ދިން ނަމަވެސް އަންނަ އަހަރުގެ ފަހުކޮޅު ބާއްވާ އެ އިމްތިޙާން ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތައް ވެސް ހިމެނޭނެ ކަމަށެވެ.
"ޕްރައިމަރީ ދަރިވަރުންގެ ނަތީޖާ މިނެކިރަން މިހާރު ނަގާ ނާލޯގައި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކެއް ނުހިމެނޭ. އެކަމަކު އޭމްޕްލް އިމްތިޙާނުގައި އެ ސްކޫލްތައް ވެސް ހިމަނައިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އިމްތިޙާނު ކުރިއަށް ގެންދާނީ. އެހެން ޤައުމުތަކާ އަޅާކިޔޭ ގޮތަށް އަޅުގަނޑުމެންގެ ދަރިވަރުން ތިބި ހިސާބެއް ދެނެގަނެ ބެންޗްމާކު ކުރުން ބޭނުމަކީ" ޑރ. އަދީލް ވިދާޅުވިއެވެ.
މުޅިން އަލަށް، އަންނަ އަހަރު ރާއްޖޭގެ ޕްރައިމަރީ ދަރިވަރުން ބައިނަލްއަޤްވާމީ ޓެސްޓެއްގައި ބައިވެރިކޮށް ބެންޗްމާރކް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދާދިފަހުން އިއުލާން ވެސް ކުރައްވާފައެވެ.


advertisment
ހިޔާލު