އައިއީއީއީ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އެމަރޖިންގ އިނޮވޭޝަން އެންޑް ޑިޖިޓަލް ޓެކްނޮލޮޖީ (އައިސީއީއައިޑީޓީ 2025) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ފަށައިފިއެވެ.
މި ކޮންފަރެންސް ކުރިއަށް ދާނީ ދެ ދުވަހަށެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އީ-ސިސްޓަމްސް އިންޖިނިއަރިންގ ސޮސައިޓީ، އަދި އޭޕީޔޫ އައިއީއީއީ ސްޓޫޑެންޓް ބްރާންޗް ގުޅިގެން އައިއީއީއީ މޯލްޑިވްސް ސަބްސެކްޝަން އިން އިންތިޒާމުކޮށްފައިވާ ކޮންފަރެންސެކެވެ. މި ހައިބްރިޑް ކޮންފަރެންސްގައި، ކޮމްޕިއުޓިންގ، އިންޖިނިއަރިންގ އަދި ޑިޖިޓަލް އިނޮވޭޝަންގެ އެންމެ ފަހުގެ ކުރިއެރުންތައް ދިރާސާކުރުމަށް ރާއްޖެއާއި ބައިނަލްއަޤުވާމީ މާހިރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
މި އަހަރުގެ ކޮންފަރެންސަށް 154 ދިރާސާ ހުށަހެޅިފައިވާއިރު، އޭގެތެރެއިން 85 ދިރާސާއަކީ އޭޝިއާއާއި ޔޫރަޕާއި މެދުއިރުމައްޗާއި އެފްރިކާ އަދި އެމެރިކާ ފަދަ އެކި ސަރަޙައްދުތަކުން ހުށައަޅާފައިވާ ދިރާސާތަކެވެ. މި ކޮންފަރެންސްގައި 27 ޤައުމަކުން ބައިވެރިވެއެވެ.
މި ކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި ތިން ބޭފުޅުން ތަޤްރީރު ކުރައްވާނެއެވެ. އެއީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާ ބެހޭ މިނިސްޓަރ އޮފް ސްޓޭޓް ޑރ. މުޙައްމަދު ކީނާނަތާއި ކަޒާން ފެޑެރަލް ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. ޖަމީލާ މުސްތަފީނާގެ އިތުރުން ޔޫކޭގެ ބާތު ސްޕާ ޔުނިވަރސިޓީގެ ޑރ. ރިޔާ ގުރްޕްރީޓް ސިދޫއެވެ. މިއިން ކޮންމެ ބޭފުޅަކު ވެސް ޤައުމީ ފެންވަރުގައި ޑިޖިޓަލް ބަދަލުތައް ގެނައުމާއި މަތީ ތަޢުލީމުގެ ކުރިއެރުމާއި އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ތަޢުލީމު ދިނުމުގައި އަލަށް ފެންމަތިވަމުން އަންނަ ޓެކްނޮލޮޖީތަކުގެ ދައުރު ފަދަ މުހިންމު މައުޟޫޢުތައް ތަޤްރީރުގައި ފާހަގަކުރައްވާނެއެވެ.
އަދި މި ކޮންފަރެންސްގައި އާޓިފިޝަލް އިންޓެލިޖެންސާއި އައިއޯޓީ، ކްލައުޑް ކޮމްޕިއުޓިންގ، ބިގް ޑޭޓާ، ޑިޖިޓަލް ހެލްތް، ރޮބޮޓިކްސް، ސައިބަރ ސެކިއުރިޓީ އަދި ސަސްޓެއިނަބަލް ކޮމްޕިއުޓިންގ ފަދަ ދާއިރާތަކަށް ޚާއްސަކޮށްގެން ތަފާތު އެކި ޓެކްނިކަލް ސެޝަންތަކާއި، ޕެނަލް ޑިސްކަޝަންތަކާއި، ދިރާސާ ހުށަހެޅުންތައް ހުށައަޅާނެއެވެ.


advertisment
ހިޔާލު