އެމްއެމްއޭގެ ތަމްވީލް އިކޮންކުއެސްޓް ބަހުސް މުބާރާތުން އެއްވަނަ އިކޮންއެޖަށް، ސްޕެޝަލް ރިކޮގްނިޝަން އެވޯޑް އެ ޓީމުގެ ޒާއިންއަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަމްވީލް އިކޮންކުއެސްޓް ބަހުސް މުބާރާތުން އެއްވަނަ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ހަތަރު ދަރިވަރުން ހިމެނޭ އިކޮންއެޖުން ހޯދައިފިއެވެ. މި މުބާރާތުގެ ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ލިބުނީ އިކޮންއެޖުގެ ޢަލީ ޒާއިން އަޙްމަދެވެ.

މި މުބާރާތުން ވަނަތައް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވީ، ވިލާ ނޯޓިކާ ޕެރެޑައިޒް އައިލެންޑް ރިޒޯޓުގައި ފެށި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މި އަހަރުގެ ރިސާޗް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

ތަމްވީލް ފިންލިޓް ފެސްޓިވަލުގައި ފައިނޭންޝަލް ނޮލެޖްގެ ދާއިރާއިން ފިންލިޓް ޗެލެންޖް ކާމިޔާބުކުރީ ޓީމް 4އޮފްއަސްއެވެ.

އިނޮވޭޝަން ފޯ އިމްޕެކްޓްގެ ދާއިރާއިން އިމްޕެކްޓް ޕިޗް ޗެލެންޖް ކާމިޔާބުކުރީ ފިންޓެކުންނެވެ. އެ ޓީމުން ތައްޔާރު ކުރީ "ފިންލަރން" ގެ ނަމުގައި އިސްލާމިކް ފައިނޭންސް ކިޔަވަން ބޭނުންވާ ޕޯޓަލްއެކެވެ.

ތަމްވީލް ފިންލިޓް ފެސްޓިވަލުގެ ތެރެއިން އިޤްތިޞާދީ މައްސަލަތަކަށް ވާހަކަ ދައްކަން ކުރިއަށް ގެންދިޔަ ބަހުސް މުބާރާތުގައި ހަތަރު ޓީމެއް ވާދަކުރިއެވެ.

ފައިނަލުގައި އިކޮންއެޖާ ވާދަކުރީ އެމްއެންޔޫއެސްޔޫއެވެ.

ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ލިބުނު އިކޮންއެޖްގެ ޒާއިން ބުނީ، އޭނާގެ ޓީމުން އެ މުބާރާތަށް ތައްޔާރުވުމަށް ނޫސްތަކާއި އިޤްތިޞާދީ ދިރާސާތަކާއި ރިވިއުތަކާއި ފައިނޭންޝަލް ރިޕޯޓްތައް ކިޔައި މައުލޫމާތު އެއްކުރި ކަމަށާއި އަދި ވީއައިއެޗްއެސްގެ ތިން ޓީޗަރެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

ޒާއިން ބުނީ ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ލިބިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި ފައިނަލުގެ ބަހުސް ނިންމާލިއިރު، ޓީމަށް ވަނައެއް ލިބޭނެ ކަމަށް އުއްމީދު ކުރެވުނު ކަމަށެވެ.

ޒާއިން ބުނީ، އެމްއެމްއޭ ފަދަ މުއައްސަސާއަކުން އިންތިޒާމް ކުރި ބަހުސް މުބާރާތަކުން ފަޚުރުވެރި ވަނައެއް ލިބުމަކީ ކުރިއަށް އޮތް އޭނާގެ ޔުނިވަރސިޓީގެ ތަޢުލީމަށް ލިބިގެން ދިޔަ ހިތްވަރެއް ކަމަށެވެ.

ޒާއިން ވަނީ، އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. އަދި ފާއިތުވި އަހަރު ކަލާފާނު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކީ ވެސް އޭނާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *