މިސްރުގައި ބާއްވާ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ރާއްޖެއިން ބެރިވާނެ ފަރާތްތައް ހޯދަން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިޢުލާން ކޮށްފިއެވެ. މި މުބާރާތުގެ ދެ ކެޓަގަރީންގައި ވެސ ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއެކު 18 ނޮވެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަކޮށް ހުށައަޅަން ޖެހެއެވެ.
އެ މަރުކަޒުން ކުރި އިޢުލާނުގައި ބުނެފައި ވަނީ، އަންނަ ޑިސެމްބަރު މަހުގެ 6އިން 10އަށް މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ "32 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައިވާ ކަމަށެވެ.
ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނީ، އެ މުބާރާތުގެ ފުރަތަމަ ގެޓަގައރީގައި ބައިވެރިވުމުގެ ޝަރުޠަކީ، ތަޖުވީދުގެ ހަމަތަކާއެކު ޙަފްޞް ޢަން ޢާޞިމް ރިވާޔަތަށް ކީރިތި ޤުރްއާން ނުބަލާ ކިޔެވުން ކަމަށެވެ. އަދި ދިވެހި ރައްޔިތަކަށްވުމާއި އިމާމެއް، ދީނީ ޢިލްމުވެރިޔެއް، އެއްވެސް މުއައްސާއެއްގައި ޤުރްއާން އުނގަންނައިދޭ ނވަތަ ޤުރްއާން އުނގަންނައިދިނުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް ނުވުމެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 22 ގެ ނިޔަލަށް 35 އަހަރު ފުރިފައި ނުވުމާއި ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުމުގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށްވުމެވެ.
ދެވަނަ ކެޓަގަރީއަކީ ޢަރަބިބަހުން ވާހަކަދައްކަން ނޭނގޭ ފަރާތްތަކަށް ކުރިއަށް ގެންދާ ކެޓަގަރީއެކެވެ.

މި ކެޓަގަރީގައި ބައިވެރިވުމުގެ ޝަރުޠަކީ ތަޖުވީދުގެ ހަމަތަކާއެކު ޙަފްޞް ޢަން ޢާޞިމް ރިވާޔަތަށް ކީރިތި ޤުރްއާން ނުބަލާ ކިޔެވުމެވެ. މީގެ އިތުރުން ދިވެހި ރައްޔިތަކަށްވުމާއި ޢަރަބިބަސް ނޭނގޭ ފަރާތަކަށްވުމާއި
22 އޮކްޓޯބަރ 2025 ގެ ނިޔަލަށް ޢުމުރުން 30 އަހަރު ފުރިފައިނުވާ މީހަކަށްވުމާއި ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުމާއި ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށްވުމެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނީ، މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތަކީ މީގެ ކުރިން "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން" ގައި ބައިވެރިވެ ވަނައެއް ޙާޞިލްކޮށް ފައިސާގެ އިނާމު ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށެވެ.
މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހު ކަމަށާއި އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެ ކަމަށެވެ.
މިޞްރަށް ދިޔުމާއި އައުމުގެ ޓިކެޓާއި، ހުރުމާއި ކެއުމުގެ ޚަރަދު މުބާރާތް އިންތިޒާމް ކުރާ ފަރާތުން، ހަމައެކަނި މުބާރާތުގައި ބައިވެރިވާ ފަރާތަށް ހަމަޖައްސަވައި ދޭނެ ކަމަށް ވެސް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނެއެވެ.


advertisment
ހިޔާލު