ޕޯޓް މެނޭޖްމަންޓްގެ ދާއިރާގެ ރާއްޖޭގެ ފުރަތަމަ ޑިގްރީ ކޯސް ހިންގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ ދަށުން އެމްޕީއެލް އާއި އެމްއެންޔޫ ގުޅިގެން ހިންގާނީ މޯލްޑިވްސް ކޮލިކޭޝަން އޮތޯރިޓީގެ އެކްރެޑިޓޭޝަން އެޕްރޫވްކޮށްފައިވާ ޕޯޓް މެނޭޖްމަންޓްގެ ޑިގްރީ ކޯހެކެވެ.
އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަހުމުނާމާގައި، އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރު މުހައްމަދު މުއީނެވެ.
މި ފަހުމުނާމާގެ ދަށުން އެމްއެންޔޫ އާއި އެމްޕީއެލް ގުޅިގެން ކުރެވިދާނެ ތަފާތު ދާއިރާތަކުގެ ތެރޭގައި އެކަޑަމިކް އަދި ޓެކްނިކަލް މަޢުލޫމާތު ބަދަލުކުރުމާއި، ޖޮއިންޓް ރިސަރޗް އިނީޝިއޭޓިވްސްއާއި، ސެމިނަރތަކާއި، ކޮންފަރެންސްތަކާއި، މެރިޓައިމް އެޑިޔުކޭޝަން އެންޑް އޮޕަރޭޝަންސްއާ ގުޅޭ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، ބެސްޓް އިންސްޓިޓިއުޝަނަލް ޕްރެކްޓިސްތައް ޙިއްޞާކުރުން ހިމެނެއެވެ. މީގެ އިތުރުން މެރިޓައިމް އެޑިޔުކޭޝަން އަދި ޓްރެއިނިންގ ޕްރޮގްރާމްތައް ޖޮއިންޓް ޑިވެލޮޕްމަންޓް، ޑެލިވަރީ އަދި ރިވިއު ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދާނެއެވެ.
މި ފަހުމުނާމާގެ ސަބަބުން ޤައުމީ ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިވެދޭ ޕްރޮގްރާމްތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ދާނެ ކަމަށް އެމްއެންޔޫ އިން ބުނެއެވެ.
advertisment
ހިޔާލު