ޖީޕީއީ ބޯޑުގެ އެގްޒެކެޓިވް ކޮމިޓީއަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް

ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ބޯޑުގެ އެގްޒެކެޓިވް ކޮމިޓީއަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް ދިވެހިރާއްޖޭގެ ތަޢުލީމީ ވަޒީރު އައްޔަންކުރެވިގެން ދިއުމަކީ ތަޢުލީމީ ސިޔާސަތުތަކާ ގުޅޭ ބައިނަލްއަޤްވާމީ މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއް ކަމަށާއި އަދި އެއީ ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. މިކަމުން ދައްކުވައިދެނީ ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުގެ އިސްނެންގެވުމާއި، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ 4 ވަނަ ލަނޑުދަނޑި – ހަމަހަމަ، ޝާމިލު އަދި ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުން – ހާސިލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޖީޕީއީ ބޯޑުގެ އެގްޒެކެޓިވް މެންބަރެއްގެ ހައިސިއްޔަތުން، ޖީޕީއީގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ގްލޯބަލް އެޑިޔުކޭޝަން އިނިޝިއޭޓިވްތައް ރަނގަޅަށް ކުރިއަށްދޭތޯ ކަށަވަރުކުރުމުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު މުހިންމު ދައުރެއް އަދާކުރައްވާނެއެވެ.

މީގެ އިތުރުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ގެންދަވަނީ ޖީޕއީގެ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދު ތަމްސީލުކުރައްވާ ބޯޑު މެންބަރުގެ ހައިސިއްޔަތުން، މި ސަރަޙައްދުގެ ޤައުމުތަކުގައި ހަމަހަމަކަމާއެކު، ޝާމިލުވެއްޓެއްގައި، ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމަށް ވަކާލާތު ކުރައްވަމުންނެވެ.

ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީޕީއީ) އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ. ޖީޕީއީ އިން ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ޖީޕީއީގެ ތަފާތު 3 ގްރާންޓްގެ އެހީއާއެކު ތައުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި "ތައިބަ' ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޙާއްސަ ޕްރޮޖެކްޓެއް ގާއިމުކުރެވި، އޭގެ މަސައްކަތް ކުރިއަށްދެއެވެ. މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ތައުލީމަށް، ނިޒާމީގޮތެއްގައި، ހެޔޮ ބަދަލުތަކެއް ގެނެއުމާއެކު، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ހަރުދަނާ، ޝާމިލު، ވިލުންވެރި ނިޒާމަކަށް ހެދުމަށްޓަކައި އެކުލަވާލި ޕްރޮޖެކްޓެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *