ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެޑްމިނިސްޓްރޭޝަން، މާރކެޓިންގް، ސޭލްސް، ޕްރޮކިއުމެންޓް، ކޯޕަރޭޓް ސަރވިސަސް، ފައިނޭންސް، ހިއުމަން ރިސޯސަސް އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިގޮތުން އޭލެވެލް ފުރިހަމަކޮށް ފުލް-ޓައިމް ވަޒީފާ އަދާނުކުރާ ހުރިހާ ޒުވާނުންނަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. އަދި މާލޭގެ އިތުރުން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ލާމު އަތޮޅު އަދި ގާފު އަތޮޅުގައި ގާއިމުކުރެވިފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ދާނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށްވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާއި ބެހޭ ގޮތުން ދިރާގުގެ އެކި ޑިޕާޓްމެންޓްގެ މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 30 ނޮވެންބަރު 2025ގެ ނިޔަލަށް ފޯމް ހުށަހެޅޭނެއެވެ.
2009ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 288 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިން ދަނީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެހެނިހެން ޖަމިއްޔާތަކުގައިވެސް ވަޒީފާތައް އަދާކުރަމުންނެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގަރާމްގެ ޒަރިއްޔާއިން ދިރާގުން ދަނީ ޒުވާނުން ބާރުވެރިކުރުވާ، މުސްތަގްބަލުގެ ލީޑަރުން ބިނާކޮށް އަދި އެފަރާތްތަކުގެ ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ.

advertisment
ހިޔާލު