ޕްރިންސިޕަލް ނާޞިޙާ އެދިވަޑައިގަތީ "ކިޔަވާކުދިންނަށް ޙާޞިލްވާނެ ބޮޑުކުޑަމިން ކަނޑައެޅުމުގެ އިމާއި މިނަކީ ވެސް އެކުދިންގެ ވިސްނުންކަމަށް ހަދަން"
ޞަލާޙުއްދީން ސްކޫލުގެ ޙަޔާތުގައި ބޭއްވުނު އަހަރީ އިނާމު ދިނުމުގެ ފުރަތަމަ ޖަލްސާ ބޭއްވީ އިއްޔެ ހަވީރު އެ ސްކޫލުގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ދިވެހިބަހުގެ އެކަޑެމީގެ ރައީސް ޑރ. އަޝްރަފު ޢަބްދުއްރަޙީމެވެ.
ފާއިތުވި އަހަރު ޞަލާޙުއްދީން ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، އަޒްކާ އަބަދުލްހަފީޒަށެވެ.

އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ޕްރިންސިޕަލް ނާޞިޙާ އިދުރީސް ވިދާޅުވީ، އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޚާއްޞަ ކަމަށާއި އެ ސްކޫލުގެ ފުރަތަމަ އޯލެވެލް ނިންމި 74 ދަރިވަރުން ނިސްބަތް ވަނީ ރާއްޖޭގެ 47 ރަށަކަށް ކަމަށެވެ. އަދި އެއީ ތަފާތު 28 ސްކޫލަކުން އެ ސްކޫލާ ގުޅުނު ދަރިވަރުން ކަމަށެވެ. 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު ޞަލާޙުއްދީނުގައި ކިޔަވައިދޭން ފެށީ ގުރޭޑު 9އާ ހަމައަށެވެ. 2024 ވަނަ އަހަރު ގުރޭޑް 10ގައި 74 ދަރިވަރުން ކިޔެވިއެވެ. އެ ދަރިވަރުން އެ ސްކޫލަށް އައީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދެމުން އައި 28 ސްކޫލަކުންނެވެ. އެއީ މާލޭ ސަރަޙައްދުގެ 12 ސްކޫލަކާއި އަތޮޅު ތަކުގެ 15 ސްކޫލަކާއި ރާއްޖެއިން ބޭރުގެ އެއް ސްކޫލަކުންނެވެ.
ނާޞިޙާ ވިދާޅުވީ، އެކަން ބެއްލެވީ، އަލަށް ޚިދުމަތް ދޭން ފަށާއިރު ޚިދުމަތް ދޭން ޖެހެނީ ކޮންކަހަލަ ކުދިންނަކަށްކަން، ކޮންކަހަލަ ދަރިވަރުންކަން ދެނެގަތުމުގެ ގޮތުން ކަމަށެވެ.
ނާޞިޙާ ވިދާޅުވީ، އެ ސްކޫލުން އޯލެވެލް ނިންމި ފުރަތަމަ ބެޗާމެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އެ ހުރިހާ ކުދިންގެ ތެރޭގައި ޤައުމީ ގަދަ ދިހައެއްގައި ކުދިންތަކެއް ހިމެނި، ފަސް މާއްދާއިން 44 އިންސައްތަ ކުދިން ފާސްވެފައިވާތީ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ލިބުނު ވަގުތާ ކުރެވުނު މަސައްކަތާ ބަލާއިރު މި ކުރެވުނީ މަސައްކަތެކޭ. އަޅުގަނޑުމެން ކުރިމަގާ މެދު ކުރާ އުއްމީދު ވަރަށް ބޮޑޭ" ނާޞިޙާ ވިދާޅުވިއެވެ.
އެ ސްކޫލުގެ މުދައްރިސުންނަށް ނާޞޙާ ވިދާޅުވީ، "ތިޔަ ބޭފުޅުން ކިޔަވައިދެއްވަމުން ގެންދަވަނީ 178 ރަށުގެ ދަރިވަރުންނަށޭ، ގައިމުވެސް މަސްހުނި ގޮތްތަކެއް ހުންނާތާއޭ" ކެތްތެރިކަމާއި އޯގާތެރިކަމާއެކު މުދައްރިސުން ކުރައްވާ މަސައްކަތަށް ލޯތްބާއި އިޙްތިރާމް ނާޞިޙާ ޝުކުރު ދެންނެވިއެވެ.
ދަރިވަރުންނަށް ޕްރިންސިޕަލް ނާޞިޙާ ވިދާޅުވީ، ކުދިން ވިސްނަންވީ އެކުދިންގެ ނަފުސުގެ އާރުކާޓީންނަށް ވުމަށެވެ.
"ތިޔަކުދިންގެ ނަފުސު ގޮވައިގެން ކުރިއަށްދާން މަސައްކަތް ކުރަންވާނެ. ތިޔަކުދިންގެ ނަފުސު ނެގެހެއްޓޭ ކުދިންނަށް ތިޔަކުދިން ވާންޖެހޭނެ. ތިޔަކުދިން ވާންޖެހޭނީ ފައްސިކޮށް ވިސްނާބަޔަކަށް. ތިޔަކުދިން ވާންޖެހޭނީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ﷲއަށް ވަކީލުކުރާ ބަޔަކަށް" ނާޞިޙާ ވިދާޅުވިއެވެ.
"ތިޔަކުދިންގެ ލިމިޓަކީ ނުވަތަ ތިޔަކުދިންގެ އިމަކީ، މިނަކީ ތިޔަކުދިންގެ ވިސްނުންކަމަށް ހަދަން ޖެހޭ. ތިޔަކުދިން ވިސްނިގޮތަކަށް ތިޔަކުދިންގެ ކަންތައްތައް ނިމިގެން ދާނީ"
ބެލެނިވެރިންނަށް ނާޞިޙާ ވިދާޅުވީ، އެއްވެސް ހާލެއްގައި ދަރިވަރުންނާމެދު އުއްމީދު ކަނޑާލައިގެން ނުވާނެ ކަމަށާއި އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް އޮންނަ އުއްމީދާ ކުދިންގެ އުއްމީދު ގުޅިލާމެހެންވާނެ ކަމަށެވެ.

advertisment
ހިޔާލު