"ވަރަ އެކްސްޕޯ"ގެ ނޭޝަނަލް ކެރިއަރސް ސަރވިސްގެ ސްޓޯލުން އަމިއްލަ ނަފުސު ދެނެގަތުމުގެ ޓެސްޓް ހެދުމުގެ ފުރުޞަތު

ދިވެހިރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކެރިއަރ ފެއަރގެ "ވަރަ އެކްސްޕޯ" މިއަދު ފަށާނެއެވެ. މި ފެއަރގައި ނޭޝަނަލް ކެރިއަރސް ސަރވިސް (އެންސީއެސް)ގެ ސްޓޯލެއް ހުންނާނެއެވެ. މި ސްޓޯލު ހުންނާނީ ވަރަ އެކްސްޕޯގެ އެޑިޔުކޭޝަނަލް ޒޯނުގެ އެންމެ ފުރަތަމަ ވަދެވޭ ސްޓޯލުގެ ގޮތުގައެވެ. އެން.ސީ.އެސްގެ ސްޓޯލަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ކެރިއަރ ގައިޑެންސްގެ ޚިދުމަތް ލިބޭނެއެވެ. އަދި ކުރިއަށްދާނެ ކެރިއަރއެއް ޚިޔާރުކުރުމަށް ބޭނުންވާ އަމިއްލަ ނަފުސު ދެނެގަތުމުގެ ޓެސްޓް (ޑިސްކަވަރ ޔުއަރ ސެލްފް)  ހެދުމުގެ ފުރުޞަތު ވެސް ފަހިކޮށްދީފައިއެވެ. އެން، ސީ، އެސްގެ ސްޓޯލުގައި ކުރިއަށްދާނެ ކެރިއަރއެއް ޚިޔާރުކުރުމަށް މަގުފަހިވާފަދަ ކުދި ކުދި ގޭމުތަކާއި އަދި މިކަމަށް މަގުފަހިވާފަދަ ސުވާލާއި ޖަވާބު ދިނުމުގެ ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

އެންސީއެސްގެ ސްޓޯލަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން އެން، ސީއެސްގެ ސްޓޯލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަސް ފަރާތަކަށް، ކޮންމެ ނަސީބުވެރި ފަރާތަކަށް ، އެއްހާސް ރުފިޔާގެ އެއްހާސް ރުފިޔާގެ ގިފްޓްވައުޗަރއެއް އެސްޓީ، އޯގެ ފަރާތުން ދޭނެއެވެ. އަދި މެޓްރޯގެ ފަރާތުން ދެ މީހަކަށް ރޭގަނޑުގެ ފަރިއްކޮޅެއް ލިބުމުގެ ފުރުސަތާއި އަދި  އެސްޖޭ މޯލުގެ ފަރާތުން ދޭ  20  ގިފްޓްހެމްޕަރ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން  ވޭ މޯ ބިއުޓިފުލް ސެލޫން އިން އެންސީއެސްގެ ސްޓޯލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ހަ ފަރާތަކަށް ދެއްވާ ސަރވިސް ޑިސްކައުންޓެޓު ވައުޗަރ ދޭން ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގައި މިވަގުތު ވަޒީފާތަކަށް މީހުން ހޯދުމަށް އިޢުލާނު ކުރެވިފައި ހުރި، ވަޒީފާގެ ވަރަށް ގިނަ ފުރުޞަތުތަކުގެ މަޢުލޫމާތު ވެސް އެންސީއެސްގެ ސްޓޯލްއިން ފޯރުކޮށްދޭނެއެވެ. ވަޒީފާއަށް ދިއުމުގެ ކުރިން އެދާއިރާގެ ފަންނީ ބޭފުޅެއްގެ ފަރާތުން އެ ދާއިރާއަކާއި ގުޅޭ މަޢުލޫމާތާއި ދާއިރާގައި ކުރިއަށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ވެސް އެންސީއެސްގެ ސްޓޯލުން ފަހިކޮށްދީފައިވެއެވެ.

މި ސްޓޯލުގެ އެންމެ ޚާއްޞަ ކަމަކީ، ވަޒީފާގެ އިންޓަވިއުއަށް އަހުލުވެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ "މޮކް އިންޓަވިއު"އެވެ.

ވަޒީފާތަކަށް އިޢުލާނުކޮށްގެން ޝޯޓުލިސްޓު ކުރުމަށްފަހު އަންނަ އިންޓަވިއުގެ މަރުހަލާއަކީ ގިނަ ޒުވާނުންނާއި ވަޒީފާ ހޯދާފަރާތްތަކަށް އެންމެ އުނދަގޫ މަރުހަލާއެވެ. މި މޮކް އިންޓަވިއުތަކުގައި ބައިވެރިވުމުން ކުރިމަގުގައި ވަޒީފާއެއް ހޯދުމަށް ފަސޭހަވެ އިންޓަވިއުއަށް ތައްޔާރުވާނެ ގޮތާއި އެކަމުގެ މުހިންމު މައުލޫމާތު ފަންނީ ބޭފުޅުންގެ ފަރާތްޕުޅުން ލިބިގެންދާނެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވޮލޮޕްމެންޓުން ކުރިއަށްގެންދާ "ވަރަ އެކްސްޕޯ 2025″ ކުރިއަށްދާނީ މި ނޮވެމްބަރ 6ން 8އަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00އިން 6:00އަށް އަދި ރޭގަނޑު 8:00އިން 10:30އަށް ހުޅުމާލެ ފޭސް1ގެ ސެންޓްރަލް ޕާކްގައެވެ. ވަޒީފާގެ ފުރުޞަތުތަކާއި މަތީތަޢުލީމުގެ ފުރުޞަތުތަކާއި އަދި ދިވެހިރާއްޖޭގެ އުފެއްދުންތައް އެއްތަނަކުން އެންމެފަސޭހައިން އެންމެ ގިނަ ޢަދަދަކަށް ލިބިގެންދާނެ އެއްތަނަކީ "ވަރަ އެކްސްޕޯ 2025″ އެވެ. މިފުރުޞަތުގެ ބޭނުން ވީހާވެސް ގިނަ ބަޔަކު ހިފުމަކީ އެއީ މުހިންމު ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *