ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގެ ޑެޕިއުޓީ ޕްރިންސިޕަލް އަޙްމަދު މުޖާހިދު މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފިއެވެ. މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ ޒިންމާއާ މުޖާހިދު ހަވާލުވެވަޑައިގަންނަވާއިރު، ތައުލީމީ ދާއިރާގައި އޭނާ މަސައްކަތް ކުރައްވާތާ މިއީ 17 ވަނަ އަހަރެވެ.
މަޖީދިއްޔާގެ ޕްރިންސިޕަލަކަށް މުޖާހިދު ހަމަޖެއްސެވީ، އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ދީދީ ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ މަޤާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތަކުގެ ތެރެއިންނެވެ.
ޓީޗިންގ ކޯސް ހެއްދެވުމަށްފަހު މުޖާހިދު ފުރަތަމަ ކިޔަވައިދެއްވީ، ދާންދޫ ސްކޫލުގައި ފިޒިކްސްއާއި ހިސާބެވެ. އޭގެ ފަހުން އިސްކަންދަރު ސްކޫލާ ގުޅިވަޑައިގެންނެވިއެވެ. އެ ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ފައްޓަވައި، ލީޑިންގ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި ފަހުން ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. ޕްރިންސިޕަލެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ކުރެއްވީ އިމާދުއްދީން ސްކޫލުގައެވެ. އޭގެ ފަހުން އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރެއްވިއެވެ. އެންމެ ފަހުން މަސައްކަތް ކުރެއްވީ ސީއެޗްއެސްއީ މާލެ ހުޅުވުމާއެކު ޑެޕިއުޓީ ޕްރިންސިލެއްގެ ގޮތުންނެވެ.
މާލޭގެ ޕްރައިމަރީ ސްކޫލްތަކުގައި ސާނަވީއަށް ކިޔަވައިދޭން ހަމަޖައްސައި، އިސްކަންދަރު ސްކޫލުގައި ގުރޭޑް 8ން 10އަށް ކިޔަވައިދޭން ފަށައިގަނެ އެ ސްކޫލަށް ގެނައި މުހިންމު ބަދަލުތަކުގައި މުޖާހިދު ވަނީ އަމަލީ ގޮތުން މަސައްކަތް ކުރައްވާފައެވެ.
މިއަދު މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގަންނެވިއިރު، އެ ސްކޫލުގެ ރިސޯސް ޓީޗަރެއްގެ ގޮތުން ވެސް އޭނާ ވަނީ ކުރިން މަސައްކަތް ކުރައްވާފައެވެ.
ހިޔާލު