ހޮސްޕިޓަރލިޓީ ދާއިރާއިން މީހުން ބީނާކުރަން ބީބީއެމްއާއި އެމްއެންޔޫއިން ގުޅިގެން މަސައްކަތް ކުރަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެމްއެންޔޫ-އެފްއެޗްޓީއެސް) އާއި ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އާ ދެމެދު، ސިނާއަތާއި އެކަޑެމިކް ދާއިރާގެ ގުޅުން ބަދަހިކޮށް، ދިވެހިރާއްޖޭގައި ހޮސްޕިޓަލިޓީ ތަޢުލީމު ކުރިއެރުވުމަށްޓަކައި ފަހުމުނާމާއެއްގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވީ، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް އާއި ބީބީއެމްގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ހިލްމީއެވެ. މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީ އާއި، ސީނިއަރ މެނޭޖްމަންޓް އަދި ދެ މުއައްސަސާގެ ބައެއް މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން، އެމްއެންޔޫންޔޫގެ އެފްއެޗްޓީއެސްގައި އެންމެ ޒަމާނީ ފެންވަރުގެ ކާބޯތަކެތި އަދި ބުއިންތައް ތައްޔާރުކުރުމުގެ ޑެމޮންސްޓްރޭޝަން ބަދިގެއެއް ތަރައްގީކުރާނެއެވެ. މިގޮތުން، މިހާރު ހުރި ގަރޑް މަންގަރ ކިޗަންއާއި ކްލާސްރޫމްތައް އަޕްގްރޭޑްކުރުމަށް ބީބީއެމްއިން އެހީތެރިވެދޭނެއެވެ. އަދި މުސްތަގުބަލުގެ ހޮސްޕިޓަލިޓީ ޕްރޮފެޝަނަލުންނަށް ޒަމާނީ، ސިނާއަތުގެ މިންގަނޑުތަކާ އެއްގޮތް ދަސްކުރުމުގެ މާހައުލެއް އުފެއްދުމަށް މާލީ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އިންފްރާސްޓްރަކްޗަރގެ އިތުރުން، ތަމްރީނު ދިނުމާއި ކަލިނަރީ އާޓްސްގެ ދާއިރާއިން ދިރާސާކުރުމާއި އައު އީޖާދުތައް ކުރުމާއި، މުޖުތަމައުއާ ގުޅުން ބަދަހިކުރުމާއި، ޕްރޮފެޝަނަލް ނެޓްވޯކިންއެއް ޤާއިމް ކުރުމަށް މި އެއްބަސްވުމުން މަގުފަހިކޮށްދޭނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ސިނާއަތުގެ އުންމީދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލީ، ހަގީގީ ދުނިޔޭގެ ތަޖުރިބާ ލިބިގަތުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި، ބީބީއެމްއާއި އެމްއެންޔޫއިން ބުނެފައި ވަނީ، އެއްބަސްވުމުގައި އިސްކަންދީފައި ވަނީ، ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގައި ތައުލީމީ ތަރައްގީއާއި، އައު އީޖާދުތަކާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި އެންމެ މަތީ ފެންވަރު ހާސިލުކުރުމަށް އެ ދެ ފަރާތުގެ މެދުގައިވާ ހިއްސާކުރެވޭ ތަސައްވުރެއް ޤާއިމް ކުރުމަށެވެ. މި ގުޅުމަކީ ތައުލީމާއި ސިނާއަތުގެ ކުރިއެރުމަށް އެހީތެރިވުމުގައި ބީބީއެމްގެ ދެމެހެއްޓެނިވި އިލްތިޒާމާއި، އެކަޑެމިކް ދާއިރާއާއި ސިނާއަތާ ދެމެދު ހުރި ފަރަގު ކުޑަކޮށް، ދިވެހިރާއްޖޭގައި ހޮސްޕިޓަލިޓީ ދާއިރާގެ ކުރިމަގުގެ ލީޑަރުން ތަމްރީނު ކުރުމުގައި އެމްއެންޔޫ-އެފްއެޗްޓީއެސްގެ މިޝަން އިތުރަށް ފުޅާކޮށްދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ގުޅިގެން ތިރީގައިވާ ކަންތައްތަކަށް އިސްކަންދޭނެއެވެ:

  • ކުލިނަރީ އާޓްސްގެ ދާއިރާއިން މުހިންމު ދިރާސާތައް ކުރުމާއި، އައު އީޖާދުތައް ކުރުން.
  • ދަރިވަރުންނަށް އިންޓަރންޝިޕްތަކާއި ޖޮބް ޝެޑޯވިންގ ފުރުސަތުތައް ހޯދައިދިނުން.
  • ބީބީއެމްގެ ތަޖުރިބާކާރު މުވައްޒަފުން މެދުވެރިކޮށް ދަރިވަރުންނަށް މެންޓަރިންގ ޕްރޮގްރާމްތައް ހިންގުން.
  • ކުލިނަރީ އާޓްސްގެ ދާއިރާއިން ޚާއްސަ ވޯކްޝޮޕްތަކާއި މާސްޓަރ ކްލާސްތައް ބޭއްވުން.
  • ދަރިވަރުންނަށް އަމާޒުކޮށްގެން ޕްރޮފެޝަނަލް ނެޓްވޯކިންގ އިވެންޓްތައް އިންތިޒާމުކުރުން.
  • ކުލިނަރީ އާޓްސްގެ ދާއިރާއިން އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި އާލާތްތައް ބޭނުންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުން.

މި އެއްބަސްވުމުގެ ސަބަބުން، އެމްއެންޔޫ-އެފްއެޗްޓީއެސްގެ ދަރިވަރުންނަށް ސިނާއަތުގެ އެންމެ ފަހުގެ ޓްރެންޑްތަކާއި އާ ޓެކްނޮލޮޖީތަކާ އަހުލލުވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން، ދަރިވަރުން ވަޒީފާގެ މާކެޓަށް ނުކުންނައިރު، އެ ދަރިވަރުންނަކީ ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވެގެންދާނެއެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ މުސްތަގުބަލަށް އުއްމީދީ ފިޔަވަޅެއް ކަމަށާއި މި ގުޅުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާއަށް ބޭނުންވާ ހުނަރުވެރި، ޤާބިލު މުވައްޒަފުން ތައްޔާރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *