މަސްވެރިކަމުގެ ޝަޢުޤުވެރިކަން އުފެއްދުމުގެ ގޮތުން އެލަވަންސެއް ލިބޭ ގޮތަށް ފަސް ޒުވާނަކަށް ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދަން މަސްވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ މިނިސްޓަރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުންނެވެ.
މި ތަމްރީނު ޕްރޮގްރާމް ގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މިކަމާގުޅޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 23 އޮކްޓޯބަރ 2025 ގެކުރިން ފިޝަރީޒްގެ އީމެއިލް މެދުވެރިކޮށް ހުށައަޅަންޖެހެއެވެ.
ތިން މަސް ދުވަހުގެމިތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދޭނެ ކަމަށާއި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މިޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައެވެ.
މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2026ވަނަ އަހަރުގެ ޖެނަވަރީ މަހުގެ ނިޔަލަށެވެ. ފުރުޞަތު ދެނީ ފަސް ޒުވާނުންނަށެވެ. މިތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އެކަމަކު އެއީ ކިހާ ވަރެއް ކަމެއް ބުނެފައެއް ނުވެއެވެ.
މަސްވެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިކުރަނީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުމާއި އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށް ވުމާއި މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތްތަކެވެ.
ހިޔާލު