ރަށު ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތާއި އަތޮޅު ފެންވަރުގައި ބޭއްވި ޤުރްއާން މުބާރާތުން އެއްވަނަ ހޯދައިގެން ޤައުމީ ޤުރްއާން މުބާރާތުގައި ލ. އަތޮޅު ކައުންސިލު ތަމްސީލު ކުރި އަޙްމަދު ޝައިމް ރިޟާއަށް މި އަހަރުގެ މުބާރާތުން ރަނގަޅު ވަނައެއް ލިބޭނެ ކަމުގެ ޔަޤީންކަން އޮތެވެ. އެހެން ނަމަވެސް ޤައުމީ ޤުރްއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ލިބިދާނެ ކަމަށް އެއްގޮތަކަށް ވެސް އޭނާގެ ހިތަކަށް ނާރައެވެ.
"އުއްމީދު ކުރެވުނަސް ހިތަކަށް ނާރާ އެއްވަނަ ލިބިދާނެއޭ" ޝައިމް ދަރިވަރު ނޫހަށް ބުންޏެވެ.
ނިމިގެން ދިޔަ 37 ވަނަ ޤައުމީ ޤުރްއާން މުބާރާތުން ކީ ސްޓޭޖް 4ން ބަލައިގެން ކިޔެވުން އެއްވަނަ އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން އެއްވަނަ ޝައިމްއަށް ލިބުނެވެ. މިއީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު ކަމިޔާބީއެވެ.
މި އަހަރުގެ ތެރޭގައި ޝައިމް ބައިވެރިވި ތިން މުބާރާތުން އެއްވަނަ ހޯދުމަކީ އެއީ ކުޑަ އުފަލެއް ނޫނެވެ. އެއީ އޭނާ ޤާއިމް ކުރި މުހިންމު ރެކޯޑެކެވެ.
ޤައުމީ ޤުރްއާން މުބާރާތުން 2023 ވަނަ އަހަރު، ކީ ސްޓޭޖް 3ން ބަލައިގެން ކިޔެވުމުން އެއްވަނަ ލިބުނުއިރު، މުޅި މުބާރާތުން ލިބުނީ ބަލައިގެން ކިޔެވުމުން ތިންވަނައެވެ.
"ޤުރްއާން ކިޔަވައިދެއްވި އުސްތާޛުގެ އިރުޝާދާއި އެހީތެރިކަމާއެކު މުބާރާތައް ވަރަށް ބޮޑަށް މަސައްކަތް ކުރިން. އެކަމަށް ގިނަ ވަގުތު ވެސް ދިނިން. އެއްވާނެއްގައި ހުއްޓާނުލައި ކުރި މަސައްކަތަކީ ކާމިޔާބާ ހަމައަށް ދިއުމުގެ އަޞްލު" ޝައިމް ބުންޏެވެ.
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް 10ގައި ކިޔަވަމުން އަންނަ ޝައިމްއަށް ޤައުމީ ޤުރްއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބުމުން އޭނާ އިޚްތިޔާރު ކުރާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު އޮތީ ފަހިވެފައެވެ. އެއާއެކު ފައިސާގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ދެއްވާ 1ލައްކަ ރުފިޔާ އާއި އިސްލާމިކް މިނިސްޓްރީން ދޭ 75،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ލިބިފައެވެ.
ޝައިމް ބުނީ، ކުރިއަށްދާނެ ދާއިރާއެއް އަދި ނުނިންމާ ކަމަށާއި އެހެން ނަމަވެސް ޑޮކްޓަރީކަން ނޫނީ ޤުރްއާނުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
ސާނަވީ އިމްތިޙާނަށް ތައްޔާރުވަމުން އަންނަ ޝައިމްގެ ދުވަހީ ތާވަލުން ކޮންމެ ދުވަހަކު ވެސް ދެ ވަގުތެއް ޤުރްއާން ކިޔަވަން ހުސްކުރެއެވެ. އެއީ ފަތިސްގަޑިއާއި ދެނަމާދު ދޭތެރެއެވެ. އެއާއެކު ސްކޫލުން ދޭ ފިލާވަޅުތައް ސްކޫލުގެ ގަޑީގައި ނިންމަން ޚާއްޞަ ސަމާލުކަމެއްދެއެވެ. ގޭގައި ވެސް ގިނަ ވަގުތު އެކަމަށް ހޭދަކުރެއެވެ. ހަވީރުގެ ވަގުތު ހޭދަކުރަނީ އަމިއްލަ ނަފުސުގެ ހިތްހަމަޖެހުމަށެވެ.
ޝައިމް ބުނީ، އަވަހަށް ނިދާފައި އަވަހަށް ހޭލުމުން ދުވަހުގެ ތާވަލު ރާވާލަން ފަސޭހަ ކަމަށެވެ.
"ކިޔަވާ ކުއްޖަކަށް ނިންޖަކީ ވަރަށް މުހިންމު އެއްޗެއް. ލަސްވެގެން 11 ޖަހަންވާއިރަށް ނިދޭތޯ ބަލަން. އެއާއެކު ލަސްވެގެން 4 ޖަހާއިރު ހޭލަން"
ޝައިމް ބުނީ، ޤުރްއާނުގެ ތެރޭގައި އުޅެން ފެށުމުން އެހެން މާއްދާތައް ކިޔަވަން ފަސޭހަވެފައި ދަސްކުރަން ވެސް ފަސޭހަ ކަމަށެވެ. އަދި ކޮންސެޕްޓަތައް ނަގައިގަންނަން ފަސޭހަވާކަން ފާހަގަކުރެވޭ ކަމަށެވެ.
ޤްރުއާން ކިޔަވާއިރު ޝައިމް ނަމޫނާއަށް ބަލަނީ މުސްތަފާ އިސްމާއިލާއި އަޙްމަދު ނުއީނާއާއި ހުޝަރީއަށެވެ. އޭގެތެރެއިން އޭނާ ޕްރެކްޓިސް ކުރަނީ ވެސް އަދި ކިޔަވަން އިސްކަން ދެނީ މުސްތަފާ އިސްމާއިލްގެ ކިޔެވުމަށެވެ.
ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތް ހަ އަހަރުގައި ޝައިމް ފެށިއެވެ. 12 އަހަރުގައި އެކަމަށް މަޑުޖެހުމެއް އައިއިރު އަށް ފޮތް ހިތުން ދަސްކޮށްފިއެވެ. ސްކޫލުގެ ހަރަކާތްތަކުގައި ބައިވެރިވާން ފެށުމުން އެކަމަށް އެންމެ އެކަށީގެންވާ ވަގުތެއް ނުދެވެއެވެ. މިހާރު އޭނާ އަޒުމް ކަނޑައަޅާފައި ވަނީ ސާނަވީ އިމްތިޙާނަށްފަހު، ޤުރްއާން ހިތުދަސްކުރަން ކުރިއަށް ގެންދާށެވެ.
ޝައިމް ބުނީ، ޤުރްއާނުން ކުރިއަށް ދާން ބޭނުންވާ ކޮންމެ ދަރިވަރަކުވެސް ހުއްޓާ ނުލައި މަސައްކަތް ކުރުން މުހިންމު ކަމަށާއި ކާމިޔާބު ހޯދުމަކީ އެއްވާނެއްގައި ހިފަހައްޓައިގެން އެއް މިސްރާބަކަށް ހުއްޓާނުލައި ކުރާ މަސައްކަތުން ލިބޭ އެއްޗެއް ކަމަށެވެ.
ޤުރްއާނުގެ ދާއިރާއިން ޝައިމް ހޯދަމުންދާ ކާމިޔާބީގައި އެންމެ މުހިންމު ބަޔަކީ މަންމައާއި ބައްޕަ އަދި އާއިލާގެ މީހުންނެވެ. އެއާއެކު އޭނާއަށް ކިޔަވައިދެއްވި މުދައްރިސުންނާއި މިހާރު އޭނާއަށް ކިޔަވައިދެއްވައި އުސްތާޛުންނަށް ޚާއްޞަ ޝުކުރެއް އަދާކުރިއެވެ. އެމީހުންގެ އެ މަސައްކަތާ ނުލައި ކާމިޔާބެއް ނުލިބޭނެ ކަމަށް ޝައިމް ބުންޏެވެ.
ޝައިމްގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތެއްގައި ވާދަކުރުމެވެ. އަދި އެފަދަ މުބާރާތަކުން ވަނައެއް ހޯދުމެވެ.
ހިޔާލު