ގޮހޮރުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާ ޒަލަފަށް އެހީވާން ނުކުތީ ކުލާސްކުދިން

މުކުރިމަގު ސްކޫލުގެ 4ވަނަ ކުލާހުގައި ކިޔަވަމުންދާ ދަރިވަރުން އިސްނަގައިގެން ހިންގި ހަރަކާތުން 61،000 ރުފިޔާ ހޯދާފައިވޭ

ގޮހޮރުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާ އަޙްމަދު ޒަލަފް އިބްރާހީމަށް އެހީވާން ނުކުތީ އޭނާއާއެކު ގުރޭޑް ގައި ކިޔަވަމުންދާ މުކުރިމަގު ސްކޫލުގެ ދަރިވަރުންނެވެ.

މި ދަރިވަރުން އިސްނަގައިގެން ހިންގި ހަރަކާތުން 61،741 ރުފިޔާ އާއި 40 ޑޮލަރު ހޯދައި ޒަލަފުގެ އާއިލާއާ ވަނީ ހާވާލުކޮށްފައެވެ.

ފަންޑުފޮއްޓެއް ބަހައްޓައިގެން އެ ކުދިން ކުރިއަށް ގެންދިޔަ ހަރަކާތުގައި އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުގެ މުވައްޒަފުންނާއި މުކުރިމަގު އަވަށުގެ ޒުވާނުން ބައިވެރިވިއެވެ. ފައިސާ ހޯދުމުގެ ހަރަކާތް އެ ކުދިން ކުރިއަށް ގެންދިޔައީ 29 ސެޕްޓެމްބަރުން 15 އޮކްޓޯބަރުގެ ނިޔަލަށެވެ.

މުކުރިމަގު ސްކޫލުން ބުނީ، ޒަލަފަށް އެހީވާން އޭނާގެ ކުލާސްކުދިން އިސްނެގީ އަމިއްލައަށް ކަމަށާއި އެކަމުގައި ކުލާސްޓީޗަރާއި ލީޑިންގ ޓީޗަރުވެސް މަސައްކަތް ކުރެއްވި ކަމަށެވެ.

އެ ސްކޫލުން ބުނިގޮތުގައި، ޒަލަފަށް ދިމާވެފައިވާ ސިއްޙީ ހާލަތުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ޓާމުގެ ގިނަ ދުވަސްތައް ދިޔައީ ސްކޫލަށް ހާޒިރުނުވެވިއެވެ.

މީގެ ކުރިން އިންޑިޔާއިން  ފަރުވާ ހޯދާފައިވާ ޒަލަފު އިތުރަށް ބޭނުންވާ ފަރުވާއަށް މި މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދާންޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *