15 ވަނަ މަކިޓާ ޤައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ހޮނިހިރު ދުވަހު

112 އިވެންޓެއްގައި 868 އެތުލީޓުން ވާދަކުރާނެ

ދިވެހިރާއްޖޭގެ ސްކޫލްތަކާއި ކްލަބްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ މަކިޓާ 15 ވަނަ ޤައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންނަ ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީގައި ފަށަން މިހާރު ދަސނީ ތައްޔާރު ވަމުންނެއެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 23އަށެވެ.

29 ޓީމަކުން ބައިވެރިވެފައިވާ މިއަހަރުގެ މުބާރާތުގައި ޖުމްލަ 868 އެތުލީޓުން ވާދަކުރާނެއެވެ. ޓްރެކް އަދި ފީލްޑް އިވެންޓުތައް އޮންނަ މިމުބާރާތުގައި ތަފާތު 112 އިވެންޓެއްގައި މިމުބާރާތުގައި އެތުލީޓުން ވާދަކުރާނެއެވެ.

ފުވައްމުލައް ސިޓީއަށް މިހާރު މުބާރާތުގައި ވާދަކުރާ އެތުލީޓުން އަންނަން ފަށައިފައިވާއިރު ފުވައްމުލައް ސިޓީ ކައުންސިލާއި، ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މިސިޓީގެ ސްކޫލްތައް ގުޅިގެން ރަށަށް އަންނަ އެތުލީޓުންނަށް އަންނަނީ ހޫނު މަރުހަބާއެއް ކިޔަމުންނެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ މަކިޓާ ޓޫލްސް މަރުކާއެވެ. ކޯ-ސްޕޮންސަރ އަކީ ޓިނު އުފެއްދުމުގެ މަސައްކަތްކުރާ މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްއެވެ. ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީވެސް މިމުބާރާތުގެ ސްޕޮންސަރއެކެވެ.

ފުވައްމުލައް ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ފުވައްމުލައް ސިޓީ ކައުންސިލް ފޭސްބުކް ޕޭޖްއިން ލައިވްކުރާނެއެވެ. މި މުބާރާތަކީ ފުވައްމުލައް ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *