ދަރުމަވަންތަ ސްކޫލުގައި 17 އަހަރު ހޭދަކުރެއްވުމަށްފަހު، ޕްރިންސިޕަލް ޑީޑީ ސީއެޗްއެސްއީ މާލެ އަށް

ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދީދީ (ޑީޑީ) ސިއެޗްއެސްއީ މާލެ ގެ ޕްރިންސިޕަލަކަށް ހަމަޖެއްސެވުމުން، މިދިޔަ ބުރާސްފަތި ދުވަހަކީ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ސްޓާފުންނަށް ވެސް ތަފާތު އިހުސާސެއް ކުރެވުނު ދުވަހެކެވެ.

17 އަހަރަށްފަހު، ދަރުމަވަންތަ ސްކޫލުން ނުކުމެވަޑައިގަންނަވާއިރު ޕްރިންސިޕަލް ޑީޑީއަށް ވެސް ކުރެވެނީ ތަފާތު އިހުސާސެކެވެ. ބުރާސްފަތި ދުވަހު، އެ ސްކޫލުގެ ހުރިހާ ދަރިވަރުންނާއެކު ޑީޑީ ވަނީ ވަގުތު ކޮޅެއް ހޭދަކުރައްވާފައެވެ. އެ ވަގުތު ކޮޅުގައި ދަރިވަރުންގެ ހިތުގައި އޮތް ލޯބި ދަރިވަރުން ވަނީ ހާމަކޮށް ފައެވެ.

ޑީޑީ ދަރިވަރު ނޫހަށް ވިދާޅުވީ، ދަރުމަވަންތައް ސްކޫލާ ހަވާލުވެވަޑައިގެންނެވިއިރު، އޭރު އޮތީ ވަރަށް ހަލޮބޮލި އުނަދަގޫ ކަންތައްތަކެއްގެ ތެރޭގައި ކަމަށާއި އިމާރާތުގެ ދަތިކަމާ ހުރެ އުނދަގޫ އެތައް މަރުހަލާތަކުގެ ތެރެއިން މިހާރު އެ ސްކޫލުގެ ދަރިވަރުންނަށް ފަސޭހަ އެކަށީގެންވާ މާހައުލެއް ލިބިފައިވާ ކަމަށެވެ.

ޑިޑީ ވިދާޅުވީ، ސާނަވީއަށް އެކަނި ކިޔަވައިދޭ އެއް ޖިންސަށް ޚާއްޞަ ސްކޫލަކުން ދެ ޖިންސަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުވުމާއި ސާނަވީން ގުރޭޑް 1ން 10އަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުވުން ފަދަ ތަފާތު މަރުހަލާތަކެއްގައި މި ވޭތުވެދިޔަ މުއްދަތުގައި މަސައްކަތް ކުރެވި ނަތީޖާތަކެއް ނެރެވިފައިވާ ކަމަށެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ޑީޑީ ފާހަގަކުރެއްވީ އިމާރާތް ބާވުމުން އެހެން އިމާރާތަކަށް ބަދަލުވެ އުފުލަން ޖެހުނު އުނަދަގޫ ތަކެވެ.

" އިރާދަކުރެއްވީތީ މިއަދު ދަރުމަވަންތައަކީ ދަރިވަރުންނަށް ކިޔަވަން އެންމެ އެކަށީގެންވާ މާހައުލު. އެކަމަކު ވެސް ބައިވަރު ކަންތައްތައް އެބަހުރި ކުރަން ޖެހޭ" ދަރުމަވަންތަ އަކީ އެއް ދަންފަޅިއަށް މާލޭގައި ކިޔަވައިދޭ މަދު ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލެވެ.

ޑިޑީ ވިދާޅުވީ، ސީއެޗްއެސްއީ މާލެއަށް ބަދަލުވެގަޑައިގަންނަވާއިރު އާ ސްކޫލެއްގެ އިހުސާސެއް ނުކުރެއްވޭ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ކުރިން ހުރި އިމާރާތުގައި އެތަނުގައި މަސައްކަތް ކުރެއްވި ގިނަ ޓީޗަރުން މަސައްކަތް ކުރައްވާތީއެވެ.

" އާ ސްކޫލެއްގެ އިހުސާސެއް ނުކުރެވޭ" ޑީޑީ ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލާ ޑީޑީ ގުޅިވަޑައިގެންނެވީ މީގެ 17 އަހަރު ކުރިން ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައެވެ. ޕްރިންސިޕަލަކަށް ވަޑައިގެންނެވީ އޭގެ ދެ އަހަރު ފަހުންނެވެ.

ޑީޑީ ވަނީ އައްޑޫ ސިޓީގައި ކުރިން ހިންގެވި ސަދަން ސެކަންޑްރީ ސްކޫލާއި މިހާރުގެ ހިތަދޫ ސްކޫލު ހިންގުމުގެ ޒިންމާ އަދާކުރައްވާފައެވެ.

މަތީ ސާނަވީގެ ކިޔެވުން ފަށާނީ އަންނަ މަހު 15 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *