ޣައްޒާއަށް އެހީވާ ފަންޑަށް އިމާދުއްދީން ސްކޫލުން 105,710 ރުފިޔާ ހަދިޔާ ކޮށްފިއެވެ. މިއީ އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންގެ ބައިވެރިވުމާއެކު ހުޅުވި ފަންޑްރައިޒިންގ ހަރަކާތުން ލިބުނު ފައިސާއެވެ.
އިމާދުއްދީނުގެ މި އެހީ، ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ޚިދުމަތް ޖަމިއްޔާއާ މިއަދު ވަނީ ހަވާލުކޮށްފައެވެ. އެހީ ހަވާލުކުރީ މިއަދު އެ ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޚިދުމަތް ޖަމިއްޔާއިން ދަނީ، ކޮންމެ ދުވަހަކު ޣައްޒާގެ ތިން ޞަރަހައްދެއްގައި ކައްކައިގެން، އިފްތާރް ބެހުމުގެ މަސައްކަތް ކުރަމުންނެވެ.
ޣައްޒާގެ ރައްޔިތުންނަށް ޚާއްޞަކޮށް ކުދިންނަށް އެހީވާން، ބެލެނިވެރިންނާއި ދަރިވަރުން އަދި ސްޓާފުންގެ ބައިވެރިވުމާއެކު ހުޅުވި ފަންޑަށް އެހީ ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އިމާދުއްދީން ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އިމާދުއްދީނުން ބުނީ، އެ ސްކޫލުން ފޯރުކޮށްދިން އެހީއިން، އެންމެ އިސްކަމެއް ދޭނީ މި ވަގުތަށް އެންމެ ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ކަމަށް ޚިދުމަތް ޖަމިއްޔާއިން ބުނެފައިވާ ކަމަށެވެ.
ޣައްޒާއަށް އެހީވާން އިމާދުއްދީން ސްކޫލުން ފަންޑު ފޮށި ބެހެއްޓީ މާރޗް މަހުގެ 25 ވަނަ ދުވަހުއެވެ.
ޣައްޒާއަށް އެހީވާން ސްކޫލުތަކުން އަންނަނީ ތަފާތު ހަރަކާތްތަކެއް މިހާރު ވެސް ހިންގަމުންނެވެ.
ހިޔާލު