ހުވަނދު މަލާފަތް: ފ. އަތޮޅު މަދަރުސާގެ މުވައްޒަފުންގެ އެކުވެރިކަމުގެ ރަމްޒު

ފ. އަތޮޅު މަދަރުސާގެ ހުރިހާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމުގެ ގޮތުން މަހަކު އެއް ފަހަރު ޚާއްޞަ ކެއުމެއް ބާއްވައެވެ. " ހުވަނދު މަލާފަތް" ގެ ނަމުގައި މިކެއުން ކޮންމެ މަހަކު ވެސް ބާއްވަނީ އެކި ތީމް ތަކަށް އެކި ޤައުމުތަކަށް ޚާއްޞަ ކޮށްގެންނެވެ. ޖެނުއަރީ މަހު އޮތީ އަރަބި ކެއުމެކެވެ. ފެބުރުއަރީ މަހުގެ ކެއުން ޚާއްޞަ ކުރީ އިންޑިޔާއަށެވެ. އަންނަ މަހު އޮތީ ދިވެހި ކެއުމެކެވެ.

ފ. އަތޮޅު މަދަރުސާއިން ކޮންމެ މަހަކު އެއް ފަހަރު " ހުވަނދު މަލާފަތް" ބާއްވަމުން އަންނަތާ މިހާރު އަށެއްކަ މަސް ވެއްޖެއެވެ. މިހާރު އެއީ އެ ސްކޫލުގެ " ބްރޭންޑް"އަކަށްވެ ހުރިހާ މުވައްޒަފުންނަށް އިންތިޒާރު ކުރެވޭ ބޮޑު ހަރަކާތަކަށް ވެއްޖެއެވެ. އެ ހަރަކާތް ކުރިއަށް ގެންދަނީ އެ ސްކޫލުގެ ކަލަންޑަރުގައި ވެސް ހިމަނައި އަހަރު ދުވަހުގެ ތަވާލެއްގެ ދަށުންނެވެ.

ފ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަބްދުއް ސައްތާރު ދަރިވަރު ނޫހަށް ވިދާޅުވީ، ހުވަނދު މަލާފަތް އުފެދިގެން އައީ އެ ސްކޫލުގެ ކޯޓިނޭޝަން ބައްދަލުވުންތައް އޮންނަ ދުވަހު ކެއުން ގެންނާތީ، އެންމެން ޝާމުލުވާ ގޮތެއްގައި އެފަދަ ކެއުމެއް ބޭއްވުމުގެ ގޮތުން ކަމަށެވެ.

" ހުރިހާ މުވައްޒަފުން އެއްތަނުން އެއްވެ އެކުވެރިކަމާއި އެއްބައިވަންތަކަން ރަމްޒުކޮށް ދިނުމުގެ ގޮތުން "ހުވަނދު މަލާފަތް" ބާއްވަމުން އަންނަނީ" ސައްތާރު ވިދާޅުވިއެވެ.

" މިހާރު އެއީ އެންމެންނަށް އިންތިޒާރު ކުރެވޭ މުހިންމު ހަރަކާތަކަށް ވެއްޖެ"

" ހުވަނދު މަލާފަތް" ބާއްވަނީ އެ ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ 48 މުވައްޒަފުން ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެއީ އެސްއެމްޓީއާއި އިދާރީ މުވައްޒަފުންނާއި މުދައްރިސުންނެވެ. މި ގުރޫޕްތަކުން ކުރާ ކަމަކީ ކެއުން ތައްޔާރު ކުރުމުގައި ހުރިހާ މުވައްޒަފުންގެ ބައިވެރިވުން އޮންނަ ގޮތަށް އެ މަހެއްގެ ކެއުން އިންތިޒާމް ކުރުމެވެ.

" މީގެ މުހިންމު ކަމަކީ ކޮންމެ މަހެއްގެ ވެސް ބާއްވާ ކެއުން ތައްޔާރު ކުރުމުގައި ވެސް ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއި ޝާމިލުވެ އުޅޭ އުޅުން" ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ، ކެއުމުގެ ތީމާ ގުޅޭ ގޮތަށް ސުފުރާ ތައްޔާރު ކުރުމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދޭ ކަމަށެވެ. އިންޑިޔާއަށް އެންމެ ފަހުން ޚާއްޞަ ކުރި ކެއުމުގެ ތީމަކީ ކެޔޮފަތު ބިރިޔާންޏެވެ. ޖެނުއަރީ މަހުގެ ތީމަކީ އަރަބި ކެއުމެކެވެ.

" އެންމެންނަށް ކަމުދިޔަ ކެއުމަކީ އަރަބި ކެއުން. އަރިބި ވަންތަކަން ދައްކުވައި ދިނުމަށް، ދެ ޖިންސްގެ މުވައްޒަފުންނަށް ވަކިން ތައްޔާރު ކުރި ދޮލަނގުގެ ވަށައިގެން އިށީނދެ ތިބެ ކެއުން އެއީ ތަފާތު ކަމަކަށްވީ" ސައްތާރު ވިދާޅުވިއެވެ.

ފ. ފީއަލީގައި ހުންނަ ފ. އަތޮޅު މަދަރުސާއަކީ އިންޓަރ ސްކޫލް ވޮލީގައި ރަން ވަނަތަކެއް ހޯދަމުން އަންނަ މަދަރުސާއެކެވެ. އެ މަދަރުސާގައި އެލްޖޭޖީން ފެށިގެން ގުރޭޑް 10އާ ހަމައަށް 286 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *