ސްކޫލުގައި ކިޔެވުމަށް ދަރިވަރުން ވަގުތު ހޭދަ ކުރަމުންދާއިރު، ކިޔެވުމުގެ ތެރެއިން ހުސްވަގުތު ކޮޅެއް ދިނުމަކީ އެއީ ބައެއް ސްކޫލުތަކުން ކުރަމުން އަންނަ ކަމެކެވެ. ބޭނުމަކީ ކިޔެވުމުގެ ތެރެއިން "ރިފްރެޝް" ވެލަން އުފާވެރި ވަގުތު ކޮޅެއް ދަރިވަރުންނަށް ޚާއްޞަ ކުރުމެވެ.
ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުވެ، އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށި ފަހުން، ދަރުމަވަންތަ ސްކޫލުގެ ގުރޭޑް 1ން 6ގެ ދަރިވަރުންނަށް " ޖޮލީ ޓައިމް" ގެ ނަމުގައި އެ ފަދަ ވަގުތުކޮޅެއް އަންނަނީ ދެމުންނެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 11 ޖަހާއިރު، ޖޮލީ ޓައިމްގެ ނަމުގައި ދިހަ މިނެޓް ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ދެއެވެ. އެ ވަގުތުގެ ބޭނުން ދަރިވަރުން ހިފަނީ، ރައްޓެހި ކުދިންނާ ވާހަކަ ދައްކާލާ، ކުލާހުގެ އެތެރެއާއި ބޭރުގައި "ފްރީ" ކޮށް އުޅެލާށެވެ. އެއީ އެކުދިންގެ ބަހުރުވައިން ނަމަ އެކުދިންގެ "ހެޕީ ޓައިމް"އެވެ.
ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވީ، "ޖޮލީ ޓައިމް"ގެ ފައިދާ ދަރިވަރުންގެ ފަރާތުން ފެންނަމުންދާ ކަމަށާއި އެ ވަގުތަށް ދަރިވަރުން އިންތިޒާރު ވެސް ކުރާ ކަމަށެވެ.

"މިހާރު އެއީ ދަރިވަރުން އިންތިޒާރު ވެސް ކުރާ ގަޑިއެއް" ޕްރިންސިޕަލް އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވިއެވެ.
750 ދަރިވަރުން ކިޔަވަމުންދާ ދަރުމަވަންތަ ސްކޫލުން ބުނީ، ޖޮލީ ޓައިމްގައި، ކިޔެވުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާނެ ކަމަށާއި، އެކަމަކު އެ ގަޑީގައި، ބައެއް ގުރޭޑް ކުލާސްތަކުގައި ބައެއް ކަހަލަ ކުޅިވަރުތައް ކުޅުމުގައި ދަރިވަރުންނާ އެކު މުދައްރިސުން ބައިވެރިވާނެ ކަމަށެވެ.

" މަޖާ، ގިނަ ކުދިންނަށް ބައިވެރިވެވޭ ގޭމްތައް އެ ގަޑީގައި ކުލާސް ތެރޭގައި ވެސް ކުރިއަށް ދާނެ" ޕްރިންސިޕަލް ވިދާޅުވިއެވެ.
" ޖޮލީ ޓައިމް" އިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ލިއްބައި ދެނީ އުފާވެރިކަމެވެ.

ދަރުމަވަންތަ ސްކޫލަކީ މާލޭގެ ސަރަހައްދުގައި، އެއް ދަންފަޅިއަށް ކިޔަވައިދޭ މަދު ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލެވެ. އެ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އިންޑޯ ކުޅިވަރުތަކާއި އެސަމްބްލީތައް ބާއްވާނެ ހޯލެއް ނެތުމެވެ.
advertisment
ހިޔާލު