ޕްރިންސިޕަލުންގެ ނަޒަރުގައި ސްޓްރީމް ކަނޑައަޅަންވީ ގުރޭޑް 8ން

ސާނަވީ ނިންމާ ދަރިވަރުން، ކޭމްބްރިޖް އޯލެވެލް އިމްތިޙާނުގައި ބައިވެރިވާން ފެށީ 2003 ވަނަ އަހަރުއެވެ. އޭގެ ކުރިން ހަދަމުން އައީ އެޑެކްސެލް އޯލެވެލް އިމްތިޙާނެއެވެ. 2019އާ ހަމައަށް، ކޭމްބްރިޖްގެ ދެ އަހަރުގެ ސިލަބަސް ރާއްޖޭގައި ކިޔަވައި ދެމުން އައީ ތިން އަހަރަށް ބަހާލައިގެންނެވެ. އޭރު އޯލެވެލްގެ ސިލަބަހަށް ކިޔަވައިދޭން ފަށަނީ ވެސް ގުރޭޑް 8ންނެވެ. އައު މަންހަޖު 2015 ވަނަ އަހަރު ތަޢާރާފުކޮށް، 2019 ވަނަ އަހަރުން ފެށިގެން ސްޓްރީމް ކަނޑައަޅަން ފެށީ ގުރޭޑް 8 ނިންމުމަށްފަހު ގުރޭޑް 9ން ނެވެ. 8ގައި މިހާރު ކިޔަވައި ދެމުން  އަންނަނީ ދަރިވަރުންނަށް ސްޓްރީމެއް ކަނޑައަޅަން، މަގުފަހިކޮށް ދިނުމަށް ކިޔަވަން ޖެހޭ މާއްދާތަކުގެ އެންމެ އަސާސީ ބައިތަކެވެ.

ކޭމްބްރިޖް އޯލެވެލްގެ ސިލަބަހުގައި ކޮންމެ މާއްދާއަކަށް ވެސް ކަނޑައަޅާފައި އޮންނަ 130 ގަޑިއިރު، ފައްތާފައި އޮންނަނީ ދެ އަހަރަށެވެ. އެކަމަކު ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ހުރި ޒަމާންވީ "އާދަކާދަ" އާއި އާބާދީ ބޮޑެތި ސްކޫލް ތަކުގައި ދެ ދަންފަޅިއަށް ކިޔަވައިދޭން ޖެހުމުން ކޭމްބްރިޖްގެ ދެ އަހަރުގެ ސިލަބަސް ސްކޫލްތަކުގެ ހަތަރު ފާރުގެ ތެރެއަށް ފެއްތުމަކީ ނުހަނު ބުރަ ބޮޑު މަސައްކަތެއް ކަމަށް ގިނަ ސްކޫލުތަކުން ފާހަގަކުރެއެވެ. ސްކޫލު ތަކުން މިހާރު އެކަން ކުރަނީ ހަވީރު ނޫނީ ރޭގަނޑު "އެކްސްޓްރާ" ކުލާސްތައް ބާއްވައިގެންނެވެ. އެހެންވެ އެ މަސައްކަތުގެ ތެރޭގައި ތާށިވެ ދަނީ މުދައްރިސުންނާއި ދަރިވަރުންނެވެ. އޭގެ ސަބަބުން މުދައްރިސުންނާއި ދަރިވަރުންނަށް އުޅެން ޖެހިފައި ވަނީ "ސްޓްރެސް" ބޮޑު މާހައުލެއްގައެވެ.

ކޮންމެ ދިރާސީ އަހަރަކާއެކު ގުރޭޑް 9އާއި 10ގެ ދަރިވަރުންނަށް ގިނަ ސްކޫލްތަކުން އެކްސްޓްރާ ކުލާސްތައް ބާއްވައެވެ. އެވަރުން އެކަން ކޮށްދީގެން ނޫނީ ސިލަބަސް ނިންމާފައި އޯލެވެލްއަށް ތައްޔާރުކޮށްދޭނެ ވަގުތެއް މުދައްރިސުންނަށް ނުލިބެއެވެ.

މި މައުޞޫގައި ދަރިވަރު ނޫހާ ވާހަކަ ދެއްކި ވިއްސަކަށް ޕްރިންސިޕަލުން ވެސް އިއްތިފާގުވެ ވަޑައިގެންނެވި ކަމަކީ ގުރޭޑް 8ން ސްޓްރީމް ކަނޑައެޅުން މުހިންމު ކަމެވެ. އެ ހުރިހާ ޕްރިންސިލުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ އެއް ކަންތައްތަކެކެވެ.

ގުރޭޑް 8ން ސްޓްރީމް ކަނޑައެޅުން ފައިދާ ބޮޑު

އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ވިދާޅުވީ، ކޭމްބްރިޖްގެ ސިލަބަހަށް ދެ އަހަރު ފުދޭ ކަމަށެވެ. އެކަމަކު ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ވަދެފައިވާ އެހެނިހެން ކަންތައްތަކާ ހުރެ، ބުރަވެވެނީ ގުރޭޑް 8ން ސްޓްރީމް ކަނޑައަޅާށެވެ. ސަބަބެއް ކަމަށް ޑރ. އާސިޔަތު ފާހަގަ ކުރެއްވީ، ގުރޭޑް 7 އަދި 8ގެ ކޮންޓެންޓަކީ " ރިޕީޓް" ކޮންޓެންޓަށް ވުމެވެ.

" އާންމުކޮށް މި ގެންދަނީ ދެ ސްޓްރީމް ކަމަށްވާއިރު، ގުރޭޑް 7 ގައި ސްޓްރީމް ނޫނީ އެ ދަރިވަރަކު ކުރިއަށް ދާނެ ދާއިރާއެއް ބުނެދެވި، ސްޓްރީމަށް ކިޔެވުން ފަށަން އަޅުގަނޑަށް ތާއީދު ކުރެވެނީ ގުރޭޑް 8ން" ޑރ އާސިޔަތު ވިދާޅުވިއެވެ.

" އޭރުން ކުދިންގެ މެންޓަލްސްޓްރެސްއަށް ލިބޭ ވަރަށް ބޮޑު ރިލީފަކަށް ވާނެ. އީޒީ މޯޑެއްގައި ގެންގޮސް ޕްރެކްޓިސް ކޮށްފައި ރިވައިސް ކުރަން ޓައިމް ވެސް ލިބޭނެ"

ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދު ވެސް ވިދާޅުވީ، ކޭމްބްރިޖް އޯލެވެލްއަކީ ދެ އަހަރު ދުވަހުގެ ސިލަބަހެއް ނަމަވެސް، ރާއްޖޭގެ އެޑިޔުކޭޝަން ސިސްޓަމް ތެރެއަށް ވަދެފައި ހުންނަ ބައިވަރު އިތުރު ހަރަކާތްތަކާއި އެހެނިހެން ބައިވަރު ގޮންޖެހުން ތަކަށް ބަލާއިރު އެންމެ ރަނގަޅީ ގުރޭޑް 8ން ސްޓްރީމް ކަނޑައެޅުމެވެ. އޭގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމަށް ބަޝީރާ ދެކެވަޑައިގަންނަވައެވެ.

އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޑރ. އާސިޔަތު ފާހަގަކުރެއްވިހެން ދަރިވަރުންނާއި މުދައްރިސުންގެ "ސްޓްރެސް" އަށް ލިބޭނެ ބޮޑު ލުޔެވެ.

އޯލެވެލް ހަދާ އާބާދީގެ ބޮޑުބައި މި އޮތީ މާލޭގެ ސްކޫލުތަކުގައެވެ. މަދު ސްކޫލެއް ފިޔަވައި މާލޭގެ ހުރިހާ ސްކޫލެއްގެ އާބާދީ 2،000ން މައްޗެވެ. މިވަރުގެ އާބާދީއަކަށް ކިޔަވައި ދެވެނީ ދެ ދަންފަޅިއަށް ގޮސްގެންނެވެ. ފުރަތަމަ ސެޝަން 12:30 ކުރިން ނިންމައި ދެވަނަ ދަންފަޅިއަށް ހުރިހާ ކުލާހެއް ހުސްކުރަން މަޖުބޫރުވެއެވެ. އެހެން ނޫނީ އެ ދަންފަޅީގެ ހުރިހާ ދަރިވަރުންނަށް ފުރުޞަތެއް ނުދެވެއެވެ. މި ހާލަތުގައި ސްކޫލުގެ އާބާދީއާއި ޖާގަ އޮތް އިރު، އެންމެ ރަނގަޅު ގޮތަކީ ސްޓްރީމް ގުރޭޑް 8ން ކަނޑައެޅުން ކަމަށް ބަޝީރާ ފާހަގަކުރެއްވިއެވެ.

" އަހަރު ފެށުނީއްސުރެ ގުރޭޑް ނުވައެއް އަދި ދިހައެއްގެ ދަރިވަރުން ރޭގަނޑުގެ ކުލާސްތައް ބާއްވައިގެން ނޫނީ ސިލަބަސް ކަވަރުކޮށްފައި އިތުރު އިތުރު އެހީއެއް އެ ދަރިވަރުންނަށް ނުދެވޭ" ބަޝީރާ ވިދާޅުވިއެވެ.

ބަޝީރާ ވިދާޅުވި ގޮތުގައި، ގުރޭޑް 9ން ދިއުމާއެކު ބައެއް ދަރިވަރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ބޭނުން ނުވާކަމަށާއި، ކުއްޖާގެ ހެދިބޮޑުވުމާއި ސިއްޙަތަށް ބަލާއިރުވެސް ގިނަ ކަންތައްތަކެއްގައި އުޅެން ޖެހޭ ކަމަށެވެ. އެ ހުރިހާ ކަމަކަށް ބަލާއިރު ވެސް ރާއްޖޭގެ މާހައުލަށް ފެތެނީ ގުރޭޑް 8ން ސްޓްރީމް ކަނޑައެޅުމެވެ.

" ގުރޭޑް 8ން ސްޓްރީމް ކަނޑައެޅީމާ އެ ލިބޭ ތިން އަހަރު ދުވަހުގެ ތެރޭގައި، ދަރިވަރުންނަށް އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ އުޅެމުން ފަސޭހަކަމާއެކު ސިލަބަސް ނިންމާލެވި އޯލެވެލްއަށް ތައްޔާރު ވެވޭނެ" ބަޝީރާ ވިދާޅުވިއެވެ.

ގުރޭޑް 8ން ސްޓްރީމް ކަނޑައަޅަން ތާއީދު ކުރައްވައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސާނަވީ ސްކޫލުގެ ޕްރިންސިޕަލް ނާސިޙާ އިދުރީސް ވިދާޅުވީ، ކީ ސްޓޭޖް 2ގެ ދަރިވަރުންނަށް ކެރިއަރގައިޑެންސާއި ވަޒީފާއާ ބެހޭ މައުލޫމާތު މިހާރަށްވުރެ ފުޅާކޮށް، ފޯކަސްކޮށްގެން ކުރިއަށް ގެންދަން މުހިންމު ކަމަށެވެ. އެއާއެކު ގުރޭޑް 7ގެ އަހަރު އެ ލިބޭ 200 އެއްހާ ދުވަހަކީ ސްޓްރީމްއާ ގުޅޭ މައުލޫމާތާއި އަދި ވަޒީފާއާ ގުޅޭ ވާހަކަ ދައްކަން ލިބޭ އެކަށީގެންވާ ވަގުތެއް ކަމަށެވެ.

" ކުދިން ހަރުވަންދެން ބައިތިއްބަނީއޭ ބުންޏަސް ފާޑަކަށް ވޭސްޓްވަނީ ގުރޭޑް 8ގެ އަހަރު" ނާސިޙާ ވިދާޅުވިއެވެ.

ނާސިޙާ ވިދާޅުވީ، މިހާރުވެސް އައިޖީސީއެސްސީ ސިލަބަހުގެ ބައެއް ގުރޭޑް 8ގެ ސިލަބަހުގެ ތެރެއަށް ވައްދައިގެން ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދާ ކަމަށާއި އެކަން ކުރަނީ ވެސް ގުރޭޑް 9އަށް ދާއިރު އެ އޮންނަ ލޯޑް ދަރިވަރުންނަށް ކުޑަ ކުރުމުގެ ގޮތުންނެވެ. އެކަމަކު އެއީ ރަސްމީ ސިފައެއްގައި ކުރިއަށް ގެންދާ ކަމެއް ނޫން ކަމަށް ނާސިޙާ ވިދާޅުވިއެވެ.

ނާސިޙާ ވިދާޅުވީ ގުރޭޑް 8ން ސްޓްރީމް ކަނޑައެޅުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އެވްރެޖަށްވުރެ ދަށުގެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެކަށީގެންވާ ވަގުތު ލިބުމެވެ. އަދި ވޮކޭޝަނަލް އަށް ދާން ބޭނުންވާ ދަރިވަރުންނަށް ވެސް ގުރޭޑް ނުވައަކާ ހިސާބުން ފުރުޞަތު ތަނަސްވުމެވެ.

ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލުގެ މިހާރުގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ވިދާޅުވީ ގުރޭޑް ހަތަކާއި އަށެއްގައި މިހާރު ކިޔަވައިދޭ ކޮންޓެންޓަށް ބަލާއިރު، މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ. އެހެންވެ އޭނާ ވެސް ފާހަގަ ކުރެއްވީ ގުރޭޑް 8ން ސްޓްރީމް ކަނޑައެޅުން މުހިންމު ކަމަށެވެ.

އެންމެ ނިންމެވުމަކުން ބޮޑު ބަދަލެއް، ބޮޑު ލުޔެއް

ޕްރިންސިޕަލުން ދެކެވަޑައިގަންނަވާ ގޮތުގައި ގުރޭޑް 8ން ސްޓްރީމް ކަނޑައަޅައި ކިޔަވައިދޭން ފެށުމަކީ މާ ބޮޑު މަސައްކަތަކާ ނުލައި ވެސް ކުރެވިދާނެ ތައުލީމީ ދާއިރާގައި ޝާމިލުވާ އެންމެންނަށް ފައިދާ ހުރި ބޮޑު ބަދަލެއް ގެނުވާނެ ކަމެއް ކަމަށެވެ. ސަބަބަކީ ރަސްމީ ސިފައެއްގައި ނޫނަސް މިހާރު ވެސް ގުރޭޑް 8ގައި ކިޔަވައިދޭ މުޤައްރަރުގެ ތެރެއަށް ގުރޭޑް 9ގެ ބައެއް ޓޮޕިކްތައް އިންޓަރގެރޭޑް ކޮށްގެން ކިޔަވައިދެމުން ގެންދާތީއެވެ.

" އެ ބަދަލު ގެންނައިރު މުދައްރިސުންގެ ދަތިކަން ކޮންމެ ވެސް ވަރަކަށް ދިމާވާނެ. އެކަމަކު އެއީ ހައްލު ކުރެވޭނެ ކަމެއް" ޑރ. އާސިޔަތު ވިދާޅުވިއެވެ.

ގުރޭޑް 8ން ސްޓްރީމް ކަނޑައެޅުމުން އެންމެ ބޮޑުފައިދާއެއް ކުރާނެ އެއްބަޔަކީ ދަރިވަރުންނާއި މުދައްރިސުންނެވެ. މުދައްރިސުންގެ ދުޅަހެޔޮކަމާއި އާއިލީ ގުޅުމުގެ ފައިދާ ކުރާނީ ދަރިވަރުންނަށެވެ.

" މި ބަދަލުގެ ސަބަބުން މިހާރު މިހާރު ބާއްވަމުން އަންނަ ރޭގަނޑުގެ ކުލާސްތައް ބާއްވާން ނުޖެހި، އިރުހުއްޓާ ސްކޫލް ނިންމާލާފައި މުދައްރިސުންނަށް ވެސް ގެއަށް ދެވޭނެ. އޭގެ ސަބަބުން އާއިލާއެކީގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު މުދައްރިސުންނަށް ފަހިވެ މުދައްރިސުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ" ތަޢުލީމީދާއިރާގައި ހޭދަ ކުރެއްވި 30 އަހަރުގެ ތަޖުރިބާގެ އަލީގައި ބަޝީރާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *