ތަޢުލީމު ދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މުސްތަޤްބަލަށް ތައްޔާރުކުރުމެވެ.

ޑރ. އާމިނަތު ޝާފިޔާ އާދަމް

ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަކީ ތިމާވެށްޓާ ގުޅޭ ކަންބޮޑުވުންތަކާ ގުޅުންހުރި ކަމެއްގެ ގޮތުގައި ގިނަ މީހުން ވިސްނައެވެ. މިއަދު އަޅުގަނޑުގެ ލިޔެލަން ގަސްދުކުރަނީ ދެމެހެއްޓެނިވި ގޮތެއްގައި ތަޢުލީމު ދިނުމުގައި އާންމު ކޮށް ވާހަކަ ދެއްކި މަޝްވަރާކުރެވޭލެއް މަދުކަން ފާހަގަކުރެވޭތީ އެކަމަށް އިޝާރާތްކޮށްލުމެވެ. ވަރަށް ގިނަ ފަހަރަށް ދެމެހެއްޓެނިވި ގޮތެއްގައި އެކި އުމުރު ފުރައިގެ ކުދިންނަށް ތަޢުލީމު ދިނުމުގައި އަދާ ކުރަން ޖެހޭ ދައުރާ މެދު ލިޔުންތަކުގައި އިހުމާލު ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް މިއަދުގެ ވާހަކަ ކޮޅުގައި މި ހިމަނާލަނީ އެންމެ ތުއްތުކުދިންނަށް އުނގަންނައިދޭއިރު ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކުދިންގެ އުނގެނުން ކުރިޔަށް ގެންދިއުމަށް އެހީތެރިވެދޭ ގޮތަށް އުނގެނުން ފަރުމާކުރުމާ ގުޅޭ ގޮތުންނެވެ.

ވ. އޭއީސީގެ ދެ ދަރިވަރުން، ޓީވީއެއް ހެދުމުގެ މަސައްކަތުގައި: އެ ސްކޫލުން ފަހިކޮށްދިން ފުރުޞަތުގެ ބޭނުން ހިފައި، ހަލާކުވާ ޓީވީ ފަދަ ތަކެތި މަރާމާތު ކުރުމުގެ މަސައްކަތް އެ ކުދިން ވަނީ ދަސްކޮށްފައި- ފޮޓޯ: ވ. އޭއީސީ

ޚަޤީޤަތުގައި ދެމެހެއްޓެނިވި ގޮތެއްގައި އުނގެނުން (ލާރނިން ފޮރ ސަސްޓެއިނެބިލިޓީ) މިއީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކުގައި ކުރިއަށް އޮތް 2030 ގެ ކުރިން ޙާޞިލުކުރަންޖެހޭ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގައި ވަރަށް ބޮޑަށް ބާރު އަޅާ ތާއީދުކޮށްފައިވާ ކަމެކެވެ (ޔުނައިޓެޑް ނޭޝަންސް (ޔޫއެން) 2015). 2016 އިން 2030 އަށް މުސްތަގުބަލުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ހުރިހާ ގައުމަކުން ކުރާ މަސައްކަތުގެ މައިގަނޑު އެއް ކަމަކަށް ވާންޖެހެނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި (އެސްޑީޖީ) އދ. ތައް ޙާޞިލުވާނެހެން އުނގަންނައިދިނުން ފަރުމާ ކުރުމެވެ. ދުނިޔޭގެ ގިނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭއިރު ފެންވަރު ރަނގަޅު ތައުލީމެއް ތަޖުރިބާކުރުމަށް ފުރުސަތު ނުލިބެއެވެ. މާނައަކީ އުނގެނުން ރޭވެނީ ގިނަ ފަހަރަށް މަޢުލޫމާތުތަކެއް ދަސްކޮށްދީ އެތަކެތި އިނގޭ މިންވަރު ވަޒަންކުރުމަށެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ކަންކަމުގެ އާންމު ޙަޤީޤަތްތަކާއި ކުދިން ދުރުވެ، ދިރިއުޅުމުގެ ކަންކަމަށް ތަޢުލީމުގެ ތެރެއިން ތައްޔާރު ނުކުރެވެއެވެ.  ދެމެހެއްޓެނިވި ގޮތެއްގައި ކުދިންގެ އުނގެނުން ކުރިޔަށް ގެންދިއުން ނުވަތަ ފުރިހަމަ އުނގެނުމުގެ ގާބިލްކަން ހާސިލް ނުކުރެވެނީ މިކަމުގެ ސަބަބުންނެވެ. މީގެ އެންމެ ބޮޑު ޙަޤީޤަތަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ކުދިންނަށް ދެވޭ ތަޢުލީމާއި ގުޅުން ކުޑަވުމެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ފެންވަރު ރަނގަޅު ތައުލީމަށް ސަމާލުކަން ދިނުން ހިމެނެ އެވެ. މިސާލަކަށް ބަލައިލަފިނަމަ ލަނޑުދަނޑި 4 ގައި ލިޔެފައިވަނީ، ”އެންމެންނަށް ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރުކޮށްދީ، މުޅި އުމުރަށް އުނގެނުން ކުރިއެރުވުން“ (ޔުނައިޓެޑް ނޭޝަންސް (ޔޫއެން) 2015، ސ. 19). މި މަޤްޞަދުގެ ހާޞިލުވާނެ އިންޑިކޭޓަރެއްކަމަށްވާ (ލަނޑު 4.2) ޚާއްޞަކޮށްފައިވަނީ ތުއްތު ޢުމުރުފުރާ (އާރލީ ޗައިލްޑްހުޑް) ދަރިވަރުންނަށެވެ. އޭގައިވާ ގޮތުން ”2030 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ އަންހެން ކުދިންނާއި ފިރިހެން ކުދިން ވެސް ޕްރައިމަރީ ތަޢުލީމަށް ތައްޔާރުވެފައިވާ ފެންވަރު ރަނގަޅު ކުޑަކުދިންގެ ތަރައްޤީއާއި ފަރުވާއާއި ޕްރީ ޕްރައިމަރީ (ފަށާ ތަޢުލީމުގެ ކުރި) ތަޢުލީމުގެ ފުރުސަތު ލިބޭނެކަން ކަށަވަރުކުރުން“ މިއެވެ (ޔުނައިޓެޑް ނޭޝަންސް (އދ) 2015، ޞަފްޙާ 19). މި ބަޔާނުގައި އިޝާރާތްކޮށްފައިވާގޮތުން ކުދިން ފަށާތަޢުލީމު މަރުހަލާ ފެށުމުގެ ކުރިން އެކަމަށް ތައްޔާރުކުރުމާއި ގުޅޭގޮތުން ފުޅާ ނަޒަރަކުން ބަލާލުން މުހިންމެވެ. މިގޮތުން ކުއްޖާއަށް ލިބިދޭންޖެހޭ ކަންކަމުގެ ތެރޭގައި ރަނގަޅު ސިއްހަތާއި، ފަރުވާއާއި، ކުޅިވަރާއި، އުނގެނުމުގެ އުފާވެރިކަން އަދި އެކަމަށް ލޯބި ޖެހުން ހިމެނެއެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އަދި އެހެން ބައެއް ގައުމުތަކުގައި ވެސް ފަށާ ތަޢުލީމަށް ނުވަތަ ސްކޫލަށް ތައްޔާރުވުމަކީ ކަނޑައެޅިފައިވާ ސިލަބަހެއްގައި ކިޔަވައިދިނުމާއި ރޯޓް ލާނިން (ހިތުދަސްކުރުން)ގެ ގޮތުގައި ދެކެއެވެ. ފާހަގަކުރެވޭ ކަމަކީ  ރޯޓްލާރނިންއާ ބެހޭ ގޮތުން އެއްވެސް ލަނޑުދަނޑިއެއްގައި އިޝާރާތްވެސް ކޮށްފައިނުވުމެވެ. ގިނަމަޢުލޫމާތުތަކެއް ދަސްކޮށްދީ އެތަކެތި ހިތުން އިނގޭތޯ ބެލުމަކީ މުހިންމު ކަމެއްގޮތުގައި ފާހަގަކޮށްފައި ނެތެވެ. ބައެއް ބެލެނިވެރިންނަށް ހީވެފައި އޮންނަނީ ކުއްޖާއަށް ލިޔަންކިޔަން ދަސްކޮށްދެވި މަޢުލޫމާތުތަކެއް ދަސްކޮށްދެވުމުން އެހެރީ ކުއްޖާ ފަށާތަޢުލީމަށް ތައްޔާރުވެފައި ކަމުގައެވެ. އުނގެނުމަށް ލޯބިކުރުމާއި، ކަންކަން ހޯދާބެލުމާއި، ގިނަކަންކަމަށް ޝައުޤުވެރިވުމާއި، އަމިއްލައަށް ކަންކަންކުރަން ދަސްކުރުމާއި، އެހެންމީހުންނާއި ނުލައި މިނިވަންކޮށް އަމިއްލައަށް ކަންކަން ކުރަން އެނގުމާއި، ދިރިއުޅުމުގެ އާންމު ދުވަހީ ކަންކަން އަމިއްލައަށް އިންތިޒާމުކުރުމާއި މިފަދަ ހުރިހާ ކަންކަމަކީ ފަށާ ތަޢުލީމުގެ ނިޒާމަށް ކުދިންތައްޔާރުކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އަމީނިއްޔާގައި ހުޅުވި ސްކިލް ލެބުގައި އެ ސްކޫލުގެ އަންހެން ދަރިވަރަކު ކީހުމުގެ މަސައްކަތުގައި: ސްކޫލްތަކުން ދަނީ މަސައްކަތްތެރިކަން ދަރިވަރުންނަށް ދަސްކޮށްދެމުން ފޮޓޯ: އަމީނިއްޔާ ސްކޫލް

2030 ވަނަ އަހަރުގެ އެޖެންޑާ ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (ޔުނައިޓެޑް ނޭޝަންސް (ޔޫއެން) 2015، ޞަފްޙާ 18-25) ގައިވާ ގޮތުން މިހާރު އެންމެ ސަމާލުކަންދޭންޖެހޭ ލަނޑުދަނޑިތަކަކީ ”ރަނގަޅު ސިއްހަތާއި ދުޅަހެޔޮކަން“ (ލަނޑު 3)، ”މިންތީގެ ހަމަހަމަކަން“ (ލަނޑު 5)،”ސާފު ފެން އަދި ސާފުތާހިރުކަން“ (ލަނޑު 6)، ”އަބުރުވެރި މަސައްކަތާއި އިޤްތިޞާދީ ކުރިއެރުން“ (ލަނޑު 8)، ”ޒިންމާދާރުކަމާއެކު މަޢުލޫމާތު ބޭނުންކުރުމާއި އުފެއްދުން“ (ލަނޑު 12)، އަދި ”މޫސުމާއި ގުޅޭ ޢަމަލު“ (ލަނޑު 13) އެވެ. މި ހުރިހާ ކަމެއްވެސް އެކި ގޮތްގޮތުން ގުޅެނީ ތަޢުލީމާއި އެކަން ރޭވިގެންދާ ގޮތްތަކާއެވެ. މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެންމެ މުހިންމު ދާއިރާއެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްފައިވަނީ ތަޢުލީމު ދެވޭގޮތާއި އެކަން ފަރުމާކުރެވޭ ގޮތްތަކާއެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ ތަޢުލީމީ ދާއިރާގައި ކިޔަވައިދޭ މަންހަޖަކީ އެހެނިހެން ދާއިރާތަކާއި ވަކިކުރެވި އެކަހެރިކޮށް ބެލިދާނެ އެއްޗެއް ނޫންކަމެވެ. ކޮންމެ މަންހަޖެއްވެސް އެކުލަވާލެވެނީ އެ ތަންފީޒުކުރަންޖެހޭ ހާލަތްތަކާއި، ތަނާއި ޖާގައި އަދި މީހުންނާއި، އުސޫލުތަކާއި ސަގާފަތާއި އާދާކާދަ ތަކާއި މިހެންވެސް އެގައުމަކަށް މުހިންމުވާ ބަހާތަކަށް އަމާޒުކޮށްގެންނެވެ. ކުރުކޮށް ދަންނަވާނަމަ ކޮންމެ މަންހަޖެއްގެ ވެސް ހާލަތްތަކާއި ތާރީޚެއް އޮންނަނީ ގުޅިފައެވެ. މި ނުކުތާގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ކުޑަކުދިންނަށް ފޯރުކޮށްދިނުމަކީ ކޮބައިކަން އެކި ގައުމުތަކުގައި އަދި އެކ މުޖުތަމަޢުތަކުގައި ވެސް ތަފާތުވާ ކަން ޢިލުމީ ލިޔުންތަކުން ފެނެއެވެ. މިގޮތުން ދެވޭ ތަޢުލީމުގެ ސިފަތަކާއި، ކިޔަވައިދެވޭ ކޮންޓެންޓާއި އަދި އެކޮންޓެންޓް ކިޔަވައިދޭން ގެންގުޅޭ ޕެޑަގޮޖީ(ކިޔަވައިދިނުމުގެ ގޮތްތައް)އަށް ސަސްޓެއިނަބިލިޓީ (ދެމެހެއްޓެނިވި) ކޮންސެޕްޓްތައް ގުޅުވައިފައިވާ ދިރާސާތައް ކުރެވިފައިވެއެވެ. މިގޮތުން ކުޑަކުދިންގެ އުނގެނުން ފަރުމާކުރަންވީ ގޮތްތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ތަޖުރިބާ ކުރުމަށް އެ ކުދިންނަށް ފަހިކޮށްދޭން ޖެހޭ ފުރުސަތުތަކާއި އެކަންކަން ކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ދިރާސާތަކުގައި ހިމަނާފައިވެއެވެ.

ހުރަވީ ސްކޫލްގެ ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: ދިރިއުޅުމަށް ތައްޔާރު ކުރުމަށް މި ފަދަ މަސައްކަތް ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ- ފޮޓޯ: ދަރިވަރު ނޫސް

ގިނަ ދިރާސާވެރިން އެއްބަސްވާ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް ކޮށޭ މަގެއް ބިނާވެފައިވަނީ މުޖުތަމައުތަކުން އަންނަން އޮތް ޖީލަށް ތައުލީމު ދޭ ގޮތުގެ މައްޗަށެވެ. މިގޮތުން ކުދިންނަށް އުނގެނުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތާއި، އެމީހުންގެ ވަށައިގެންވާ ދުނިޔެއާ ބެހޭގޮތުން ދަސްކުރާ ކަންކަމާ މެދު ފުން ނަޒަރަކުން ބަލައިލާ އަލިއަޅުވާލަން ޖެހެއެވެ (ސިރާޖް-ބްލެޗްފޯޑް އެޓް އަލް. 2016). އިހަށްވުރެ ބޮޑަށް ޤައުމުތަކުން ދެނެގަންނަންޖެހޭ ކަމަކީ، ދުނިޔޭގެ މުޖުތަމަޢު ދެމެހެއްޓެނިވި ގޮތެއްގައި ނެގެހެއްޓޭނީ މުސްތަޤުބަލުގެ ޖީލުތަކަށް ގެންދެވޭނެ އަދި ދެމެހެއްޓޭނެ އެއްޗެއް އޮވެގެންނެވެ. ޖޭމްސް ހެކްމަން (2006) ފަދަ ދިރާސާވެރިންނާއި އެހެން އިޤްތިޞާދީ މާހިރުން ހާމަކުރާގޮތުގައި ޅަޢުމުރުގައި އެކުދިންނަކީ ހަރުދަނާބައެއްގޮތަށް ދެމެހެއްޓެނިވި އުސޫލުތަކަށް ރިޢާޔަތްކޮށްގެން ބިނާކުރެވޭ ޖީލެއް ކަމަށްވާނަމަ ޢުމުރުގެ ފަހު މަރުހަލާތަކުގައި އެކުދިންގެ ކިބައިން ލިބިދޭ ފައިދާ ދެގުނަ އިތުރުވެގެން ދިއުމެވެ. ދެމެހެއްޓެނިވި ގޮތެއްގައި އުނގެނުން ތަރައްގީކުރަން ފެށެނީ ކުއްޖާގެ ޅަފަތުގެ ޢުމުރުން ފެށިގެން ކަމާއި އަދި އެކުދިންނަށް ލިބޭ އުނގެނުމުގެ ތަޖުރިބާތަކުގެ ސަބަބުން ދިގުދެމިގެންދާ ފައިދާތަކެއް މުސްތަޤުބަލުގައި ވެސް ގައުމުތަކަށް ލިބޭނެކަން މި ޢިލުމުވެރިން ތަކުރާރުކޮށް އިޝާރާތްކޮށްފައިވެއެވެ.

ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ހެއްދި ކިއުކަމްބާ އެ ސްކޫލުގެ ދަރިވަރަކު ކަނޑަލީ: ސްކޫލުތަކުގައި ދަނޑިވެރިކަމުގެ މަސައްކަތް ފުޅާކޮށް، ދެމެހެއްޓެނެވި ގޮތެއްގައި އެކަން ކުރެވިދާނެ- ފޮޓޯ: ސ. އަތޮޅު މަދަރުސާ

އަންނަން އޮތް ޖީލުތަކަށް އުނގެނުން ފަރުމާކުރުމުގައި ސަމާލުކަންދޭން ޖެހޭ މުހިންމު އެއް ކަމަކީ އެޑިޔުކޭޝަން ފޯރ ސަސްޓެއިނެބަލް ޑިވިލޮޕްމަންޓް (އީއެސްޑީ)ގެ ހުނަރުތައް ތަރައްގީ ކުރުމެވެ. ޔުނެސްކޯ (2012) ގައިވާގޮތުން ކުޑަކުދިންނަށް ތަޢުލީމު ފަރުމާކުރުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ހުނަރުތައް ލިސްޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ދިރިއުޅުމާއި ދިރިއުޅުމުގެ ހުނަރު (އެބަހީ ކޮންސިއުމަރ ހޭލުންތެރިކަން)، މައްސަލަ ހައްލުކުރުމުގެ ހުނަރު، އިނޮވޭޝަން ހުނަރު (އެބަހީ ވިޔަފާރިވެރިކަމުގެ ތަޢުލީމު)، އަދި ރައްޔިތުކަމުގެ ހުނަރު ހިމެނެއެވެ. އެސްޑީޖީ ޑިވެލޮޕްމަންޓް ރިޕޯޓް ގައި ފާހަގަކުރާގޮތުން ބަޔާންވެ ދިޔަ ހުނަރުތަކަކީ ކުއްޖާއަށް އޭނާގެ މުޖުތަމަޢުގައި ދުޅަހެޔޮ ރައްޔިތެއްގޮތުގައި ދިރިއުޅުމެއް އުޅެވޭނެ އަދި ލޯކަލް އަދި ގްލޯބަލް (ބަވަނަ) ގޮންޖެހުންތަކަށް އިޖާބަދޭނެ ގޮތްތަކާއި އެކަންކަމަށް ހޭލާހުރުމަށް ބޭނުންތެރި އަގުތަކާއި ވިސްނުންތަކެކެވެ. މި ބަޔާންކުރެވިދިޔަ ހުނަރުތައް މުހިންމުވަނީ ލިޔަންކިޔަން ދަސްކުރުމާއި ގުނަ ދަސްކުރުމުގެ ބިންގަލުގެ އިތުރުން ކުޅިވަރަށް ބިނާކޮށް އުފެއްދުންތެރި އަދި ފިކުރީ މަސައްކަތްތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބިދޭތީއެވެ. މި ފާހަގަކުރެވުނު ކުޅިވަރުގެ ބާވަތްތަކުގެ ތެރޭގައި ކުދިންގެ ޚިޔާލާއި އީޖާދަކީ (އިމޭޖިނޭޝަން އެންޑް އިނޮވޭޝަން) އެކުދިންނަށް ލިޔަންކިޔަން ދަސްކުރުމާއި ގުނާ ދަސްކުރުމާއި އަދި އެހެންވެސް ކޮންޓެންޓް/މަޢުލޫމާތު ދެނެގަތުމާއި އެއްވަރަށް މުހިންމު އެއްޗެއްކަން ގަބޫލުކުރަން ޖެހެއެވެ(ޕްރަމްލިންގ އާއި އެކު 2017). މިލިޔުންކޮޅުގައި ހިމަނާލެވިފައިވާ ކަންކަމަކީ ތަޢުލީމު ފޯރުކޮށްދޭއިރު ސްކޫލުތަކުގައި ވެސް އަދި ބެލެނިވެރިން ގޭތެރޭގައި ވެސް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. މިފަދަ މައުޟޫޢުތަކަށް އާންމުން ހޭލުންތެރިވީ މިންވަރަކުން ޔުނެސްކޯ (2012) ގެ ލަނޑުދަނޑިތައް އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ހާޞިލުވާ މިންވަރު އިތުރު ކުރެވޭނެ ކަމަށް ގަބޫލު ކުރަމެވެ.

ހަވާލާ ދޭ ފަރާތްތައް

ހެކްމަން، ޖޭ.ޖޭ (2006). ހުނަރު އުފެއްދުމާއި ނާތަހުޒީބު ކުދިންނަށް އިންވެސްޓް ކުރުމުގެ އިގްތިސާދު. ސައިންސް، 312، 1900–1902.

ޕްރަމްލިންގ، ނ.، ޑޯވަރބޯރގް، އީ.، އަދި ޕްރަމްލިންގ ސެމިއުލްސަން، އައި.(2017). ކުޑަކުދިންގެ ތަޢުލީމުގައި ކިޔަވައިދިނުމާއި އުނގެނުން އިންސްޓްރަކްޝަންގެ ބޭރުން އަލުން މެޓަފޯރައިޒްކުރުން- އިޖުތިމާޢީ ބައިބައިވުން އުފެއްދުމެވެ. އިން ސީ.ރިންގްސްމޯސް އެންޑް ޖީ.ކްރަގް-މުލަރ (އެޑްސް)، ނޯޑިކް ސޯޝަލް ޕެޑަގޮޖިކަލް އެޕްރޯޗް ޓު އަރލީ އަހަރުތަކުގައި (ވޮލިއުމް 15، ޞަފްޙާ 205–218). ބާލިން: ސްޕްރިންޖަރ. ޑޮއި:10.1007/978-3-319-42557-3_12.

ސިރާޖް-ބްލެޗްފޯޑް، އައި.، ޓެގަރޓް، ބީ.، ސިލްވާ، ކޭ.، ސަމަންސް، ޕީ.، އަދި މެލްހޫއިޝް، އީ.(2008). އަވަސް ތަޢުލީމުގައި ޢަމަލީ ބަދަލުކުރުމާ ދިމާލަށް: ޕްރީސްކޫލް ތަޢުލީމުގެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުން (އީޕީޕީއީ) މަޝްރޫޢު. ކެމްބްރިޖް ޖާނަލް އޮފް އެޑިއުކޭޝަން، 38، 23–36.

ޔުނެސްކޯ (2012) އެވެ. ދެމެހެއްޓެނިވި ތަރައްޤީއަށް ހުނަރުތައް ކުރިއެރުވުން (ED/PSD/ESD/2012/PI/4). ޕެރިސް، ފްރާންސް: ޔުނެސްކޯ. www.unseco.org/educationESD012/PI/4 އިން ލިބިފައިވާ މަޢުލޫމާތު

ޔުނެސްކޯ (2015) އެވެ. އިންޗިއޮން ޑިކްލެރޭޝަން: އެޑިއުކޭޝަން 2030. ޕެރިސް، ފްރާންސް: ޔުނެސްކޯ. http://en.unesco.org/world-education-forum-2015/incheon-declaration އިން ލިބިފައިވާ މަޢުލޫމާތު

ނޯޓް: ޑރ. އާމިނަތު ޝާފިޔާ އަކީ ޤައުމީ ޔުނިވަރސިޓީގައި އެސިސްޓެންޓް ޕްރޮފެސަރގެ މަގާމުގައި މަސައްކަތް ކުރައްވާ ދާރިސެކެވެ. އޭނާގެ ވަޒީފާގެ މައިގަނޑު ދާއިރާތަކަކީ މުދައްރިސުން ތަމުރީނު ކުރެއްވުމާއި، މާސްޓާރސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔަވާ ދަރިވަރުންގެ ދިރާސީ މަސައްކަތުގައި އެހީތެރިވެދެއްވުމާއި ތަފާތު ދިރާސީ މަސައްކަތްތަކުގައި އިސްރޯލެއް އަދާކުރެއްވުމެވެ. ޑރ. ޝާފިޔާއަކީ ރޭޑިއޯ/ޓީވީ ޕްރޮގްރާމްތަކާއި ނޫސް/މަޖައްލާ ފަދަ އެކި ދާއިރާތަކުގެ ޢިލުމީ މުހާވަރާތަކުގައި ޚިދުމަތް ފޯރުކޮށްދެއްވާ އެއީ އޭނާގެ އިޖުތިމާޢީ ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާ ބޭފުޅެކެވެ. ޖުމުލަގޮތެއްގައި ޑރ. ޝާފިޔާއަކީ އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއަށް ޚާއްޞަ ލޯތްބެއް އޮންނަ ފަންނީ މާހިރެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *