ޝަޒުމީނާ، އާ ޗެލަންޖަކާއެކު ހާފިޒު އަޙްމަދު ސްކޫލުގެ ޕްރިންސިޕަލަކަށް

"ބޭނުން ވަނީ، ޕްރިންސިޕަލުން ގުޅިގެން ފުވައްމުލައް ސިޓީގެ ތަޢުލީމަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރަން"

ފުވައްމުލަކުގައި ހުންނަ ހާފިޒު އަޙްމަދު ސްކޫލުގެ ޕްރިންސިޕަލަކަށް ޝަޒުމީނާ ޝާކިރު ހަމަޖައްސައިފިއެވެ. ޝަޒުމީނާ އެންމެ ފަހުން ހުންނެވީ އެ ސިޓީގައި ހުންނަ މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ މަޤާމުގައެވެ.

ޝަޒުމީނާ، ބެޗްލާސް ޑިގްރީ ހެއްދެވީ އެޑިޔުކޭޝަން އެންޑް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ. އޭގެ ފަހުން މާސްޓަރސް އޮފް އެޑިޔުކޭޝަން އިން އިންގްލިޝް ޓީޗިންގ ދާއިރާއިން ތަޢުލީމް ހާޞިލް ކުރެއްވިއެވެ.

ޝަޒުމީނާ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 28 އަހަރު ވެއްޖެއެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ މުޙައްމަދު ޖަމާލުއްދީން ސްކޫލުގައެވެ. އެ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައި 18 އަހަރު މަސައްކަތް ކުރެއްވިއެވެ.

ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ހާފިޒު އަޙްމަދު ސްކޫލަށް ބުދަ ދުވަހު ނުކުންނެވި ޝަޒުމީނާ، ދަރިވަރު ނޫހަށް އިއްޔެ ވިދާޅުވީ، ފުވައްމުލައް ސިޓީގެ ސްކޫލްތައް ލީޑް ކުރައްވަން ތިއްބެވީ ވަރަށް ތަޖުރިބާކާރު ޢިލްމީ ބޭފުޅުން ކަމަށާއި އެ ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ތަޢުލީމީ ގޮތުން ބޮޑު ކާމިޔާބީއެއް ފުވައްމުލައް ސިޓީއަށް ހޯއްދެވޭނެ ކަމަށެވެ.

" އަޅުގަނޑުމެން ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނަށް ގުޅިގެން ގިނަ ކަންތައްތަކެއް ކުރެވިދާނެ. އެގޮތުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި އެއް ސްކޫލެއްގައި ހުންނަ ރިސޯސްތައް އަނެއް ސްކޫލަކަށް ބޭނުން ކުރެވޭނެ ގޮތް ވުމަކީ އެއީ މި ސިޓީގެ ތަޢުލީމަށް، އިތުރު ކުރިއެރުމަކާއި އިތުރު އާރޯކަމެއް ލިބޭނެ ކަމެއް" 2001ން ފެށިގެން ފުވައްމުލަކުގެ ތަޢުލީމަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ޝަޒުމީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މަގަށް މަސައްކަތް ކުރިއަށް ގެންދެވުމަކީ އޭނާގެ އުއްމީދެއް ކަމަށާއި، ސިޓީއެއްގެ ގޮތުގައި ތަރައްޤީ ވެގެންދާއިރު، ތަޢުލީމީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރަން އެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

" އެ މަސައްކަތުގައި އަޅުގަނޑު އިސްނަގާނަން. މި ދާއިރާއިން ވަކިވެގެންދާ ދުވަހަކުން ވެސް، އަޅުގަނޑު ދެކެން ބޭނުން ވަނީ އެކަން އެ ގޮތުގައި ކުރިއަށް ދިއުން" ޝަޒުމީނާ ވިދާޅުވިއެވެ.
" ވަކި ސްކޫލެއް ވަކި އަވަށެއް ނޫން މުހިންމު ވަނީ. ކޮންމެ ސްކޫލެއްގައި ކިޔެވިޔަސް އެއީ ކިޔަވާ ކުއްޖެއް. ނޫނީ ކިޔަވާ ކުއްޖެއްގެ ބެލެނިވެރިއެއް. ސްކޫލްތަކުގެ މެދުގައި "އަންހެލްދީ" ކޮމްޕެޓިޝަން އޮތުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫން. އެ ނައްތާލަން ސްކޫލްތަކާ އެއްކޮށް މަސައްކަތް ކުރުމަކީ އެއީ އެއް އަމާޒު" ޝަޒުމީނާ ވިދާޅުވިއެވެ.

ޝަޒުމީނާ ވިދާޅުވީ، އަހަރުގެ މެދުތެރިން ޕްރިންސިޕަލްކަމާ ހަވާލުވެ ވަޑައިގެންނެވުމުން، މި އަހަރުގެ ތެރޭގައި އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްތައް ބައްޓަން ނުކުރެވިދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި އަންނަ ދިރާސީ އަހަރުން ފެށިގެން ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެކަމަށް ޕްލޭންތަކެއް ވެސް ކުރައްވާނެ ކަމަށެވެ.

" ރަށުތެރެއިން އިވޭ އަޑުތަކަށް ބަލާއިރު، ހާފިޒް އަޙްމަދު ސްކޫލަކީ ޗެލަންޖިން ސްކޫލެއް. އަޅުގަނޑަކީ ޗެލަންޖިންގ، ރިސްކު ނަގަން ކެރޭ މީހެއް. މީހުން ދައްކާ ވާހަކައެއްގެ މައްޗަށް އަޅުގަނޑުގެ ނިންމުމެއް ބިނައެއް ނުވާނެ. ދައްކާ ވާހަކަ އަޑުއަހާނަން. އަޅުގަނޑުގެ ނިންމުންތައް ނިންމާނީ، އަޅުގަނޑު އެކަމެއް ބަލައި، އޮބްޒާވްކޮށް، އަޅައި ކިޔުމަށްފަހު" ޝަޒުމީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހާފިޒު އަޙްމަދު ސްކޫލަކީ އެ ސިޓީގައި ހުރި އެންމެ ހަގު އެއް ސްކޫލު ކަމަށާއި އެ ތަނުގައި ތިބީ ވެސް ޒުވާން ޓީޗަރުންގެ އާބާދީއެއް ކަމަށެވެ. އެ ޓީޗަރުންގެ ތެރޭގައި ތަމްރީނުވެފައި ތިބި ޓީޗަރުން ގިނަ ވުމަކީ އެއީ ޓީޗަރުން މޯޓިވޭޓް ކުރުމަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށް ވެސް ޝަޒުމީނާ ވިދާޅުވިއެވެ.

" މިހާރު ވެސް އެތަނުގައި އޮތީ ކޮލިޓީ ޓީޗަރުންނާއި މެނޭޖްމަންޓް ޓީމެއް. އެހެންވެ ކިޔަވައިދިނުމާ ގުޅޭ ގޮތުން މާ ބޮޑު ދަތިތަކެއް، ގޮންޖެހުންތަކެއް ޕްރިންސިޕަލެއްގެ ހައިސިއްޔަތުން އަޅުގަނޑަކަށް ނާންނާނެ. އެތަނުގެ ތެރޭގައި ޕްރޮފެޝަނަލް ލަރނިންގ ކޮމިއުނިޓީއެއް އުފައްދުން އެއީ އަޅުގަނޑުގެ އަމާޒަކީ"

ހާފިޒު އަޙްމަދު ސްކޫލަކީ ފުވައްމުލަކު ސިޓީގައި ސަރުކާރުން ހިންގާ ހަތަރުސްކޫލުގެ ތެރެއިން އެންމެ އާބާދީ ބޮޑު ދެ ސްކޫލުގެ ތެރެއިން އެއް ސްކޫލެވެ. އެ ސްކޫލުގައި 559 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *