ބޭރުގެ ދަރިވަރުންނާއެކު "އެކްސްޗޭންޖް ޕްރޮގްރާމް"އެއް އިމާދުއްދީނުން ފަށައިފި

ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ބައިވެރިވެވޭ "އެކްސްޗޭންޖް ޕްރޮގްރާމް" އެއް އިމާދުއްދީން ސްކޫލުން ފަށައިފިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން އިންޑިޔާގެ އަކާޝް އިންޓަރނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރަކު ދަނީ އިމާދުއްދީނުގައި ކިޔަވަމުންނެވެ. އެއް ހަފްތާގެ މުއްދަތަށް މި ދަރިވަރުންނާ ހަވާލުވީ އިމާދުއްދީނުގެ ދަރިވަރުންގެ ތެރެއިން ހޮވި ހަތަރު ދަރިވަރުންނެވެ. މި ފަހުގެ ތާރީޚުގައި، މިފަދަ އެކްސްޗޭންޖް ޕްރޮގާރާމެއް ސްކޫލަކުން އިސްނަގައިގެން ހިންގާފައެއް ނުވެއެވެ.

މި ދަރިވަރުންނާއެކު އަކާޝް އިންޓަރނޭޝަނަލް ސްކޫލުގެ އިސް ތިން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ސްކޫލުގެ ޑައިރެކްޓަރާއި ހެޑްމާސްޓަރ އާއި އެސޯސިއޭޓެޑް ސައިކޮލޮޖިސްޓެކެވެ.

އިމާދުއްދީނުގެ އިންކުލޫސިވް އެޑިޔުކޭޝަން އެނަލިސްޓް ސީނިޔާ މުސްތަފާ ވިދާޅުވީ، އެކްސްޗޭންޖް ޕްރޮގްރާމުގައި މި ފަހަރު ބައިވެރިވީ ގުރޭޑް 10ގައި ކިޔަވާ ދެ ދަރިވަރުންނާއި ގުރޭޑް ނުވައެއް އަދި އަށެއްގައި ކިޔަވާ ދަރިވަރެކެވެ.

އޭނާ ވިދާޅުވީ އެ ކުދިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައްކެއް ރާވާފައިވާ ކަމަށާއި އެ ހުރިހާ ހަރަކާތެއް ކުރިއަށް ދާނީ ވަށާޖެހޭ ތައުލީމުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

" ހުރިހާ ކަމެއް ވެސް ކުރިއަށް ދާނީ ވަށާޖެހޭ ތައުލީމެއްގެ ތެރެއިން. އެކަޑަމިކް ބަޔާއި އެކްސްޓްރާ ކަރިކިއުލަމްގެ ބަޔާއި ކޯ ކަރިކއުލަމް އެކްޓިވިޓީސްތަކާއެކު ހުރިހާ ރަހައެއް ވެސް ހިމަނައިގެން މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ" ސީނިޔާ ވިދާޅުވިއެވެ.

" ހެނދުނު އެ ދަރިވަރުން ބައިވެރިވާނީ ގުރޭޑް ކުލާސްތަކުގައި. އޭގެ ފަހުން ބައެއް ސްކޫލްތަކަށް ޒިޔާރަތް ކުރުމާއި މާލޭއާއި ހުޅުމާލެ އަދި ވިލިނގިލީގެ މުހިންމު ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ މައުލޫމާތު ހޯދާނެ"

ސީނިޔާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ތެރެއިން އިމާދުއްދީނުގެ ދަރިވަރުން ވެސް އަކާޝް އިންޓަރނޭޝަނަލް ސްކޫލުގައި މިފަދަ ތަޖުރިބާތަކެއް ކުރާނެއެވެ. އެކަމަކު އިންޑިޔާއަށް ދާނެ ވަކި ދުވަހެއް އަދި ކަނޑަނާޅާ ކަމަށް ސީނިޔާ ވިދާޅުވިއެވެ.

ސީނިޔާ ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ބޭރުގެ ރަހުމަތްތެރިން ލިބުމާއި ދަރިވަރުންގެ ގާބިލުކަން އިތުރުކޮށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ގިނަ ފުރުޞަތު ތަކެއް ލިބިގެންދާނެ ކަމަށެވެ.

" އެއްބައެއްގެ ގޮތުގައި އުޅުމާއި ކާދަކާދާއި ސަޤާފަތް ދަސްކޮށް، ބޭރުގެ އެކުވެރިން ލިބި ގުޅުންތައް ދެމެހެއްޓުމަށް އެތައް ކަންތައްތަކެއް ދަސްވެގެންދާނެ"

އެކްސްޗޭންޖް ޕްރޮގްރާމުގައި ބައިވެރިވާ އަކާޝް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން އިސްކަންދަރު ސްކޫލަށް އިއްޔެ ޒިޔާރަތް ކުރިއެވެ. އެ ސްކޫލުން އެ ދަރިވަރުންނަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ.

ސިނިޔާ ވިދާޅުވީ އިމާދުއްދީނުގެ ގުރޭޑް 6ގެ ދަރިވަރުންގެ ފިލާވަޅާ ގުޅުވައިގެން ދިވެހި ކޭން ތައްޔާރު ކުރުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ. އެ ކޭމުގައި ވެސް އެ ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.

އެކްޗޭންޖް ޕްރޮގްރާމުގައި ބައިވެރިވި އަކާޝް ސްކޫލްގެ ޓީމް ފުރާނީ އަންނަ ހުކުރު ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *