ޒަމާނީ ވަޞީލަތްތަކާއެކު، އިމާދުއްދީން ސްކޫލްގެ "ޝުޖާޢީ ލައިބްރަރީ" މިއަދު ހުޅުވައިފިއެވެ. ލައިބްރަރީ ހުޅުއްވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީއެވެ.
މިނިސްޓަރު ވިދާޅުވީ، މުޖްތަމަޢުގައި އެހެން މީހުންނާ ގުޅިގެން ކާމިޔާބު މީހެއްގެ ގޮތުގައި ދިރިއުޅުމަށްޓަކައި ބޭނުންވާ މަޢުލޫމާތާއި ހުނަރު، ފޮތްތަކުގެ ތެރެއިން ލިބިގެން ދާނެ ކަމަށެވެ. ސްކޫލްގައި ކިޔަވައި ދެވެނީ ކަރިކިއުލަމުގައި އެ އޮންނަ މާއްދާތައް އެކަނި ކަމަށެވެ. އޭގެ އިތުރުން އެތައް ބައިވަރު މަޢުލޫމާތެއް ފޮތް ތަކުން ދަރިވަރުންނަށް ލިއްބައިދޭ ކަމަށާއި، ފޮތްތަކުގެ ތެރެއިން ކުދިންގެ ވިސްނުން ވަރަށް ބޮޑަށް ހުޅުވާލަދޭ ކަމަށް ވިދާޅުވިއެވެ.
ލައިބްރަރީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގައި ސްޕޮންސަރުންގެ ދީލަތި އެހީތެރިކަން އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫޙު ވަނީ، ފާހަގަކުރައްވާފައެވެ. އައިމާ ކޮންސްޓްރަކްޝަނާއި ފެނަކަ ކޯޕަރޭޝަނާއި ދަމާސްގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މަމްދޫޙް ވިދާޅުވިއެވެ.
ޕްރިންސިޕަލް މަމްދޫޙް ވިދާޅުވީ ތައުލީމީ ނިޒާމް ކާމިޔާބު ވާނީ، ކޮމިއުނިޓީ ބޭސްޑް ސިސްޓަމެއްގެ ތެރެއިން ކަމަށާއި، އެސްކޫލުން ޚިޔާރު ކުރީ ކޮމިއުނިޓީ ބޭސްޑް ސިސްޓަމުގެ ތެރެއިން އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ.
" ތަޢުލީމީ ނިޒާމުގައި އެންމެ ރަނގަޅު މޮޑެލަކީ ކޮމިއުނިޓީ ބޭސްޑް ސިސްޓަމެއް. މިނިސްޓްރީން އެއްޗެއް ދޭނެ ކަމަށް އިންތިޒާރުމުގެ ބަދަލުގައި 190 އަށްވުރެ ގިނަ މުވައްޒަފުން، 1400 ކުދިންނަށް ޚިދުމަތް ދިނުމުގައި ޚިޔާރު ކުރީ ކޮމިއުނިޓީ ބޭސްޑް ސިސްޓަމް" މަމްދޫޙް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ފަންނު ވެށި ހުޅުވައިފީމު. މިހާރު މި ހުޅުވީ ލައިބްރަރީ"
މަމްދޫޙް ވިދާޅުވި ގޮތުގައި، ލައިބްރަރީގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވުނީ ނިމިދިޔަ އަހަރުގެ ޕީޓީއޭއިން ކުރި ބުރަ މަސައްކަތުން ކަމަށާއި، ދެން އޮތީ އޭވީ ރޫމް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ.
މަމްދޫޙް ވިދާޅުވީ، ދުރު އަމާޒަކީ ދެ ޔުނިވަރސިޓީއެއްގެ އޮންލައިން ލައިބްރަރީއަށް ކުދިންނަށް ވަދެވޭ ގޮތް ހެދުމެވެ.
އިމާދުއްދީން ސްކޫލްގެ ލައިބްރައީގައި، 45 އާއި 50 ކުދިންނަށް އެއް ފަހަރާ ފޮތް ކިޔާނެ ޖާގަ ވަނީ ތަނަވަސްކޮށްފައެވެ. ޑިސްކަޝަން ރޫމަކާއި ލައިބްރަރީން ބޭރުގައި އެކަނިމާއެކަނި އޮށޯވެލައިގެން އޮވެ ފޮތް ކިޔާނެ ތަނެއް ވެސް ޚާއްޞަ ކޮށްފައި ވެއެވެ.
އިމާދުއްދީން ސްކޫލްގައި 1400 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ހިޔާލު