ހުރިހާ ސްކޫލެއްގައި ވެސް ދިރާސީ އަހަރު ނިމި، ދަރިވަރުންނަށް ރިޕޯޓް ފޯމް މިއަދު ދޭނެއެވެ. އަހަރެން ނިމި ރިޕޯޓް ފޯމް ލިބޭ ދުވަހަކީ ހުރިހާ ދަރިވަރުންނަށް މުހިންމު ދުވަހެކެވެ. ކޮންމެ ކުއްޖަކު ވެސް މަސައްކަތް ކުރަނީ އެކުއްޖެއްގެ ކިބައިގައި ހުރި ހުނަރެއް ތަރަޤީކުރުމަށެވެ. މި ހުނަރު ތަރައްޤީ ކުރުމުގައި އެކި ކުދިންނަށް ޙާޞިލްކުރެވޭ މިންވަރު ތަފާތު ވާނެއެވެ. އަހަރެއް ނިމިގެންދާއިރު ކޮންމެ ކުއްޖަކަކަށް ވެސް އެކަށގެންވާ މިންވަރަކަށް މަސައްކަތް ކުރެވެއެވެ.
ދަރިވަރުންނަށް ރިޕޯޓް ފޯމް ލިބޭ ދުވަހަކީ ޚާއްޞަ ދުވަހަކަށް ހަދަންޖެހެއެވެ. އެއީ އެކުދިންނަށް ލިބޭ އުފާވެރި ދުވަހެއްގެ ބަދަލުގައި މާޔޫސްވާ ދުވަހަކަށް ނުހެދުން މުހިންމެވެ. މިކަމަށް ޓީޗަރުންނާއި ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ނިއުމާ މުޙައްމަދު ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް ކުރެވުނު އެންމެ ރަނގަޅަށް މިފަހަރު މިވަނީ ކާމިޔާބީ ހާސިލްކޮށްފައެވެ.
ކޮންމެ ކުއްޖަކީ ވެސް ތަފާތު ހުނަރުތަކާއި ގާބިލްކަން ލިބިފައިވާ ތަފާތު ކުއްޖެކެވެ. އެކިކުދިން މޮޅުވާނީ އެކިކަންކަމަށެވެ. އެކި ހުނަރުތަކަށެވެ. ކުރާހިތްވާނީ އެކިކަންކަމެވެ.
" ލޯބިވާ ދަރިފުޅަށް، މި ދުވަހު (ފޯމް ދޭ ދުވަހު) ބޭނުން ވަނީ ތިޔަބޭފުޅުންގެ ހިތްވަރާއި ލޯތްބާއި ގާތްކަމާއި ހެޔޮ ބަސްތައް. އެކުދިން އަމިއްލަ ނަފްސަށް އިތުބާރުކޮށް އަންނަ ދިރާސީ އާ އަހަރު އިތުރު ހިތްވަރަކާއެކު ކެރިގެން މަސައްކަތް ކުރާނީ މަންމައާއި ބައްޕަގެ ހިނިތުންވެފައި ތިބި އުފާވެރި މޫނުތައް ފެނުމުން" ނިއުމާ ވިދާޅުވިއެވެ.

ނިއުމާ ވަނީ އެހެން ކަމެއް ވެސް ބެލެނިވެރިނަށް ހަނދާން ކޮށްދެއްވާފައެވެ. އެއީ ދަރިފުޅުގެ ކުރިމަތީގަގައި އެއްވެސްކުއްޖެއްގެ މޮޅު ވާހަކަ ނުދެއްކުމާއި، އެހެން ކުދިންނާ އަޅާ ނުކިޔުމެވެ.
" ހަދާން ކުރަންވީ އަމިއްލަ ދަރިފުޅު ކުރިމަތީ ބަހައްޓައިގެން އެއްވެސް އެހެންކުއްޖެއްގެ މޮޅުވާހަކަ ވެސް، އެއީ ދަށްކުއްޖެކޭ ވެސް ނުކިޔުއްވުން. (އެހެންކުދިންގެ ވާހަކަ ދަރިފުޅު ކައިރީ ނުދެއްކެވުން) އަދި އެއްވެސް އެހެން ކުއްޖަކަށް ލިބުނު ނަތީޖާ އަނެއް ބެލެނިވެރިޔާ ގާތުގައި ނޭއްސެވުން. ކޮންމެ ދަރިވަރެއްގެ ނަތީޖާއަކީ އެދަރިވަރެއްގެ ވަރަށް"ސިއްރު"މައުލޫމާތެއް. އެމައުލޫމާތު އާންމު ނުކުރައްވާ ރައްކާތެރި ކަމާއެކު ގެންގުޅުއްވުން ވަރަށް މުހިންމު" ނިއުމާ ވިދާޅުވިއެވެ.
advertisment
ހިޔާލު